އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ފައްޔާޒު ނެރުމަށް ނަޝީދު ތާއީދު ކުރައްވައިފި، ނަޝީދު ޗެއާޕާސަންކަމަށް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާން ކުރައްވައިފިއެވެ. މީގެ އިތުރުން، އެމްޑީޕީގެ އިސްލާހީ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވުމަށްޓަކައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.
"ބޮޑު ބަދަލު" މި ނަމުގައި މިއަދު ބޭއްވި ޚާއްސަ ޕްރެސް ބްރީފިންއެއްގައި ރައީސް ނަޝީދާއި ފައްޔާޒް އިސްމާއީލް ވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ބޭނުންވާ ބޮޑެތި ބަދަލުތަކެއްގެ ތަފްސީލީ ޕްރޮޕޯސަލްއެއް ހުށަހަޅުއްވާފައެވެ. މި ޕްރޮޕޯސަލްގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާ އަކީ ތަފާތު ދެ މަގާމަކަށް ބަދަލުކުރުމެވެ.
މި ހުށަހެޅުމުގައިވާ ގޮތުން، އާންމު ބަރުލަމާނީ ނިޒާމުތަކާ ޚިލާފަށް، ސަރުކާރުގެ ވެރިޔާ (ބޮޑުވަޒީރު) އަކީވެސް ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ބޭފުޅަކަށް ހެދުމަށް ވަނީ ހުށަހަޅާފައެވެ. އާންމުކޮށް ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރު ހޮވަނީ މަޖިލިސް މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ނިޒާމަށް ގެންނަ މި ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރު ހިންގާ އެންމެ މަތީ ވެރިޔާގެ މަގާމަށް ފައްޔާޒް އިސްމާއީލް ކުރިމަތިލެއްވުމަށް ތާއީދުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ޝައުގުވެރިކަން ހުރީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ކަމަށްވެސް ވިދާޅުވިއެވެ.
"މި ބަދަލުތައް ގެނައުމަށްޓަކައި އަޅުގަނޑު ތާއީދުކުރަން ފައްޔާޒް އިސްމާއީލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް. އަދި އަޅުގަނޑު ގަސްދުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،" އެމްޑީޕީގެ އާންމު މެންބަރުންގެ ތާއީދު މި ބަދަލުތަކަށް ހޯއްދަވާނެކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މި ބަދަލުތަކަކީ 2028 ވަނަ އަހަރަށް މަޑުނުކޮށް މިހާރުން މިހާރަށް ގެންނަންޖެހޭ ބަދަލުތަކެއް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން މިހާރުގެ ސަރުކާރާއެކު މަޝްވަރާ ކުރުމަށް ތައްޔާރަށް ތިއްބެވި ކަމަށާއި، މި ބަދަލުތައް ގެނައުމަށްޓަކައި ސީދާ ހަރަކާތަށް ނުކުންނަވަން ޖެހިވަޑައިގަތަސް އެކަން ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ރައްޔިތުންގެ ބައިވެރިވުމާއި ތާއީދު މި އިސްލާހީ ބަދަލުތަކަށް ހޯއްދަވާނެ ކަމަށްވެސް ނަޝީދާއި ފައްޔާޒް މިއަދު ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް

