ހުޅުމާލޭގައި ތަރައްގީކުރާ "އެމްއެޗްއޭ ޕްރޮމެނާޑް"ގެ 30 މިލިއަން ރުފިޔާގެ ސުކޫކު ކާމިޔާބުކަމާއެކު ވިއްކާ ނިންމާލައިފި
ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ "އެމްއެޗްއޭ ޕްރޮމެނާޑް" އިމާރާތްކުރުމުގެ މަޝްރޫއަށް ފައިނޭންސް ހޯދުމުގެ ގޮތުން އެމްއެޗްއޭއިން ދޫކުރި 30 މިލިއަން ރުފިޔާގެ ސުކޫކު ކާމިޔާބުކަމާއެކު ވިއްކާ ނިންމާލައިފިއެވެ.
މިއީ ޕެރެލަލް އިސްތިސްނާ އުސޫލުން 5 އަހަރު ދުވަހުގެ މުއްދަތަށް ދޫކޮށްފައިވާ ސުކޫކެކެވެ. މި ސުކޫކުގެ އަހަރީ ޕްރޮފިޓް ރޭޓަކީ 8 ޕަސެންޓެވެ. އަދި މި ސުކޫކުގައި އިންވެސްޓްކުރި ފަރާތްތަކަށް އަހަރަކު ދެ ފަހަރު (ބައިއެނުއަލްކޮށް) ފައިދާ ނުވަތަ ރިޓާން ލިބޭނެއެވެ. މި އިޝޫގައި ޖުމްލަ 30،000 ސުކޫކު ހިމެނޭއިރު، ކޮންމެ ސުކޫކެއްގެ މޫނުމަތީ އަގަކީ 1،000 ރުފިޔާއެވެ.
އެމްއެޗްއޭގެ މި ސުކޫކުގައި ރީޓެއިލް އިންވެސްޓަރުންނާއި އިންސްޓިޓިއުޝަނަލް އިންވެސްޓަރުން ވަނީ ފުޅާ ދާއިރާއެއްގައި ބައިވެރިވެ އިންވެސްޓްކޮށްފައެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި، މި ސުކޫކަށް ލިބުނު ބޮޑު ތަރުހީބުން ދޭހަވަނީ އެމްއެޗްއޭގެ ކުރިމަގުގެ ތަސައްވަރަށާއި، ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ހުރި ޝަރީއާ ކޮމްޕްލަޔަންޓް ޕްރޮޑަކްޓްތަކަށް އިންވެސްޓަރުންގެ އިތުބާރު ބޮޑުވަމުން އަންނަކަމެވެ.
މި ސުކޫކު ވިއްކައިގެން ލިބުނު ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި އެމްއެޗްއޭގެ ރީޓެއިލް އަދި ލޮޖިސްޓިކްސް އޮޕަރޭޝަންތައް ފުޅާކުރުމަށް ތަރައްގީކުރާ "އެމްއެޗްއޭ ޕްރޮމެނާޑް" އަށެވެ. މި މަޝްރޫއުގެ ދަށުން ރީޓެއިލް އަދި ލޮޖިސްޓިކްސް ކޮމްޕްލެކްސްއެއް އެޅުމަށް ހަމަޖެހިފައިވާއިރު، އެތަނުގައި ހޯލްސޭލް އަދި ޑިސްޓްރިބިއުޝަން ސެންޓަރުތަކާއި، ޝޯރޫމް އައުޓްލެޓްތަކާއި، ސްޓޯރޭޖް ފެސިލިޓީތަކުގެ އިތުރުން ޒަމާނީ އޮފީސް ޖާގަތައް ހިމެނޭނެއެވެ.
މި ސުކޫކު އިޝޫ ކާމިޔާބުކަމާއެކު ނިންމާލެވުމާ ގުޅިގެން އެމްއެޗްއޭގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހުމަދު ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުން ގަޔާވާ، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
"އާބާދީއަށް އައި ބަދަލުތަކާއެކު އާއިލާއާއި ރައްޓެހިން އަދި ކޮމިއުނިޓީ ވަގުތު ހޭދަކޮށްލަން ދާނެ ހިތްގައިމު ތަންތަން ބޭނުންވޭ. އެމްއެޗްއޭ ޕްރޮމެނާޑް ތަރައްގީކުރެވެނީ މި ހިޔާލާއެކު، އާއިލާތަކަށް މުހިންމުކަންދޭ، ޒަމާނީ ތަނެއްގެ ގޮތުގައި؛ މީހުން އެއްތަނަކަށް ޖަމާވެ، ގުޅުންތައް ބަދަހިކޮށް، ވަގުތުކޮޅެއް އެކުއެކީގައި ހޭދަކުރެވޭ މަންޒިލެއްގެ ގޮތުގައި،" ސޮފްވާން ވިދާޅުވިއެވެ. މީގެއިތުރުން، މި ސުކޫކު ކާމިޔާބުވުމަކީ ކުންފުންޏާމެދު އިންވެސްޓަރުން ކުރާ އިތުބާރު ހާމަވާ ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފަސްޓް ނެޝަނަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހަސަން ޒިޔާތު ވިދާޅުވީ، އެމްއެޗްއޭ ސުކޫކު ފުރިހަމައަށް ސަބްސްކްރައިބްވެ ނިމިގެން ދިއުމަކީ ކެޕިޓަލް މާކެޓުގައި އިސްލާމީ ޝަރީއާ ހުއްދަކުރާ އިންވެސްޓްމަންޓް ފުރުސަތުތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ސާބިތުކޮށްދޭ މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި ހާއްސަކޮށް ރީޓެއިލް އަދި އިންސްޓިޓިއުޝަނަލް އިންވެސްޓަރުން މިކަމުގައި ބައިވެރިވުމަކީ ރާއްޖޭގެ ކެޕިޓަލް މާކެޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ރިއެކްޝަންސް





