އައިއެމް މޯލްޑިވްސް ރޯޑްޝޯގައި ތޮއްޑޫގެ 14 ގެސްޓް ހައުސްއަކުން ބައިވެރިވެއްޖެ

އައިއެމް މޯލްޑިވްސް ރޯޑްޝޯގައި ތޮއްޑޫގެ 14 ގެސްޓް ހައުސްއަކުން ބައިވެރިވެއްޖެ

19 hours ago - 11:32

އައިއެމް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހޮންގްކޮންގް އަދި މެލޭޝިއާގައި ކުރިއަށްގެންދިޔަ ރޯޑްޝޯގައި އއ. ތޮއްޑޫގެ 14 ގެސްޓްހައުސްއަކުން ބައިވެރިވެ، އެ ރަށުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް އިޝްތިހާރުކޮށްފިއެވެ.


މި ރޯޑްޝޯ ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ހޮންގްކޮންގްގައެވެ. އަދި މި މަހުގެ 15 ވަނަ ދުވަހު މެލޭޝިއާގައި ވެސް މި ހަރަކާތް ވަނީ ބާއްވާފައެވެ. ތޮއްޑޫގެ ގެސްޓްހައުސްތައް ގުޅިގެން މި ރޯޑްޝޯގައި ބައިވެރިވުމުގެ މަސައްކަތް އިސްވެ ކުރެއްވީ ޝޯލައިން ގްރޭންޑްގެ ފައުންޑާ އަދި ސީއީއޯ ޒުލައިހާ އިބްރާހިމެވެ.


ޒުލައިހާ ފާހަގަކުރެއްވި ގޮތުގައި، މޯލްޑިވްސް ގެސްޓްހައުސް އެސޯސިއޭޝަނުން މި ރޯޑްޝޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން، ތޮއްޑޫގެ ފަރާތުން 14 ގެސްޓްހައުސްއަކުން ބައިވެރިވާނެކަން ވަނީ އަންގާފައެވެ. މިއީ ތޮއްޑޫގެ ގެސްޓްހައުސްތަކުން މިގޮތަށް ގުޅިގެން މި ރޯޑްޝޯގައި ބައިވެރިވި ޖެހިޖެހިގެން ތިންވަނަ ފަހަރެވެ.


މި ހަރަކާތުގެ ތެރެއިން ތޮއްޑޫގެ ގެސްޓްހައުސްތަކުން ވަނީ ޖުމްލަ 16 ގިފްޓް ވައުޗާއެއް ދޫކޮށްފައެވެ. މި ވައުޗާ ކާމިޔާބު ކުރާ ފަރާތްތަކަށް ތޮއްޑޫގެ ގެސްޓްހައުސްތަކުގައި ފަސް ރޭ ހިލޭ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.


މި ރޯޑްޝޯގައި ތޮއްޑޫގެ ގެސްޓްހައުސްތަކުން ބެހެއްޓި ސްޓޯލަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށް، އެ ރަށާ ބެހޭ މައުލޫމާތު އޮޅުންފިލުވާފައިވެއެވެ. އަދި ގިނަ ބަޔަކު ތޮއްޑޫއަށް ޒިޔާރަތްކުރުމަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ. ތޮއްޑޫއަކީ ރާއްޖޭގެ ދަނޑުވެރިކަމަށް މަޝްހޫރު، ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރަށެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow