ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ހާއްސަ ބިލެއް މަޖިލީހަށް ހުށަހަޅައިފި
ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާ ގުޅޭ ހާއްސަ ބިލެއް އެކުލަވާލައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސް (ކުރީގެ ޓްވިޓާ) ގައި ވިދާޅުވީ، ސަރުކާރުގެ ފަރާތުން މި މުހިންމު ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ އަތުން އަތުލައި، އެ މުދަލާއި ފައިސާ ބޭނުންކޮށްގެން އިތުރު މާލީ މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ.
މީގެއިތުރުން، މި ގާނޫނު ވުޖޫދަށް އައުމުން ޖިނާއީ ބޮޑެތި ކުށްތަކުން ހޯދާ މުދަލާއި ފައިސާއިން އިތުރު މާލީ މަންފާ ހޯދުން ހުއްޓުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކި ފަރާތްތަކުން ޖިނާއީ ކުށްތައް ކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ އަނބުރާ ހޯދުމުގައި މިހާރު ދިމާވެފައިވާ ގާނޫނީ ގޮންޖެހުންތަކާއި ހުރަސްތަކަށް މި ބިލުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގާނޫނާ ހިލާފަށް ހޯދާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ހޯދޭނެ ފުރިހަމަ ނިޒާމެއް މީގެ ކުރިން ގާއިމުވެފައި ނެތުމަކީ، ކޮރަޕްޝަން ފަދަ އަމަލުތައް ހިންގާ ފަރާތްތަކުން އެ ފައިސާ ބޭނުންކޮށްގެން ނުހައްގު މުއްސަނދިކަން އިތުރުކުރުމަށާއި، ފައިސާގެ އަސްލު އޮޅުވާލައި މަންފާ ހޯދުމަށް މަގުފަހިވާ ކަމެކެވެ.
މިފަދަ ކަންކަން ހުއްޓުވައި، ކުށްކޮށްގެން ހޯދާ މުދާ އަނބުރާ ހޯދުމުގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިސްނެގުމުގެ މަތިން "އެސެޓް ރިކަވަރީ ނަމޫނާ ގާނޫނު" ގެ ނަމުގައި ޑްރާފްޓެއްވެސް މީގެ ކުރިން ވަނީ އެކުލަވާލާފައެވެ.
ރިއެކްޝަންސް

