ސަރުކާރުގެ ކުންފުނިތައް ހަރުދަނާކުރުމަށް މުވައްޒަފުން މަދުކުރާނީ ޒިންމާދާރުކަމާއެކު: ރައީސް
ސަރުކާރު ބަދަލުވެ ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތުގެ ކުންފުނިތަކުގެ ހާލަތު ވަރަށް ބޮޑަށް ހީނަރުވެފައި އޮތް އޮތުން ހައްލުކޮށް، ހެޔޮ ވެރިކަމުގެ އުސޫލުތަކާ އެއްގޮތަށް ކުންފުނިތައް ހިންގުމަށްޓަކައި، ކުންފުނިތަކަށް ބޭނުންވާ އަދަދަށް މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނީ ޒިންމާދާރުކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ކުންފުނިތަކަށް މުވައްޒަފުން ނަގާފައި ތިބީ އެ ކުންފުނިތަކަށް ބޭނުންނުވާ މިންވަރަށް ކަމަށެވެ. އެހެންނަމަވެސް، ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، ވެރިކަމުގެ ކުރީކޮޅު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވައި ކުރިއަށް ވަޑައިގެންނެވި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި މައްސަލައިގެ މިސާލެއްގެ ގޮތުން ފެނަކަ ކޯޕަރޭޝަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ރަށްރަށުގައި އެއްވެސް މަސައްކަތެއް ނެތި، ވަޒީފާއަށް ނުނިކުމެ މުސާރަ ލިބޭ ގޮތަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައި ތިބި ކަމަށެވެ. އަދި ފެނަކައިގެ ހިންގުމުގައި ގިނަގުނަ މައްސަލަތަކެއް ހުރިކަމާއި، އެ މައްސަލަތައް ހައްލުކުރުމަށް ކުންފުންޏަށް ބޭނުންވާ މިންވަރަށް މުވައްޒަފުންގެ އަދަދު މަދުކުރަންޖެހޭކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުންވެސް ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ފެނަކައިން ވަކިކުރަމުން ދަނީ ހާޒިރީ ދަށް ނުވަތަ މަސައްކަތަށް ވަރަށް ބޮޑަށް ފަރުވާކުޑަކޮށް، ކުންފުންޏަށް އެ މުވައްޒަފުންގެ ބޭނުން އެއްގޮތަކަށްވެސް ހިފެން ނެތް މުވައްޒަފުން އެކަނި ކަމަށެވެ.
ކުންފުނިތައް ހަރުދަނާކުރުމަށް މުވައްޒަފުން މަދުކުރުމުގައި ސަރުކާރުގެ އަބަދުވެސް ވިސްނުމަކީ ވީހާވެސް ބޮޑަށް މުވައްޒަފުން ވަކިނުކޮށް ވާނެ ގޮތްތަކެއް ބެލުން ކަމަށާއި، އެހެންނަމަވެސް މަޖުބޫރުވެގެން ވަކިކުރަންޖެހޭ ހާލަތްތަކުގައިވެސް އެކަން ކުރިއަށް ގެންދާނީ ނުހަނު ޒިންމާދާރުކަމާއެކު ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރިއެކްޝަންސް

