އެޗްޑީސީގެ މުވައްޒަފުންނަށް އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

އެޗްޑީސީގެ މުވައްޒަފުންނަށް އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

4 hours ago - 19:28
Advertisement
Advertisement

ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާއިން އަމިއްލައަށް ވަކިވުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ.


ހުޅުމާލޭގެ ބެލެހެއްޓުމާއި ތަރައްގީގެ މަސައްކަތްތައް ކުރަމުން އަންނަ އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓުން އިއްޔެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ، ކުންފުނީގެ ރިޓަޔާމަންޓް ޕޮލިސީ އާއި ވަޒީފާއިން ރިޑަންޑަންޓްވާ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލަށް ބޯޑުން މިހާރު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ.


މި އިސްލާހުތަކުގެ ދަށުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް މައިގަނޑު ދެ ގޮތެއް ވަނީ ކަނޑައަޅާފައެވެ. އެއީ ވޮލެންޓަރީ ރިޑަންޑަންސީ އާއި ވޮލެންޓަރީ ރިޓަޔާމަންޓެވެ.


ވޮލެންޓަރީ ރިޑަންޑަންސީގެ ދަށުން ވަކިވާން އެދޭ މުވައްޒަފުންގެ ތެރެއިން، އެކަމަށް ކަނޑައެޅޭ މީހުންނަށް އުސޫލުގައިވާ ގޮތުގެ މަތިން މާލީ އިނާޔަތެއްގެ ގޮތުގައި ފުރިހަމަ 'ސެވަރެންސް ޕެކޭޖެއް' ލިބޭނެއެވެ. މީގެ އިތުރުން، އަމިއްލައަށް އެދިގެން ރިޓަޔާވާން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް، އެ މީހަކު ކުންފުންޏަށް ޚިދުމަތްކުރި މުއްދަތަށާއި އަދާކުރި މަގާމަށް ބަލައި، އެއްފަހަރާ ލިބޭ މާލީ އިނާޔަތަކާއެކު ރިޓަޔާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.


މިކަމާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތުތައް ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓުން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.


އެޗްޑީސީން މި ފުރުސަތު ހުޅުވާލާފައި މިވަނީ، ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުން ވެސް މުވައްޒަފުން މަދުކުރުމުގެ ސިޔާސަތުތަކެއް ތަންފީޒުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، ފެނަކަ ކޯޕަރޭޝަން މާލީގޮތުން ހަމައަކަށް އެޅުވުމަށްޓަކައި، ހަތަރު މަސްދުވަހުގެ މުސާރައާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތާއި އާލީ ރިޓަޔާމަންޓް ޕްރޮގްރާމެއް ދާދި ފަހުން ވަނީ ފަށާފައެވެ.


ފެނަކަ ފަދަ ބޮޑެތި ކުންފުނިތަކުގެ ހާލަތު ރަނގަޅުކުރުމަށް މުވައްޒަފުންގެ އަދަދު ކޮންޓްރޯލްކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ވެސް ވަނީ މީގެ ކުރިން ފާހަގަކުރައްވާފައެވެ. އެޗްޑީސީގެ މި ނިންމުމަކީ ވެސް ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މާލީ ގޮތުން ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement