ފަލަޞްޠީންގެ ރައްޔިތުން އެމީހުންގެ ބިން  ދޫކޮށް ދާން ބޭނުން ނުވަނީ  ކީއްވެ!
ފަލަޞްޠީނުގެ މީހަކު އޭނާގެ ކޮށާލެވިފައިވާ ޒައިތޫނިގަސް ކައިރީ ހިތާމަ ފާޅުކުރަނީ, ފޮޓޯ: ޖެރޫސެލަމް ޕޯސްޓް

ފަލަޞްޠީންގެ ރައްޔިތުން އެމީހުންގެ ބިން ދޫކޮށް ދާން ބޭނުން ނުވަނީ ކީއްވެ!

4 days ago - 22:31
Oct 15, 2024 - 00:40

އިޒްރާއިލްއިން ފަލަޞްޠީނުގައި ހިންގަމުންދާ ޤަތުލްއާންމަށް އަހަރެއް ވީއިރު ޣައްޒާއިން 42,000 މީހުން މަރާލައިފިއެވެ. މިއީ ހަމައެކަނި ރަސްމީ އަދަދެވެ. ބައެއް ފަރާތްތަކުގެ އަންދާޒާއަކީ އެ އަދަދު 180,000 އަށް ވުރެ މަތިވާނެ ކަމުގައެވެ. ޣައްޒާގައި ހަމަލާތައް ދެމުންދާއިރު ހިޞާރުކޮށްފައިވާ ހުޅަނގު އައްސޭރިންވެސް މި މުއްދަތުގައި 740 މީހުން މަރާލާފައި ވެއެވެ. ސެޕްޓެމްބަރު 23ގައި އިޒްރާއިލްއިން ވަނީ އެމީހުންގެ ހަމަލާތައް ރަސްމީކޮށް ލުބުނާނާ ދެކޮޅަށް ފަށާފައެވެ. އެދުވަހު އެކަނިވެސް 500 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. ލުބުނާނުން މަރާފައިވާ މީހުންގެ އަދަދު މިހާރުވަނީ 2000 ން މަތިވެފައެވެ.

އިޒްރާއިލްގެ ހަމަލާތަކުގައި މުޅި ޣައްޒާވަނީ ބިމާ ހަމަވެފައެވެ. ފެނާއި ކަރަންޓު އަދި ފާހާނާ ނިޒާމުގެ ވިއުގަ އެއްކޮށް ވަނީ ހަލާކުކޮށްލާފައެވެ. ބުލްޑޯޒަރުތަކުން ޣައްޒާގެ އިންފްރާސްޓްރަކްޗަރ ކޮނެގެން ނަގާ އެފުށް މިފުށަށް ޖަހަނީއެވެ. ސިއްހީ ޚިދުމަތް ދޭ ތަންތަނާއި ސްކޫލްތައް ބޭނުންނުކުރެވޭ ވަރު ވެފައިވާއިރު, ހިޔާވާނެ ފުރާޅެއް ކިރިޔާވެސް ހުރިނަމަ ވިއްސި ވިހާލިވެފައިވާ މީހުންގެ ބޯހިޔާވައްސަކީ އެއީއެވެ. ޣައްޒާގައި ދިރުމެއް ހުރިކަމަށް ސިފަވި ހުރިހާ ކަމެއް އިޒްރާއިލްއިން ނެތިކޮށްލައިފިއެވެ.

ޣައްޒާގެ އެތަން މިތަނުން މީހުން ނިކުތުމަށް އަންގާ އަމުރުތަކާއެކު "ރައްކާތެރިކަމެއް ލިބޭތޯ" ޣައްޒާގެ ރައްޔިތުން ގަނަތެޅެނީއެވެ. 360 އަކަ ކިލޯމީޓަރުގެ ތެރެއިން މީހުންނަށް ދިރިއުޅެވޭނެ ހާލަތުގައި އޮތް 16 އިންސައްތައިގެ ބިމުގެ ސަރަހައްދުގައި 2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ފިތި ބާރުވެފައެވެ. އިޒްރާއިލްގެ އެންގުންތަކަށް ގެދޮރު ދުކޮށް "ރައްކާތެރި" ހިސާބުތަކަށް ދިޔަ އެތައްބަޔަކު މަރުވެ ގޮސްފިއެވެ. ބާކީ ތިބި މީހުން އިޒްރާއިލްގެ މިލިޓަރީ އޮޕަރޭޝަން ތައް ޣައްޒާގައި ނިމުމުން އަނބުރާ ގެއަށް ދެވޭނެ ކަމަށް ބުނި ނަމަވެސް އެމީހުން އެނބުރިގޮސް ވަންނާނެ ގެދޮރެއް ނެތެވެ. އަމުދުން އެދުވަސް އައިސްދާނެކަމަށް އެމީހުން ގަބޫލެއްވެސް ނުކުރެއެވެ. ސަބަބަކީ 1948 ން ފެށިގެން އަމިއްލަ ވަޒަނާއި ގެދޮރު ދޫކޮށް ދާންޖެހުނު އެއްވެސް މީހަކަށް އަނބުރާ އެމީހުންގެ ގެއަށް ދެވިފައި ނެތުމެވެ. 76 އަހަރު ކުރިން ފެށުނު މުޞީބާތް (ނަކްބާ) އަދިވެސް ދަނީ ކުރިއަށެވެ. މިއީ ރޭވިގެން, އިންތިޒާމް ވެވިގެން ފަލަޞްޠީނުގެ ނަސްލު ނައްތާލުމަށް ހިންގާ ޖަރީމާއެކެވެ. މަރުވެ ދާންޖެހުނަސް, މުލުން ލުހެނުލެވޭނެ ޒައިތޫނި ގަހުގައި އެލިގަނެގެންތިބެ ނަމަވެސް ޣައްޒާ ދޫކޮށް އެމީހުން ނުދާނީ މިހެންވެއެވެ. ފަލަޞްޠީނުގެ ނަސްލު ނައްތާލަން ކުރާ ހަނގުރާމާއިގައި އެންމެ ފަހު ލޭތިއްކާ ހަމައަށްވެސް ގުރުބާންކުރަން ޣައްޒާގެ ރައްޔިތުން ތިބީ ސާބިތުކަމާއެކުއެވެ.

ފަލަޞްޠީނަށް ނިސްބަތްނުވާ, ނުވަތަ ފަލަޞްތީނުގެ ރައްޔިތުންގެ ކެކުޅުން އިޙްސާސް ނުކުރެވޭ މީހަކަށް ފަހަރުގާ މިކަން ވާގޮތް އޮޅުން ނުފިލަފާނެއެވެ. މިދައްކަނީ ފަލަޞްޠީނުގެ ބިމާއި އެބިމުގެ އަހުލުވެރިންގެ މެދުގައި އޮންނަ މުޤައްދަސް ގުޅުމެވެ. ޙާއްސަކޮށް ސަޙްޔޫނީންނަށެވެ. އެމީހުންގެ ހީލަތްތެރިކަމުން ފަލަޞްޠީނުގެ އަހުލުވެރިންގެ ތެރެއިން ގިނަ ބަޔަކު އެމީހުންގެ ވަޒަނުން ފައްސާލި ސަޙްޔޫނީންނަށް އަދި އަމުދުން އެކަމެއް ނޭނގޭނެއެވެ. އެބިމަކީ ފަލަޞްޠީނުގެ ރައްޔިތުންގެ ހިތެވެ. އެބިން އޮތްހާ ދުވަހަކު ފަލަޞްޠީނުގެ ހިތުގައި ވިންދު ޖަހާނެއެވެ. ފުރާނަ ހުންނާނެއެވެ. އެބިމުގެ ޙައްގު, އެބިމުގެ އަހުލުވެރިން ދޫކޮށް ނުލާނެއެވެ. އެކަމުގައި ގަރުނެއްވެ ދާންޖެހުނަސް ފަރުވާލެއް ނެތެވެ.

Advertisement

މިފަހަރުގެ ހަމަލާތަކަށް ދޫދިނުމެއްނެތި އަހަރެއް ވީއެވެ. ޣައްޒާގެ ރައްޔިތުންގެ ދިރިއުޅުން ހުއްޓިއްޖެއެވެ. އެއްބަޔަކު ބުނާނެއެވެ. އަރަބި ގައުމުތަކުން ފަލަޞްޠީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ނުގެންދަނީ ކީއްވެހެއްޔެވެ! އަނެއްބަޔަކު ބުނާނެއެވެ. ތިމަންމެންގެ ޤައުމު ޕަލަޞްޠީނުގެ ރައްޔިތުންނަށްޓަކައި އޮތީ ހުޅުވިފައެވެ. ނަމަވެސް, ގެދޮރު ގެއްލި އެތައްފަހަރަކު ވިއްސި ވިހާލިވެފައިވާ ފަލަޞްޠީނުގެ ރައްޔިތުން އަދިވެސް ބޭނުންވަނީ ނިމިދާންދެންވެސް އެބިމުގައި ތިބޭށެވެ. ރައްކާތެރިކަމެއް އަމުދުން ނެތް ނަމަވެސް މެއެވެ. ހަނގުރާމައަށް 1 އަހަރު ވީއިރު ޣާއްޒާގެ 902 އާއިލާއެއް އެއްކޮށް ޣާއްޒާގެ ރަޖިސްޓްރީއިން ގެއްލިއްޖެއެވެ. 902 އާއިލާގެ ހުރިހާ މެމްބަރުން މަރާލީ އެވެ. ނަމަވެސް ފަޤީރުކަމާއި, ބަނޑުހައިހޫނުކަމުގައި, އަދި ބަލިވެއްޖެ ނަމަ ބޭހެއް ކުރެވޭނެ ގޮތެއް ނެތް ނަމަވެސް ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަން ދޫކޮށް ނުދާނެއެވެ. އެއީ އެމީހުންނަށް އެނބުރި ވަޒަނަށް އާދެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތަތީއެވެ.

ބަޔަކު ހީކޮށްފާނެއެވެ. ފުރާނައަށްވުރެ ބިމުގެ ދަތިވެތިކަން އެމީހުންގެ ބޮޑީ ހެއްޔެވެ! ނޫނެކެވެ. އިންސާނާ އެތަނަކަށް އުފަންވި ފަސްގަނޑާއި, އެ ތާރީޚް އަދި އެ ހަނދާންތައް ދޫކޮށް ދެވޭނީ ވަކި ކާކަށް ހެއްޔެވެ! އަދި އަމުދުން ގޮސްފިނަމަ އަނބުރާ ނާދެވޭނެ ކަން ޔަޤީންވާއިރު އެ މުޤައްދަސްބިން ދޫކޮށްލާނީ ކާކުހެއްޔެވެ. ނަމަވެސް ފަލަޞްޠީނުގެ މީހެއްގެ ނަޒަރިއްރާއިން ވިސްނަން ނޭނގޭ މީހަކަށް އެކަމެއް ނުވިސްނޭނެއެވެ.

ފަލަޞްޠީނުގެ ބިމުގައި ހެދޭ ޒައިތޫނި ގަސްތަކަކީ އެމީހުންގެ ފަޚުރެވެ. ޒަމާންވީ އެ ޒައިތޫނި ގަސްތައް ފަދައިން ފަލަޞްޠީނުގެ ރައްޔިތުން ތިބީ އެބިމަށް މޫލާފައެވެ. ލުހެލަން ޖެހޭނީ ބިމާއެކީއެވެ. އެ ޒައިތޫނި ގަސްތަކަކީ އެމީހުންގެ ޤަދީމީ އެތައް ވާހައެއް ކިޔާދޭ އާސާރުތަކެކެވެ. ޒައިތޫނި މޫސުމުގައި އެންމެ އެއްކޮށް ގަސްތަކުން ޒައިތޫނި ބިންނަ އުފާވެރި ހަނދާނާއި, އެ ޒައިތޫނި ފިތައިގެން ހަދާ ތެލަކީ އެމީހުންގެ ހިތުގެ ރޫޚެވެ. ފަލަޞްޠީނު މީހުންގެ ކުރިމަތީގައި އެ ޒައިތޫނި ގަސްތައް އިޒްރާއިލްގެ ސިފައިން ކަނޑާލައިގެން އެމީހުންގެ ރޫޙު މަރާލެވިދާނެއެވެ. ނަމަވެސް އެމީހުން އެބިމުން ނެރެ ނުލެވޭނެއެވެ. ފުރާނަ ނެތް މަސްގަނޑެއްގެ ގޮތުގައިވެސް އެމީހުން ދާންބޭނުމީ އެބިމުގެ އަޑިއަށެވެ. ޒައިތޫނި ގަސްތަކުގެ ހިޔަލުގެ ދަށަށެވެ.

އިޒްރާއިލް އިން އަބަދުވެސް އެންމެ ޖޯޝުގައި ކުރާ ކަމަކީ ފަލަޞްޠީނުގެ ޒައިތޫނި ގަސްތައް ކެނޑުމެވެ. އެގަސްތަކަށް ހަމަލާ ދިނުމެވެ. އެއީ ފަލަސްޠީނުގެ އަމިއްލަވަންތަ ކަމުގެ ރަމްޒު ކަމުގައިވާތީއެވެ. 1967 ން 2013 އާ ހަމައަށް އިޒްރާއިލްއިން ފަލަޞްޠީނުގެ 800,000 އެއްހާ ޒައިތޫނިގަސް ކަނޑާ ބިމާހަމަކޮށް އަންދާވެސްލިއެވެ. ނަމަވެސް ޒައިތޫނިގެ ވަސް އެބިމުން ފިލުވާނުލެވޭނެއެވެ. ފަލަޞްޠީނުގެ އަހުލުވެރިންގެ އެންމެ ފަހުނޭވާޔާ ހަމައަށްވެސް އެކަން ދެމިގެންދާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow