ރާއްޖޭން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެން  ކުރިއަށްގެންދާ "މައި ކިއު ސްޓަޑީ" ފެއަރ ފެށިގެން ކުރިއަށް!

ރާއްޖޭން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "މައި ކިއު ސްޓަޑީ" ފެއަރ ފެށިގެން ކުރިއަށް!

4 hours ago - 18:59
Jun 19, 2026 - 19:29
Advertisement
Advertisement

ރާއްޖޭން ބޭރަށް ކިޔަވަންދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކުގައި ހުރި ކޯސްތަކުގެ މަޢުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި "މައި ކިއު ސްޓަޑީ" އިން އިންތިޒާމްކޮށްގެން ބާއްވާ ޚާއްސަ ސްޓަޑީ ފެއަރއެއް މިއަދު ފަށައިފިއެވެ.


މި ފެއަރ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ، ހަވީރު 5:00 އިން ރޭގަނޑު 10:00 އަށް ބާސެލޯ ނަސަންދުރާގައެވެ. މީގެ އިތުރުން ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްގައިވެސް އިރުއޮއްސި 6:00 އިން ރޭގަނޑު 10:00 އަށް މި ފެއަރގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.


މައި ކިއު ސްޓަޑީގެ ރީޖަނަލް މެނޭޖަރ މަރިޔަމް ޝައުފާ ވިދާޅުވީ، މި ފެއަރގައި އެކި ޤައުމުތަކުގެ އަމިއްލަ އަދި ސަރުކާރުގެ ޔުނިވަރސިޓީތަކުގައި ހުރި ތަޢުލީމީ ފުރުޞަތުތައް ދަރިވަރުންނާ ހިއްސާކުރާނެ ކަމަށެވެ. އެގޮތުން މެލޭޝިޔާ، އެމެރިކާ، ޗައިނާ، އިންޑިއާ އަދި އިންޑޮނޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތައް މި ފެއަރގައި ބައިވެރިވާކަން އޭނާ ފާހަގަކުރެއްވިއެވެ.


މި ފެއަރގެ ތެރެއިން ދަރިވަރުންނަށް ލިބޭނެ އެންމެ ބޮޑު އެއް ފުރުޞަތަކީ ޔުނިވަރސިޓީތަކުގެ ކޯސްތަކުގެ މަޢުލޫމާތު އޮޅުންފިލުވުމުގެ އިތުރުން، ބޭނުންވާ ކޯހަކަށް ވަގުތުން އެންރޯލްވުމުގެ ނުވަތަ ވަނުމުގެ ފުރުޞަތު ލިބިގެންދިއުމެވެ.


"ވިސާ ވޭވާ، ކޭޝް ބެކް ފަދަ ވައުޗަރުތައްވެސް ޔުނިވަރސިޓީތަކުން ދެމުންދާނެ. ފައުންޑޭޝަން ލެވެލްއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށްވެސް މި ފެއަރއަށް އާދެވޭނެ،" ޝައުފާ ވިދާޅުވިއެވެ.


ޝައުފާ އިތުރަށް ވިދާޅުވި ގޮތުގައި، މިފަހަރުގެ ފެއަރގައި 330 އަށްވުރެ ގިނަ ޔުނިވަރސިޓީތަކުން ބައިވެރިވެއެވެ. މިއީ 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް މި ފެއަރ ބޭއްވި އިރު، އެންމެ ގިނަ ޔުނިވަރސިޓީތަކުން ބައިވެރިވި އަހަރުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.


ކޮންމެ އަހަރަކުވެސް ބާއްވާ މި ފެއަރއަށް ދަރިވަރުންގެ ފަރާތުން ލިބޭ ތަރުހީބު އަހަރުން އަހަރަށް އިތުރުވަމުންދާކަން މައި ކިއު ސްޓަޑީން ފާހަގަކުރެއެވެ. ޚާއްސަކޮށް އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ދަރިވަރުން، މައުލޫމާތު ހޯދުމަށް ދައްކާ ޝައުގުވެރިކަން އިތުރުވަމުންދާކަމީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ލިބޭ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ފަރާތުން ސިފަކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement