
ރައީސްގެ ލިވަޕޫލް ދަތުރަށް ޚަރަދުވީ 153,000 ރުފިޔާ
ރައީސްގެ ލިވަޕޫލް ދަތުރަށް ޚަރަދުވީ 153,000 ރުފިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތުގެ ލިވަޕޫލް ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގެ ތަފްސީލް, އިސްވެ އެމަނިކުފާނުގެ އޮފީހުން މިއަދު ވަނީ މީޑިޔާއާ ހިއްސާކުރައްވާފައެވެ. މިމަހުގެ 1-5 އަށް ކުރެއްވި ދަތުރުފުޅަށް ޚަރަދުކުރެއްވި ސީދާ އަދަދު ކަމަށް ރައީސް އޮފީހުން ވިދާޅުވީ 153,689.92ރުފިޔާއެވެ.
އެމަނިކުފާނު ލިވަޕޫލް ސިޓީއަށް ކުރެއްވި ދަތުރުފުޅަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ފެށުމަށް ކުރެއްވި ދަތުރުފުޅެކެވެ. ރާއްޖެއާ ލިވަޕޫލް ގުޅުމުގެ ތެރެއިން ލިވަޕޫލްގެ ސްޓޭޑިއަމްގެ އަރިމަތީ ލެޑް ބޯޑްތަކުގައި ރާއްޖެ އިޝްތިހާރު ކުރަން ފެށީ ލިވަޕޫލާއި އެވަޓަން މިމަހު ވާދަކުރި މެޗުގައެވެ. ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ވަޑައިގެން ބައްލަވާލެއްވީ އެމެޗެވެ.
ލިވަޕޫލް ފުޓްބޯޅަ ކްލަބާ އެކު އެމްއެމްޕީއާރުސީން ހެދި އެއްބަސްވުމުގެ ދަށުން ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ ޓްރެވަލް ޑެސްޓިނޭޝަނަކީ ރާއްޖެ އެވެ. އެއެއްބަސްވުމުގެ ދަށުން ލިވަޕޫލްއިން 'ވިޒިޓް މޯލްޑިވްސް' ޕްރޮމޯޓް ކުރަން ވަނީ ފަށާފައެވެ.
ރައީސްގެ ދަތުރުފުޅުގައި ލިވަޕޫލްގެ ޒަމާނީ ވަސީލަތްތައް ބައްލަވާލެއްވިއެވެ. އަދި ދަތުރުފުޅުގެ ތެރެއިން އިނގިރޭސި ވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވިއެވެ.
ރިއެކްޝަންސް






