ރާއްޖޭގެ ތާރީޚުގައިވެސް ނުހިއްކާވަރަށް މި ސަރުކާރުން ބިން ހިއްކާފައިވޭ: މެންބަރު އިއްބެ
ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ބިން ނުހިއްކާހާ ބާރު ސްޕީޑެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދާ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.
މެންބަރު އިއްބެ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އެމްއެމްޓީވީން ސިލްސިލާކޮށް ކުރިއަށްގެންދާ "ރިޔާސީ ބަޔާން" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
އިއްބެ ވިދާޅުވީ މުޅި ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އެކި ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި ކުރީ ސަރުކާރުގެ ސްޕީޑާއި މި ސަރުކާރުގެ ސްޕީޑާ ދެމެދު އުޑާއި ބިމާހާ ތަފާތު ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަމުގެ މިސާލެއްގެ ގޮތުން އިއްބެ ދެއްކެވީ ހުޅުމާލޭ ފޭސް 3 ގެ މަސައްކަތެވެ. މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 63 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވަނީ އެންމެ 2 މަސްދުވަހުގެ ތެރޭގައެވެ. ހޮލެންޑުން ގެނައި ދެ ޑްރެޖަރު ބޭނުންކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުޢިއްޒު ކުރިން ވިދާޅުވެފައިވާ ފަދައިން މިހާރު ވަނީ ނިންމާލާފައެވެ. އެތަނުން ދޫކުރާ 698 ގޯތީގެ ގުރުއަތުލުން މިހާރު ވަނީ ނިމިފައެވެ.
މީގެ އިތުރުން ރަސްމާލެ މަޝްރޫޢާއި ގިރާވަޅުފަޅުގެ މަސައްކަތްތަކަށްވެސް އިއްބެ އަލިއަޅުވާލެއްވިއެވެ. އޭނާ ވިދާޅުވީ ކުރީ ސަރުކާރުން ކަނޑުއަޑިން ގޯތި ދޫކޮށްފައި އޮތް ނަމަވެސް، މި ސަރުކާރުން އެ ސަރަހައްދުތައް ހިއްކައި ރައްޔިތުންނަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދާ ކަމަށެވެ.
ރަސްމާލެ ހިއްކުމަށް މިހާރު ބޭނުންކުރަމުންދަނީ ދުނިޔޭގައިވެސް ބޭނުންކުރާ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ ޑްރެޖަރެވެ. ރަސްމާލެ ވެގެންދާނީ 100 އިންސައްތަ ނެޓް ޒީރޯ ކާބަން ސްމާޓް އިކޯ ސިޓީއަކަށް ކަމަށާއި، އެތަނުން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނަށް ވެވަޑައިގަންނަވާފައިވާ ވަޢުދުތައް ވަރަށް ބާރުމިނެއްގައި ފުއްދަވަމުން ގެންދަވާކަމަށް މެންބަރު އިއްބެ ވިދާޅުވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ދިވެހި ރައްޔިތުންނަށް އިސްކަންދެއްވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން އިއްބެ ވިދާޅުވީ، ރާއްޖޭގެ ކޮންމެ ދިމާލަކުން ބަލާލި ކަމުގައިވީނަމަވެސް ފެންނަނީ "ދިވެހިން ފުރަތަމަ" އިސްކުރައްވައިގެން ރައީސް މަސައްކަތް ކުރައްވާ މަންޒަރު ކަމަށެވެ.
ރިއެކްޝަންސް