ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކާއެކުވެސް ރާއްޖެއަށް މެދުކަނޑުމެއްނެތި ތެޔޮ ލިބޭނެ
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަންނަމުންދިޔަ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެޔޮ ހުއްޓުމެއްނެތި ލިބޭނެ އިންތިޒާމު ސަރުކާރުން ކަށަވަރުކުރާނެ ކަމަށް ބުނެފިއެވެ.
މިކަން ހާމަކުރެއްވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ފަރާތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދިވެހިރާއްޖެއަށް ބޭނުންވާ ތެޔޮ މެދުކެނޑުމެއްނެތި ލިބޭނެކަން ޔަގީންކުރުން ކަމަށެވެ.
ވަޒީރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ތެޔޮ ލިބޭނެކަމުގެ ޔަގީންކަން އޮތް ނަމަވެސް، ގިނަ ބައެއްގެ ކަންބޮޑުވުން ހުރީ ތެލުގެ އަގާ މެދުގައެވެ. ނަމަވެސް ތެލުގެ އަގަކީ ދުނިޔޭގެ ބާޒާރުގައި ކަނޑައެޅޭ އެއްޗަކަށް ވާތީ، އެއީ ރާއްޖެއަށް ނުވަތަ ދިވެހި ސަރުކާރަށް ނުފޫޒު ފޯރުވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ތެޔޮ ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލް ދެއްވަމުން ވަޒީރު ވިދާޅުވީ، މި މަހުގެ ތެރޭގައިވެސް ތިން ޝިޕްމެންޓެއް ރާއްޖެއަށް ލިބޭނެ ކަމަށެވެ. އެގޮތުން:
- މި މަހުގެ 18 ވަނަ ދުވަހު 18,000 މެޓްރިކް ޓަނުގެ ޑީސަލާއި 5,400 މެޓްރިކް ޓަނުގެ ޕެޓްރޯލް ވަނީ ގެނެސްފައެވެ.
- މި މަހުގެ 24 ވަނަ ދުވަހު 25,400 މެޓްރިކް ޓަނުގެ ޑީސަލް ޝިޕްމެންޓެއް ލިބޭނެއެވެ.
- މި މަހުގެ 28 ވަނަ ދުވަހު 28,000 މެޓްރިކް ޓަނުގެ ޖެޓް ފިއުލް ޝިޕްމެންޓެއް ރާއްޖެއަށް އަންނާނެއެވެ.
"އެހެންވީމާ ތެޔޮ ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތް. ތެޔޮ ސްޓޮކްކުރުމަށްޓަކައި ކުރިންވެސް ދެންނެވިހެން މެދުތެރެއިން އާންމުކޮށް އޮމާނުން ގަންނަމުން އައި ކަމުގައިވިޔަސް ސިންގަޕޫރުންވެސް ހުންނާނީ ޝިޕްމެންޓުތައް ގެނެސްފައި. ރައްޔިތުންނަށް އަދި ރާއްޖޭގެ ވިޔަފާރިތަކަށްވެސް ދަތިތަކެއް ނެތި ތެޔޮ ލިބޭނެ ގޮތްތައް ހުންނާނީ ހަމަޖައްސާފައި،" ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ސިނާއަތްތައް ކުރިއަށްގެންދިއުމަށްޓަކައި ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ، ނިމިދިޔަ ރޯދަމަހު މަސްވެރިކަމުގެ ސިނާއަތަށް ދިމާވި ދަތިތަކާ ގުޅިގެން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދިން ކަމެވެ.
މުދަލުގެ އަގުތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން ގެންގުޅޭ މާލީ ސިޔާސަތުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ދޫކުރުމުގައިވެސް މި އަހަރު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް 5.6 މިލިއަން ޑޮލަރު ވިޔަފާރިތަކަށް ދޫކުރެވުނު ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ އަދަދު ވަނީ އިތުރުވެފައެވެ.
ރިއެކްޝަންސް

