
ރައީސް މުއިއްޒު ވަނީ މިނިވަން މުއައްސަސާތައް މުސްތަޤިއްލުކަމާއެކު ޒިންމާ އަދާކުރަން ފުރުޞަތު ދީފަ- ޕީއެންސީ
ހުސްނުއް ސުޢޫދު އިސްކުރެއްވީ އެކްޓިވިޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ މިނިވަން މުއައްސަސާތައް މުސްތަޤިއްލުކަމާއެކު ޤާނޫނީ ޒިންމާ އަދާކުރުމުގެ ފުރުޞަތު ދީފައި ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީގެ ރައީސްކަންވެސް ކުރައްވާ ރައީސް ޑރ.މުއިއްޒު ވަނީ މިނިވަން މުއައްސަސާތަކާ މަތިކުރެވިފައިވާ ދުސްތޫރީ އަދި ޤާނޫނީ ޒިންމާ އަދާކުރުމުގެ ފުރުޞަތު ދެއްވާފައި ކަމަށެވެ.
"އެފަދަ މުއައްސަސާ އަކުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް އަދާކުރުމަކީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫނެވެ. އެއީ ދުސްތޫރީ ޤާނޫނީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުން ދިއުމެވެ" ބަޔާނުގައި ވެއެވެ. ބެލެވޭ ގޮތުން އެއިޝާރާތް ކުރައްވަނީ ޖޭއެސްސީން ސްޕްރީމް ކޯޓްގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރައްވާ އެފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންދާ ދިއުމަށެވެ.
ޕީއެންސީން ވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ނެގެހެއްޓުމުގައި އަދި މިނިޒާމް ހިނގަންޖެހޭ ގޮތަށް ހިނގަމުންދާކަން ކަށަވަރުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދައްކަވަމުންދާ ނަމޫނާ ފާހަގަކުރައްވާފައެވެ.
ޕީއެންސީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ސްޕްރީމް ކޯޓްގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް, ތިން ފަނޑުޔާރުންގެ މައްސަލަތައް ޖޭއެސްސީން ބަލަމުން ދަނިކޮށް, އޭގެތެރެއިން އެއް ފަނޑިޔާރު ހުސްނުއް ސުޢޫދު އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. ހުސްނުއް ސުޢޫދު އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެއެވެ.
ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުކަމުގެ މަގާމްގައިވެސް އަދި މަޤާމުން ވަކިވެވަޑައިގަތުމުގައިވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުޞޫލު އިސްކުރުމަކީ ޤާނޫނީ ނިޒާމް ދަންނަ ކަމެއް ނޫން ކަމަށެވެ. ޕީއެންސީގެ ބަޔާނުގައި ފާހަގަކުރައްވާފައި ވަނީ ހުސްނުޢް ސުޢޫދު ފަނޑިޔާރު ކަމުން ވަކިވެވަޑައިގަތުމުގައި އަމަލުކުރެއްވި ގޮތަށެވެ.
"ހުސްނުޢް ސުޢޫދު އިސްތިއުފާ ދެއްވުމުގައި ޢަމަލުކުރެއްވި ގޮތުން ފަނޑިޔާރު ސުޢޫދު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓްގެ ފަނޑިޔާރު ކަމުގައިވެސް ގެންގުޅުއްވީ އެމަޤާމަށް ވަޑައިގަތުމުގެ ކުރިންވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުޞޫލުކަން ސާފްވެއްޖެ އެވެ." ޕީއެންސީގެ ބަޔާނުނުގައި ބުނެފައި ވެއެވެ.
ރިއެކްޝަންސް






