އައްޑޫ ބިޒްނަސް ޑައިލޮގް  މަހާސިންތާ ފަށައިފި

އައްޑޫ ބިޒްނަސް ޑައިލޮގް މަހާސިންތާ ފަށައިފި

4 hours ago - 12:00

އައްޑޫ ސިޓީގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ބާއްވާ "އައްޑޫ ބިޒްނަސް ޑައިލޮގް" މަހާސިންތާ ރަސްމީކޮށް ފަށައިފިއެވެ.

މި މަހާސިންތާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.


އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގެ މައިގަނޑު އަމާޒަކީ، އައްޑޫ ސިޓީއަށް ހަލުވި ތަރައްޤީއެއް ގެނައުމަށްޓަކައި 2027 އިން 2029 އަށް ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރުމަށް ބޭނުންވާ މަގުޗާޓު އެކުލަވައިލުމެވެ. މީގެ އިތުރުން، ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކާއި ކަންބޮޑުވުންތައް އޮޅުންފިލުވައި، އެފަރާތްތަކުން އެދޭ ބަދަލުތައް ދެނެގަތުމަކީވެސް މި މަހާސިންތާގެ މުހިންމު ބޭނުމެކެވެ.


މި މަހާސިންތާ އިފްތިތާޙްކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މި ބައްދަލުވުމުގައި އިޤްތިޞާދީ ވުޒާރާގެ އިސް ބޭފުޅުންގެ އިތުރުން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާ، ފަތުރުވެރިކަމާ ބެހޭ ވުޒާރާ، އަދި މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާ ފަދަ ކަމާގުޅުންހުރި މުހިންމު އިދާރާތަކުން ބައިވެރިވެއެވެ. މީގެ އިތުރުން މީރާ، ބޭންކުތައް އަދި އެމް.ޕީ.އެލް ފަދަ މުއައްސަސާތަކުގެ މަންދޫބުންވެސް މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވައެވެ.


މި މަހުގެ 13 އިން 14 އަށް ކުރިއަށްދާ މި ހަރަކާތުގެ ތެރެއިން، އައްޑޫގެ އިޤްތިޞާދީ ޙާލަތު ވަޒަންކުރުމަށާއި، ޚާއްޞަ އިނާޔަތްތައް ދޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ. އަދި ޓެކުހުގެ ލުއިތަކާއި، އަލަށް ފަށާ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރުމުގެ އިތުރުން، ވިޔަފާރިވެރިންގެ ޚިޔާލު ހޯދުމުގެ ސެޝަންތައްވެސް ކުރިއަށްދާނެއެވެ.


ޚާއްޞަގޮތެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލައި، އައްޑޫއަކީ އިންވެސްޓަރުންނަށް އިތުބާރު އޮތް ފަހި މާހައުލަކަށް ހެދުމަށް މި މަހާސިންތާގައި އިސްކަންދެވޭނެއެވެ. މަހާސިންތާއިން ނިންމާ ނިންމުންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ކަރުދާސް ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި، ދޭނެ އިނާޔަތްތައް ރަސްމީކޮށް ކަނޑައަޅާނެއެވެ.
ސަރުކާރުން ހާމަކުރެއްވި ގޮތުގައި، މިއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މަސައްކަތެކެވެ. އައްޑޫގައި މި މޮޑެލް ކާމިޔާބުކަމާއެކު ހިންގުމަށްފަހު، ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިފަދަ އިޤްތިޞާދީ ތަރައްޤީގެ މޮޑެލްތައް ތަޢާރަފްކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބާރުވެރިކުރުވުމަށް ސަރުކާރުން ފަށާފައިވާ މުހިންމު ދަތުރެއްގެ ފެށުމެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow