ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ފުރަތަމަ ތިން މަހު 549 މިލިޔަން ރުފިޔާ ދައުލަތަށް ލިބިއްޖެ

ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ފުރަތަމަ ތިން މަހު 549 މިލިޔަން ރުފިޔާ ދައުލަތަށް ލިބިއްޖެ

19 hours ago - 11:41

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދައުލަތަށް 500 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.


މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދައުލަތަށް ވަނީ 549 މިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 488 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 12.5 އިންސައްތައިގެ އިތުރުވުމެކެވެ.


މި މުއްދަތުގެ ތެރޭގައި ރިސޯޓް ބިމު ކުލީގެ ގޮތުގައި 35 މިލިޔަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 32 މިލިޔަން ޑޮލަރެވެ. މީގެއިތުރުން، ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު 440 މިލިޔަން ރުފިޔާއަކީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 10.9 އިންސައްތައެވެ. އަދި ޑޮލަރުން ލިބުނު އާމްދަނީގެ ތެރެއިން 29 މިލިޔަން ޑޮލަރަކީ ރިސޯޓް ކުލީގެ ގޮތުގައި ލިބުނު ފައިސާއެވެ. މިއީ ޑޮލަރުން ލިބުނު އާމްދަނީގެ 14 އިންސައްތަކަމަށް މީރާގެ ރިޕޯޓުން ދައްކައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއެކު، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1303 ތަނެއް ވަނީ ހުޅުވާފައެވެ. މީގެ ތެރޭގައި 180 ރިސޯޓް ހިމެނޭއިރު، މި ތަންތަނުގެ ބެޑް ކެޕޭސިޓީއަކީ 45،111 އެވެ.


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކައެވެ. ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެއްގެ ގޮތުގައި އޮތީ ޗައިނާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow