ފްލެޓް ލިސްޓަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ- ރައީސް
ފްލެޓް ލިސްޓް އިއުލާނުކުރާ ތާރީޚު ވަނީ ފަސްކޮށްފަ
ފްލެޓް ލިސްޓަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިދިޔަ ސަރުކާރުން ފަށާ އެކިމަރުހަލާގައިވާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް މިސަރުކާރުން އިއުލާނު ނުކުރާތީ އޮތް ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެލިސްޓް އެކުލަވާލުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ވަރަށް ބުރަކޮށް ކުރަމުންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ގެޒެޓްކޮށްފައިވާ ލިސްޓެއްގައި އޮތް މީހެއްގެ ފްލެޓެއް ނުގެއްލޭނެ ކަމަށެވެ. ނަމަވެސް ގޯސް މައުލޫމާތު ދީގެން, އޮޅުވާލައިގެން ހޯދާ ފްލެޓެއް ނަމަ އަތުލުމަކީ އަބަދުވެސް ކަން ކުރާ ގޮތް ކަމަށެވެ. އަދި އެއީ އެކަން އޮންނަ ގޮތް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފްލެޓް ލިސްޓް އިއުލާނުކުރާއިރު ރަނގަޅު މައުލޫމާތު ދީގެން އޮޅުވާލުމެއް ނެތި ފްލެޓް ލިސްޓްގައި ހިމެނުނު އެއްވެސް މީހެއްގެ ނަން އުނިނުވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
" އެއްވެސް ބަޔަކަށް ނުފޫޒެއް ނުފޯރުވޭނެ. ނުފޫޒެއް ނުފޯރުވާނެ. އެންމެ ހައްގުކަން ބޮޑު މީހުންނަށް, މަތިން ތިރިއަށް ތަރުތީބުން ލިބޭނީ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިންވެސް އެމަނިކުފާނު ވިދާޅުވަމުން އައީ ގެޒެޓްކޮށްފަ އޮތް ލިސްޓެއްގައި އޮޅުވާލުމެއް ނެތި ހިމެނޭ މީހެއްގެ ނަން އުނި ނުވާނެ ކަމަށް ކަމަށެވެ. ވައުދާ ހިލާފްވެވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިދިކޮޅު އެމްޑީޕީއަށް އިޝާރާތްކުރައްވާ ވިދާޅުވީ ކަންބޮޑުވެގެން އުޅެނީ ޕޯޓަލްގެ ބެކްއިންޑުން ވަދެގެން ޕޮއިންޓް ބަދަލުކޮށް, ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާތީ ކަމަށެވެ.
ފްލެޓް ލިސްޓް އިއްޔެގެ ނިޔަލަށް އިއުލާނު ކުރައްވާނެ ކަމަށް ސަރުކާރުން އިއުލާނުކުރެއްވުމަށްފަހު ވެސް މުއްދަތެއް ނެތްގޮތަށް ވަނީ ފަސްކޮށްފައެވެ. އެއީ އިތުރު ވަގުތު ބޭނުންވާކަމަށް ބުނެއެވެ. މީގެކުރިންވެސް ލިސްޓް އިއުލާނުކުރަން އެކި ތާރީޚުތައް ދެއްވިއެވެ. މިދިޔަ ސަރުކާރު ނިމުނުއިރު ފްލެޓް ލިބޭ 4000 މީހުންގެ ދާއިމީ ލިސްޓެއް ގެޒެޓްކޮށް, އެއްބަސްވުންވެސް ބަދަލުކުރިއެވެ. ނަމަވެސް އޭސީސީގެ އެންގެވުމާ އެކު އެލިސްޓް އަލުން މުރާޖާކޮށް, ފްލެޓަށް އެދުނު 20,000 އަށް ވުރެ ގިނަ މީހުންގެ ފޯމްތައް މިސަރުކާރުން ދަނީ ބަލަމުންނެވެ.
ރިއެކްޝަންސް