ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯއަކީ ރައްޔިތުންގެ ބާރާއެކު ވެރިކަން ހިންގުމަށް ހުޅުވާލި ދޮރެއް: މުންދު

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯއަކީ ރައްޔިތުންގެ ބާރާއެކު ވެރިކަން ހިންގުމަށް ހުޅުވާލި ދޮރެއް: މުންދު

19 hours ago - 11:24

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގާއިމުކުރެއްވި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އަކީ ރައްޔިތުންގެ ސީދާ ބައިވެރިވުމާއި ބާރާއެކު ވެރިކަން ހިންގުމުގެ މަގުސަދުގައި އުފެއްދެވި މުހިންމު އޮފީހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.


ތަރުޖަމާނު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ބޭނުންފުޅުވަނީ ރައްޔިތުންގެ އަޑު ގާތުން އައްސަވައި، ރައްޔިތުންގެ ޝުޢޫރުތަކާއި ބޭނުންތަކާ އެއްގޮތަށް ދައުލަތް ހިންގުމުގެ ކަންކަން ބައްޓަން ކުރެއްވުމަށް ކަމަށެވެ. އަދި އަލަށް އުފެއްދެވި ބިއުރޯގެ ސަބަބުން ދައުލަތާއި ސަރުކާރުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފަސޭހަކަމާއެކު ހިއްސާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައިވެސް ކަންކަން ކުރަމުންދާ ފުރިހަމަ ނިޒާމެއްކަން ފާހަގަކުރައްވަމުން، ތަރުޖަމާނު ވިދާޅުވީ މި ބިއުރޯއަށް ހުށަހަޅާ ޝަކުވާތައް ބަލައިގަތުމުގައި ޒަމާނީ 'އާޓިފިޝަލް އިންޓެލިޖެންސް' (އޭއައި) ޓޫލްތައް ބޭނުންކުރާނެ ކަމަށެވެ.


"މިސާލަކަށް މިއަދު އަޅުގަނޑުމެންނަށް ލިބެނީ 500 ޝަކުވާ. ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި ކަންކަމާމެދު. ލިބުނީމަ އެ ހުރިހާ އެއްޗެއް އޭއައި ޓޫލުން ވަކިކޮށްލާފައި، މިއީ ހައުސިންގ މިނިސްޓްރީއާ ގުޅޭ އެއްޗެކޭ ނުވަތަ ހޯމް މިނިސްޓްރީއާ ގުޅޭ އެއްޗެކޭ ބުނެދޭނެ. އަދި އެ ވުޒާރާއެއްގެ ތެރެއިން ވަކި އިދާރާއަކާ ގުޅޭ ކަމެއްނަމަ އެހާ ހިސާބަށްވެސް ތިލަކޮށްލަދޭނެ،" މުޙައްމަދު ހުސައިން ޝަރީފް ތަފްސީލުކޮށްދެއްވިއެވެ.


ތަރުޖަމާނު އިތުރަށް ވިދާޅުވީ، މިގޮތަށް ޝަކުވާ ހުށަހަޅާ އެއްވެސް ފަރާތަކާމެދު އެއްވެސް ބާވަތެއްގެ ފިޔަވަޅެއް ނޭޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން އަރުވާ ކަމަށެވެ. އަދި މި ބިއުރޯގެ މަސައްކަތް ކާމިޔާބުވާނީ ރައްޔިތުން މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމުން ކަމަށާއި، ބިއުރޯގައި މަސައްކަތް ކުރައްވާ ފަންނީ ބޭފުޅުން ވީހާވެސް އަވަހަށް ރައްޔިތުންނަށް ޖަވާބުދާރީވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.


މި ބިއުރޯ އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު މި ބިއުރޯ ރަސްމީކޮށް ގާއިމުކޮށްފައިވާއިރު، އަމަލީ މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި ފެށޭނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ. މި ނިޒާމުގެ ތެރެއިން 24 ގަޑިއިރު ޚިދުމަތް ދޭނެ ކޯލް ސެންޓަރެއްވެސް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow