މަޖިލިސް އިންތިޚާބު: ރޯދަމަހު ވޯޓުލާން މީހުން ނުކުންނާނެ؟

މަޖިލިސް އިންތިޚާބު: ރޯދަމަހު ވޯޓުލާން މީހުން ނުކުންނާނެ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މާޗުމަހުގެ 17 ވަނަ ދުވަހު. އެދުވަސް ދިމާވަނީ މި އަހަރުގެ ރޯދަމަހާ.

10 months ago - 09:15
Jan 20, 2024 - 09:24

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވާ ތާރީޚު ކަމަށްވާ 17 މާޗު ދިމާވަނީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކާއެވެ.

އިލެކްޝަންސްގެ ކޮމިޝަނުގެ މި ނިންމުމާމެދު ސިޔާސީ ޕާޓީތަކުގެ ވިސްނުންވެސް މިހާތަނަށް ފެނިފައިވަނީ ނުތަނަވަސް ކޮށެވެ. އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެޕާޓީން ތުޙުމަތުކުރާ ގޮތުގައި އިންތިޚާބު ރޯދަމަހުގެ ކުރީކޮޅާ ދިމާވާ ގޮތަށް ބާވަން ނިންމީ އީ.ސީއަށް ސަރުކާރުގެ ނުފޫޒު ފޯރުވައިގެންނެވެ.

Advertisement
Advertisement

އެމް.ޑީ.ޕީގެ ތަރުޖަމާނު އަނަސް އަބްދުއް ސައްތާރު ތުޙުމަތު ކުރެއްވި ގޮތުގައި ރޯދަމަހު އިންތިޚާބު ބާއްވައިގެން ސަރުކާރަށް ފައިދާ ވާނެތީ އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން އެގޮތަށް ނިންމީ ކަމަށެވެ.

އަނަސް ވިދާޅުވީ ގޮތުގައި އެޕާޓީގެ ސްޓޭންޑަކީ ރޯދަމަހުގެ ފަހުން އިންތިޚާބު ބޭއްވުމެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމެޓީން ދީފައިވާ ލަފައާ ޚިލާފު ނިންމުމެއް އިލެކްޝަނުން ނިންމުމަކީ އެކަމުގައި ބޮޑެތި ތުޙުމަތުތަކެއް ހިމެނޭ ކަމެކެވެ.

އަނެއްކޮޅުން މިހާރު ސަރުކާރާ އިދިކޮޅު ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީ.އެން.އެފް އިންވެސް ވަނީ ރޯދަމަހު އިންތިޚާބު ބާއްވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކަމާ ގުޅޭ ގޮތުން އެޕާޓީން ވަނީ އިލެކްޝަންސް ކޮމިޝަނާ ބައްދަލުވެސް ކުރައްވާފައެވެ. ޕީ.އެން.އެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ވަޒީރު މުޙައްމަދު މަލީހު ޖަމާލް އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް ވިދާޅުވީ ރޯދަމަހު ވޯޓުލުމުގައި އާންމުންނަށް ދަތިތަކެއް ދިމާވާނެ ކަމަށެވެ.

މަލީހު ވިދާޅުވީ ރޯދަމަހު އިންތިޚާބު ބާއްވައިފިނަމަ ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް ވަރަށް ބޮޑުތަނުން ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ބޭއްވި އިންތިޚާބާއި ދާދިފަހުން މާލޭގައި ބޭއްވުނު މޭޔަރުގެ އިންތިޚާބަކީ އޭގެ ކުރީގެ އިންތިޚާބުތަކާ އަޅާ ބަލާއިރު ވޯޓުލީ މީހުންގެ ނިސްބަތް ފާހަގަކުރެވޭ މިންވަރަށް ދަށަށް ގޮސްފައިވާ ދެ އިންތިޚާބެވެ. އަދި އެ ދެ އިންތިޚާބަކީ އެންމެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އިންތިޚާބެވެ.

ކައިރީކައިރީގަ ބޭއްވި ދެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް ދަށްވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ޚާއްސަ މަސައްކަތެއްގެ ގޮތުގައި ދިރާސާކޮށް އެކަން ބެލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މާޗު ސަތާރަ ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބޭއްމުގެ ޓައިމްލައިން ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިދާރީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ވޯޓުލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ދަފްތަރު އާންމުކޮށް މިހާރު ވަނީ އެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައެވެ.

ރޯދަމަހުގެ ވޯޓުލުމާ ގުޅޭ ގޮތުން މީސްމީޑީއާގައި އާންމު ރައްޔިތުންވެސް އަންނަނީ އެކި ގޮތްގޮތަށް ޚިޔާލު ފާޅުކުރަމުންނެވެ. މީސްމީޑިއާގައި ޚިޔާލުފާޅު ކުރަމުން އަންނަ ގިނަ ރައްޔިތުން ބުނާގޮތުގައި ރޯދަމަހު ވޯޓުލާން ދިއުމަކީ ބުރަ އަދި އުނދަގޫ ކަމެކެވެ. ބައެއް ފަރާތްތަކުގެ ވިސްނުމުގައި ވޯޓުލުމަކީ އެހާ މުހިންމު ކަމެއް ނޫނެވެ. އެހެންކަމުން ރޯދަމަހު ރޯދައަށްތިބެ ވޯޓުލާން ކިއުއަށް ނުދެވޭނެއެވެ. އަދި ކަމާ ކަންފަށައި ވޯޓުލާން ދާން ވަގުތެއްވެސް ނޯންނާއެވެ.

އިންތިޚާބުތަކުގައި ވޯޓުލުމަކީ މުހިންމު ކަމެކެވެ. ރައްޔިތުންގެ މަންދޫބުން އިންތިޚާބު ވުމުގައި އެދާއިރާއެއްގެ ރައްޔިތުންގެ ވީހާވެސް ގިނަ ބައެއްގެ ބަސް ވޯޓުން ބުނުމަކީ މުހިންމު ކަމެކެވެ. އެއީ ހައްގަކަށްވުރެ ބޮޑަށް ޒިންމާއެއްގެ ގޮތުގައި ބަލައި ވޯޓުގައި ބައިވެރި ވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފަރުދީ ފެންވަރުގައި ދުށުމަކީވެސް މުހިންމު ކަމެކެވެ.

މިއާއެކު ދައުލަތުގެ އިދާރާތަކުން ނިންމާ ނިންމުންތަކަކީ ވޯޓުލާންތިބި އާންމު ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެ ގޮތަކަށް ނިންމޭ ނިންމުމަށްވެސް ވާންޖެހެއެވެ. ރައްޔިތުން އިންތިޚާބުތަކުގައި ބައިވެރިވުމުގައި މިހާރު ހުރި ގޮންޖެހުންތަކަށް ރިޢާޔަތްކޮށް އާންމުން ވޯޓުލާން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަން ޖެހެއެވެ.

އެންމެ މުހިންމު ކަމަކީ އިންތިޚާބެއް ބޭއްވުމާމެދު ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވި ގިނަ ބައެއްގެ ރައުޔާ އެއްގޮތަށް ކަންކަން ނިންމުމެވެ.

ވިސްނުމަކަށް ހަދަންވީ ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ވޯޓުލައި އެބައެއް ތަމްސީލްކުރާނެ މަންދޫބަކު އިންތިޚާބު ކުރުމުގައި އަމަލީ ގޮތުން އެމީހެއް ޒިންމާ އަދާކޮށް ހައްގު ލިބިގަތުމުގެ ފުރުސަތު ވީހާވެސް ބޮޑަކަށް ފަހިވާނެ ގޮތަކަށް ނިންމުންތައް ނިންމުމެވެ.

ރޯދަމަހު ވޯޓުލާން ގިނަ ބަޔަކު ނުކުމެދާނެ ކަމާމެދު އުފެދެނީ ހަގީގަތުގައިވެސް ޖަވާބު ދޭން އެހާ އުނދަގޫ ސުވާލެއް ނޫނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow