މެންދުރު 2 ޖެހުމާ ހަމައަށް ވޯޓުލި މީހުންގެ ނިސްބަތް 55 އިންސައްތައަށް އަރައިފި

މެންދުރު 2 ޖެހުމާ ހަމައަށް ވޯޓުލި މީހުންގެ ނިސްބަތް 55 އިންސައްތައަށް އަރައިފި

15 hours ago - 15:47
Apr 18, 2026 - 15:47

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި މިއަދު ކުރިއަށްދާ އިތުރު ބުރުގެ ވޯޓުލުމުގައި، މިހާތަނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 50 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.


އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 8:00 ގައި ފެށި މި ވޯޓުލުމުގައި މެންދުރު 2:00 ޖެހުމާ ހަމައަށް 3،353 މީހުން ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 55.03 އިންސައްތައެވެ. މި ވަގުތާ ހަމައަށް ވޯޓު ނުލާ ތިބީ 2،740 މީހުންނެވެ.


މި އިންތިޚާބުގައި ޖުމްލަ 6،093 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 2،901 އަންހެނުންނާއި 3،192 ފިރިހެނުންނެވެ. މެންދުރު 2:00 އާ ހަމައަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 1،625 އަންހެނުންނާއި 1،728 ފިރިހެނުންނެވެ.


މި ފަހަރުގެ ބައި-އިލެކްޝަން ކުރިއަށްދަނީ ޖުމްލަ 5 ދާއިރާއެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑި
  • ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްޞަ ކައުންސިލް ގޮނޑި
  • ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުން
  • ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުން
  • ލ. މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުން.

މި އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ. ވޯޓުލުން ނިމުމާއެކު، ގުނުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow