ޔުއެފާ ނޭޝަންސް ލީގު: ލުވެލިންގެ ފުރަތަމަ ގޯލާއެކު ޖަރުމަނު ކުއާޓާ ފައިނަލަށް, ފްރާންސް މޮޅުކޮށްދިނީ ކޮލޮ މުއާނީ
ހޯމަ ދުވަހު ނެދަލެންޑްސް ގެ މައްޗަށް 0-1 ން ކުރި ހޯދާ, ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލަށް ޖަރުމަނު ދަތުރުކޮށްފިއެވެ. ޖޭމީ ލުވެލިންގގެ ފުރަތަމަ ބައިނަލް އަޤްވާމީ މެޗާއެކު ޖަރުމަނަށް އޭނާގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން 23 އަހަރުގެ ކުޅުންތެރިޔާއަށް މީ ހުވަފެނީ ފެށުމެކެވެ.
މެޗު ފަށައިގެން ދެ މިނިޓްވެސް ނުވަނީސް ލުވެލިން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ވަނީ އެ ގޯލް އޮފް ސައިޑް ކަމަށް ކަނޑައަޅާފައެވެ. ފަހުހާފުގައި ގޯލްގެ މަތީކަނަށް ފޮނުވާލި ބާރު ބޯޅައާއެކު ލުވެލިން ޖަރުމަނަށް ލީޑު ނަގައިދިނީ 64 ވަނަ މިނިޓްގައެވެ. މެޗުގެ ފުތަރަމަ ހާފުގައި ރަނގަޅަށް ކުޅުނީ ޖަރުމަނުން ނަމަވެސް, ފަހު ހާފުގައި ނެދަލެންޑްސްގެ ކުޅުން ރަނގަޅުކޮށް, ހަމަލާތައް އުފައްދާފައި ވެއެވެ.
މިނަތީޖާ އާއެކު ލީގު އޭގެ ގްރޫޕް 3 ގައި 10 ޕޮއިންޓާއެކު ޖަރުމަނު ވަނީ ގަދަ އަށެއްގެ ޖާގަ ކަށަވަރުކޮށްފައެވެ. ފަސް ޕޮއިންޓާއެކު ނެދަލެންޑްސް ދެވަނައިގައި އޮތްއިރު, ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތް ހަންގޭރީއާ އޮތީ އެންމެ ގޯލެއްގެ ތަފާތެވެ. ހޯމަ ދުވަހު ކުޅުން މެޗުން ހަންގޭރީ އަތުން 0-2 ން ބަލިވި ބޮސްނިއާ އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ
ލީގު އޭގެ ގްރޫޕް 2 ގައި ބެލްޖިއަމް އާއި ފްރާންސް ބައްދަލުކުރި މެޗު ނިމުނީ 1-2 ން ފްރާންސް މެޗު ކާމިޔާބު ކޮށްގެންނެވެ. ބެލްޖިއަމްގެ ބްރަސެލްސްގައި ކުޅުނު މި މެޗުގައި ފްރާންސްގެ ދެގޯލްވެސް ކާމިޔާބުކޮށްދިނީ ކޮލޮ މުއާނީ އެވެ.
މެޗުގެ 23 ވަނަ މިނިޓްގައި ބެލްޖިއަމްއަށް ޕެނަލްޓީއެއް ލިބުން ނަމަވެސް ޔޯރީ ޓިއެލެމަންސް ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާގޮތެއް ނުވިއެވެ. ފްރާންސްގެ ފުރަތަމަ ގޯލްވެސް މެޗުގެ 35 ވަނަ މިނިޓްގައި ކާމިޔާބު ކުރި ޕެނަލްޓީއަކުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުގެ ކުރިން ބެލްޖިއަމުން ގޯލެއްޖަހާ ނަތީޖާ ވަނީ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބެލްޖިއަމްގެ ގޯލް ކާމިޔާބުކޮށްދިނީ ލޮއި އޮޕެންޑާއެވެ. ޓިމޮތީ ކަސްޓާނޭ ބޮލުން ނަގައިދިން ހުރަސް ގޯލަށް ފޮނުވާލި ނަމަވެސް ފުރަތަމަ ނިންމާފައިވަނީ އޮފްސައިޑް ގޯލެއްކަމަށްވެ. ނަމަވެސް ވީއޭއާރުން ގޯލް ބަލައިގަތުމާއެކު ބެލްޖިއަމުން ފުރަތަމަ ހާފު ނިންމާލީ ހިތްހަމަޖެހިގެންނެވެ.
ފްރާންސަށް ލީޑު ނަގައިދީ މެޗުން މޮޅުވި ގޯލް 62 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ލޫކަސް ޑައިނޭ ނައިގައިން ހުރަހަކުން ކޮލޮ މުއާނީއެވެ. ފްރާންސްގެ ކެޕްޓަން އޮހެޔަން ޗޮއަމޭނީ އަށް 76 ވަނަ މިނިޓްގައި ދެއްކި ރަތްކާޑާއެކު ފްރާންސުން މެޗު ކުރިއަށް ގެންދިޔައީ 10 ކުޅުންތެރިންނާއެކުއެވެ. މިއާއެކު, މެޗުގައި އިތުރު ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރު ކުރެވޭތޯ ބެލްޖިއަމުން ކެނޑިނޭޅި ކުރި މަސައްކަތް ވީ ނާކާމިޔާބެވެ.
ގްރޫޕް 2 ގެ ތާވަލްގެ އެންމެ ކުރީގައި 10 ޕޮއިންޓާއެކު އޮތް އިޓަލީގެ ފަހަތުން ދެވަނައިގައި 9 ޕޮއިންޓާއެކު އޮތީ ފްރާންސެވެ. ހަތަރު ޕޮއިންޓާއެކު ބެލްޖިއަމަށް ތިންވަނަ ލިބޭއިރު, ހޯމަ ދުވަހު އިޓަލީ އަތުން 4-1 ން ބަލިވި އިޒްރާއިލް އޮތީ ޕޮއިންޓެއް ނުލިބި ތާވަލްގެ ފުލުގައެވެ.
އާދިއްތަ ދުވަހު ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ލީގު ބީގެ ގްރޫޕް 1 ގައި އަލްބޭނިއާ ވަނީ 1-0 ން ޖޯޖިއާގެ މައްޗަށް ކުރި ހޯދާފައެވެ. ޔޫކްރެއިން އާއި ޗެކްރިޕަބްލިކް ބައްދަލުކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ.
ރިއެކްޝަންސް