
އައިޕީއެލްގެ މަޝްޙޫރު މުމްބާއީ އިންޑިއަންސްގެ ޕާޓްނަރަކަށްވެސް ވިޒިޓް މޯލްޑިވްސް
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ އެންމެ މަޝްހޫރު އަދި ކާމިޔާބު ޓީމްތަކުގެ ތެރެއިން އެއް ޓީމް ކަމަށްވާ މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފިއެވެ.
މިކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިންނެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އަދި ޚާއްޞަކޮށް އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއާމެދު އޮންނަ ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްއެމްޕީއާރުސީން ވިދާޅުވިގޮތުގައި މި އެއްބަސްވުމުގެ ދަށުން:
- ކުޅިވަރު ދަނޑުތަކާއި އެހެނިހެން ގޮތްގޮތުން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރެވޭނެ
- މުމްބާއީ އިންޑިއަންސްގެ ފޭނުންނަށް މަންޒިލެއްގެ ގޮތުގައި ރާއްޖެ ދައްކާލެވޭނެ
- އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަގުފަހިވެގެންދާނެ
އެމްއެމްޕީއާރުސީގެ އަމާޒަކީ 2025 ވަނަ އަހަރު އިންޑިއާއިން ރާއްޖެއަށް 200,000 ފަތުރުވެރިން ގެނައުންކަމަށްވާއިރު، މި އެއްބަސްވުމުގެ ސަބަބުން މި އަމާޒަށް ވާސިލްވުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
މުމްބާއީ އިންޑިއަންސްއަކީ އައިޕީއެލްގެ ޗެމްޕިއަންކަން 5 ފަހަރު ހޯދާފައިވާ، އިންޑިއާގެ އެންމެ ކާމިޔާބު އެއް ކްރިކެޓް ޓީމެވެ. އަދި މިއީ އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނު މުކޭޝް އަމްބާނީގެ ޓީމެކެވެ. މި ޓީމު ހިންގުމުގައި އެންމެ އިސްކޮށް އުޅެނީ އަމްބާނީގެ އަންހެނުން ނީތާ އަމްބާނީ އެވެ.
ރިއެކްޝަންސް






