ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ "މަސްރޭސް" ފަށައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ "މަސްރޭސް" ފަށައިފި

5 hours ago - 18:04
Advertisement
Advertisement

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ފަރުމަސްވެރިކަމުގެ ބޮޑު މުބާރާތް މިއަދު ފަށައިފިއެވެ.


މިއަދު މެންދުރުފަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތް ފައްޓަވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސްވެރިންނާއި މުބާރާތުގެ ސްޕޮންސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.


މި މުބާރާތާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ޓީމުތަކުން ބައިވެރިވުމަކީ މިފަދަ ހަރަކާތްތަކަށް ރައްޔިތުންގެ މެދުގައި އޮތް ޝައުޤުވެރިކަން ހާމަވާ ކަމެއް ކަމަށެވެ. އަދި މިކަމުގައި ރަށްރަށުގެ ކައުންސިލްތަކުން ވެދެއްވި އެހީތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.


މި ފަހަރުގެ މަސްރޭހުގައި މުޅި ރާއްޖެއިން ޖުމްލަ 109 ޓީމު ބައިވެރިވެއެވެ. އޭގެ ތެރޭގައި މާލެ ސިޓީން 18 ޓީމެއްގައި 190 ބައިވެރިން ހިމެނޭއިރު، އަތޮޅުތެރޭގެ 64 ރަށަކުން 91 ޓީމެއް ބައިވެރިވެފައިވެއެވެ.
މުބާރާތުގެ އިނާމުތަކާއި ޕޮއިންޓް ދޭ އުސޫލު:


މުޅި ރާއްޖެއިން ހޮވާ ވަނަތަކަށް ކަނޑައަޅާފައިވާ އިނާމުތަކަކީ:

  • 1 ވަނަ ޓީމަށް: 30,000 ރުފިޔާ
  • 2 ވަނަ ޓީމަށް: 25,000 ރުފިޔާ
  • 3 ވަނަ ޓީމަށް: 20,000 ރުފިޔާ
  • އެންމެ ބަރު މަސް ބާނާ ފަރާތަކަށް: 5,000 ރުފިޔާ

މީގެ އިތުރުން، އެޗްޑީސީގެ ފަރާތުން މާލެ ސަރަހައްދުގެ ވަނަތަކަށް ޚާއްސަ ފައިސާގެ އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން މާލެ ސަރަހައްދުން އެއްވަނައަށްދާ ޓީމަށް 15,000 ރުފިޔާ ލިބޭނެއެވެ.


މި މުބާރާތުގައި ބާނާ މަސްތައް ތިން ކެޓަގަރީއަކަށް ބަހާލައިގެން ޕޮއިންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެންމެ ގިނަ ޕޮއިންޓް ލިބޭނީ ރަތްމަސް، ފިލޮޅު، ގިއުޅު ފަދަ މަސްތައް ހިމެނޭ ފުރަތަމަ ކެޓަގަރީއަށެވެ. މި ކެޓަގަރީގެ ކޮންމެ ކިލޯއަކަށް 20 ޕޮއިންޓް ލިބޭނެއެވެ.


މި މުބާރާތަކީ ބީއެމްއެލް، އެޗްޑީސީ، މިފްކޯ، ދިރާގު އަދި އެމްޕީއެލް ފަދަ ގިނަ ކުންފުނިތަކެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ. ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން މުޅި ރާއްޖޭގައި ކުރިއަށް އޮތް ތަނުގައިވެސް ގިނަ ހަރަކާތްތަކެއް ހިންގުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement