ވިފާގުގެ މަރާ ގުޅޭގޮތުން މައުލޫމާތު ހާމަކުރެވުނު ގޮތް ގޯސްކަމަށް އިއިތުރާފްވެ ފުލުހުން މަޢާފަށް އެދިއްޖެ
ވިފާގުގެ މަރާ ގުޅޭގޮތުން މައުލޫމާތު ހާމަކުރެވުނު ގޮތް ގޯސްކަމަށް އިއިތުރާފްވެ ފުލުހުން މަޢާފަށް އެދިއްޖެ އެވެ. އޮގަސްޓް 14 ވަނަ ދުވަހު އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓި ނިޔާވި ގއ.މާމެންދޫ ބީޗްވިލާ ވިފާޤް އިބްރާހީމް އަދުނާނުގެ މަރާ ގުޅޭގޮތުން ތަފްސީލް މައުލޫމާތުތަކެއް ފުލުހުން ޢާއްމުކުރީ ޗެނަލް 13 އިން ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ޑޮއިކުމެންޓްރީއެއް ގެނެސްދިނުމުން, ހަގީގަތް ސާފްކޮށްދިނުމުގެ ބޭނުމުގައި ކަމަށް ފުލުހުން ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ހިއްސާކުރި މައުލޫމާތާއި, މައުލޫމާތު ހިއްސާކުރުމުގައި ބޭނުންކުރި ބަސްމަގުގެ ސަބަބުން ޢާއްމުންގެ ފާޑުކިއުން ވަރށްބޮޑަށް އަމާޒުވުމުން މިރޭ ފުލުހުން ވަނީ ބަޔާނެއް ޢާއްމުކޮށްފައެވެ. އެބަޔާނުގައި ފުލުހުން ބުނީ މީޑިޔާ ބްރީފިންގ ކުރިއަށް ގެންދިއުމުގައި ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫން ގޮތުގައި ގެނެސްދެވުނު ކަމަށް ގަބޫލުކުރާ ކަމަށެވެ.
" އެކަމަށް އެންމެހާ ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވް" ބަޔާން ނިންމާލި ޖުމްލައިގައި ފުލުހުން ބުނެފައި ވެއެވެ.
މަޢާފަށް އެދުމުގެ ކުރިން ފުލުހުން ބަޔާނުގައި ބުނެފައިވަނީ އެމީޑިޔާ ބްރީފިންގައި އެމައްސަލައިގެ ތަހުޤީގާ ގުޅުންހުރި މައުލޫމާތު ދިނުމުގައި މައްސަލައާ ގުޅުންހުރި ތަފްސީލް މައުލޫމާތުތަކެއް ދިނީ އެމައްސަލައާ ގުޅޭގޮތުން މީޑިޔާއަކުން ހަޤީގަތް އޮޅޭގޮތަށް ވާހަކަތަކެއް ގެނެސްދިނުމުން ކަމަށެވެ. އެގޮތުން ފުލުހުންގެ ތަހުޤީޤާ ގުޅޭގޮތުން އަދި ނިޔާވެފައިވާ ފަރާތުގެ އާއިލާގެ ބައެއް ފަރާތްތަކާ ގުޅޭގޮތުން ހަޤީޤަތާ ހިލާފް ވާހަކަތައް ހިމެނޭ ޕްރޮގްރާމެއް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ފުލުހުން ބުނީ މީޑިޔާ ބްރީފިންގ ދިނީ ނިޔާވި ފަރާތުގެ މަންމައާއި ބައްޕަ ހިމެނޭ ގޮތުން ކުއްޖާގެ އާއިލާއަށްވެސް އެނގިގެން ކަމަށެވެ. މީޑިޔާ ބްރީފިންގައި ފުލުހުން ބުނެފައިވަނީ ވިފާގުގެ މަރުގައި ޝައްކުކުރެވޭ ޖިނާއީ ތަހުގީގަކަށް ދާންޖެހޭ ކަމެއް ނެތް ކަމަށެވެ. ވިފާގު ނިޔާވީ 'ބިކުރުވެރި ހާލަތުގައި' ކަމަށާއި އެހެންކަމުން ޖިންސީ އެއްވެސް ގޯނާއެއް ކޮށްފައިވާ ނުވާކަމަށް ފުލުހުން މީޑިޔާ ބްރީފިންގައި ބުންޏެވެ.
ރިއެކްޝަންސް