އިންތިހާބުގެ ދެވަނަ ބުރު: ވާދަވެރި ފަސް ދާއިރާގެ ތެރެއިން ތިން ދާއިރާއެއް ޕީއެންސީން ކާމިޔާބުކޮށްފި
މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންގައި ވޯޓުލުން ކުރިއަށްދިޔަ ފަސް ދާއިރާގެ ތެރެއިން ތިން ދާއިރާއެއްގެ ގޮނޑި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބު ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް ހައްވާ ފަޒުނާއެވެ. އޭނާ މި ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް މަހުދިއްޔާ އާދަމްއާ ވާދަކޮށްގެންނެވެ.
މީގެ އިތުރުން، ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމުގެ ގޮނޑި ވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. އެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތުރު ރިއުޒާއެވެ. އޭނާއާ ވާދަކުރީ އަމިއްލަ ގޮތުން ކުރިމަތިލީ ފާތިމަތު ނިޝާދާއެވެ.
ޕީއެންސީން ކާމިޔާބުކުރި ތިންވަނަ ދާއިރާއަކީ ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއެވެ. އެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރި ފާތިމަތު ޝާފިޔާ ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް މާއިޝާގެ މައްޗަށް ކުރިހޯދާފައެވެ.
މިއަދުގެ އިންތިހާބުގައި ދެން ހިމެނޭ ދެ ދާއިރާގެ ނަތީޖާ އަދި މުޅިން ޔަގީންވެފައެއް ނުވެއެވެ. އެއީ ފުވައްމުލަކު ސިޓީގެ ދަޑިމަގު ދާއިރާގެ ކައުންސިލަރު ހޮވުމަށް ބޭއްވި އިންތިހާބާއި، ބ. ދޮންފަނު ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބޭއްވި އިންތިހާބެވެ.
ފުވައްމުލަކު ދަޑިމަގު ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ޕީއެންސީގެ ކެންޑިޑޭޓް އާއިޝަތު އަބްދުލްގާދިރާއި އަމިއްލަ ގޮތުން ވާދަކުރާ ޝީޒާ އިބްރާހީމެވެ. އަދި ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް ވާދަކުރަނީ ޕީއެންސީގެ ކެންޑިޑޭޓް އާއިޝަތު މުނާ އާއި އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު ރަފާހްއެވެ.
މި އިންތިހާބުތަކަކީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައި-އިލެކްޝަންތަކެކެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ ކުރިއަށް އޮތް ދުވަސްތަކުގައި އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކުރާނެއެވެ.
ރިއެކްޝަންސް

