ބުލީކުރުން – ފެށެނީ ކިހާހިސާބަކުން؟

ބުލީކުރުން – ފެށެނީ ކިހާހިސާބަކުން؟

މި ކުޑަކުޑަ ދިވެހިރާއްޖޭގައި ބުލީކުރަން ފެށުނީ އިއްޔެއަކު މިއަދަކުނޫނެވެ.

9 months ago - 09:30
Dec 19, 2023 - 10:58

މިދުވަސްވަރު މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި އެންމެގިނައިން ފެންނަނީ ބުލީގެ ވާހަކައެވެ. މީސްތަކުންގެ ދޫތަކުން އެންމެގިނައިން ދެކެވެނީ ސްކޫލްތަކުގައި ބުލީކުރާ ވާހަކައެވެ. އެވެނިކުއްޖަކު ތިމަންނާގެ ދަރިއަށް ބުލީކުރިވާހަކައެވެ. އެކަމާ ސްކޫލުގެ ވެރިން އަޅާނުލިވާހަކައެވެ. ޓީޗަރުގެ ފަރާތުން އެދެވޭ ނަތީޖާއެއް ނުނެރެވުނު ވާހަކައެވެ. ސްކޫލްތަކާދޭތެރޭގައި ބެލެނިވެރިންގެ އިތުބާރު ގެއްލިފައިވާ ވާހަކައެވެ. ބުލީ، ބުލީ. ބުލީ...

މި ކުޑަކުޑަ ދިވެހިރާއްޖޭގައި ބުލީކުރަން ފެށުނީ އިއްޔެއަކު މިއަދަކުނޫނެވެ. މިއީ އައު ސާސްކަފް ފެށުމާއެކު ރާއްޖޭގައި ފެށިގެންއައި ކަމެކެވެ. ދެހާހުގެ އަހަރުތައް ފެށުމާއެކު ދިވެހިންވެސް ބަދަލުވީއެވެ. ނޫނެކެވެ. ބާރުވެރިވީޔޯލައެވެ. މިނިވަން، ބަންދުތަކުން ވީއްލިފައިވާ ކޮކާތަކެއްފަދައިން ވީއެވެ.

އިނގިރޭސި ބަހުން މިކިޔާ ބުލީކުރުން، މިބަހަށް ދިވެހިބަހުން ކިޔަނީ "ގަނާކުރުން" މިހެންނެވެ. މިބަސް (ގަނާކުރުން) އަޅުގަނޑަށް މާނަކުރެވެނީ "ބަހުން ގޯނާކުރުން" މި މާނައިގައެވެ. މީގެ އިތުރުން "ބަހުން ދިމާކުރުން." ނުވަތަ "ބަހުން އަނިޔާކުރުން" މިމާނައިގާވެސް ބޭނުންކުރެވިދާނެއެވެ. ބަސްބޭނުންކޮށްގެން ދެރަކޮށްލުމާއި ބަސްތަކެއް ބޭނުންކޮށްގެން ހިތްދަތިކުރުވުމުގެ މާނައިގާވެސް ބޭނުންކުރެވިދާނެއެވެ. އެހެން ނަމަވެސް "ގަނާކުރުން" ނުވަތަ "ބުލީކުރުން" މިއީ މިދެންނެވި މިންވަރަށްވުރެ މާ ފުޅާ މާނައެއްގައި ބޭނުންކުރެވޭ ލަފުޒެކެވެ. އެހެނީ ނަފްސާނީގޮތުން އަނިޔާކުރިޔަސް ނުވަތަ ޖިސްމާނީ ގޮތުން އަނިޔާކުރިޔަސް އެއީ ޙަޤީޤީމާނައިގައި ހަމަ ބުލީކުރުމެވެ.

ދިވެހިރާއްޖޭގައި ބުލީގެ ތާރީޚަށް ބަލައިލާއިރު އަޅުގަނޑަށް ފާހަގަވަނީ ފުޅާދާއިރާއެއްގައި (ޤައުމީ މައްސަލައެއްގެ ގޮތުގައި ފާހަގަވާ މިންވަރަށް) މިކަން ފެށިގެން އައީ ދެހާހުގެ ކުރީކޮޅުއެވެ. ދެހާސްވަނަ އަހަރުން ފެށިގެން މިކަން ފާހަގަވާން ފަށާފައިވެއެވެ. އަޅުގަނޑުމެން ސްކޫލުގައި ކިޔަވައިދޭން އުޅުނުއިރު ބައެއް ބެލެނިވެރިން ސްކޫލަށްވަދެ، ސްކޫލުގެ ވެރިންނާ ޓީޗަރުންގެ ކުރިމަތީގައި އެވެނި ޓީޗަރަކީ މިވެނިކަހަލަ މީހެކޭ، މިވެނި ޓީޗަރަކީ ކިޔަވައިދޭން ނޭނގޭ ޓީޗަރެކޭ ކިޔާ ޓީޗަރުންގެ ކަރާމާތަށް ހުތުރުވާގޮތަށް އެތައް ވާހަކަތަކެއް ދެއްކި ބެލެނިވެރިން އެދުވަސްވަރު ހަމަ ކޮންމެ ރަށެއްގައިވެސް އުޅުނެވެ. މިކަން ސްކޫލުގެ އޮފީހުގެ ތެރެއިން ބޭރަށްނުކުމެ، ބެލެނިވެރިންގެ ބައްދަލުވުންތަކުގައި ވެސް އޮތެވެ. ބެލެނިވެރިންގެ ބައްދަލުވުންތަކުގައި (ޓީޗަރުވެސް ހުއްޓާ) ޓީޗަރުންގެ ނަންކިޔާފައި ބެލެނިވެރިންގެ ކުރިމަތީގައި އެ ޓީޗަރުގެ އަގުވެއްޓޭގޮތަށް ދެކެވުނު ކިތަންމެ ވާހަކައެއް މިދުވަސްވަރު އެތައް ޓީޗަރުންނެއް އަސަރާއެކު އަޅުގަނޑަށް ކިޔައިދީފައި ވެއެވެ.

Advertisement

އެއްދުވަހަކު ބެލެނިވެރިންގެ ބައްދަލުވުމުގައި (އެތާ އަޅުގަނޑުވެސް ހުއްޓާ) ރަށުއޮފީހުގެ ވެރިއަކު، ހުރިހާ ބެލެނިވެރިންގެ ކުރިމަތީގައި އަޅުގަނޑުގެ ނަންކިޔާފައި ބުނި "މީނައަށް ކިޔަވައިދޭކަށް ނޭންގޭނެ. އަހަރެންގެ ދަރިފުޅަށް މީނަ ކިޔަވައިދޭކަމަށްވަންޏާ އަހަރުމެން ނުކުމެ ހަޅުތާލުކުރާނަން." މިހާރުވެސް ޓީޗިންގ ދާއިރާގައި މަސައްކަތްކުރައްވާ ފުންނާބުއުސް ޓީޗަރަކު ކިޔައިދިނެވެ. އެހެން ޓީޗަރެއްގެ ވާހަކައެކެވެ. "ކުއްޖެއްގެ ޓެސްޓް ޕޭޕަރު މާރކްކޮށްފައި ދިނުމުން އޭނާގެ ބައްޕަ އަތުވެއްޖެ ޕޭޕަރު ހިފައިގެން. ރަނގަޅު ޖަވާބެއް އަޅުގަނޑު ނުބައިކޮށްފަ އޮތީއޭކިޔާފަ. އޭރު ދަރިފުޅު ހުރި ކައިރީގަ. އެޖަވާބު ނުބައިވާ ސަބަބުތައް ކިޔައިދިނީމަ ބުނެފި ނޫނެކޭ. އެއީ ހަމަ ރަނގަޅު ޖަވާބެކޭ. ލީޑީންގ ޓީޗަރަށް ދެއްކީމަ ލީޑިންގ ޓީޗަރ ވެސް ބުނެފި ތިޖަވާބު ނުބައޭ. އެކަމަކު ބެލެނިވެރިޔާ ހަމަ އެއްގޮތަކަށްވެސް އެކަން ޤަބޫލެއް ނުކުރި. ދަރިވަރު ބަހައްޓައިގެން އަޅުގަނޑުމެންނާ ދިމާލަށް ލައްކަ އެއްޗެހިކިޔާފަ ދިޔައީ. ވަރަށް ދެރަވެ، ލަދުގަތް ދުވަހެއް އެއީ" ޓީޗަރަކު ޙިއްސާކުރިއެވެ.

ދެހާސް ނުވަނަނަ އަހަރު ސީދާ އަޅުގަނޑަށް ދިމާވިކަމެކެވެ. އަޅުގަނޑުގެ ދެބެންގެ ދެދަރި މީހުންނާއި ޢާއިލާގެ ގާތް އެތައްބަޔަކު ހިމެނޭހެން ތޭރަމީހުންގެ ބޮޑު ލަޝްކަރެއް އަޅުގަނޑު ދިރިއުޅޭ ގެއަށް އައިސް، މަންމަގެ ކުރިމަތީގައި އަޅުގަނޑާ ދިމާލަށް (މަންމައާ މުޚާޠަބުކޮށް) ވަރަށް ހުތުރު އެއްޗެހިކިޔާފަ ދަމުން ބުނެފި "ކަލޭ ވަޒީފާއިންވެސް ވަކިކުރާނަމޭ." ވިސްނާލާށެވެ! މަންމަގެ ކުރިމަތީ އަޅުގަނޑާ ދިމާލަށް މަންމައާ މުޚާޠަބުކޮށް، ހަޑިހުތުރު ބަސްތައް ބޭނުންކުރުމުން އަޅުގަނޑާއި އަޅުގަނޑުގެ މަންމަގެ ހިތަށްކުރާނެ އަސަރު އެދުވަހު އެމީހުން ވިސްނާލިބާއޭ މިއަދުވެސް އަޅުގަނޑުގެ ހިތަށްއަރައެވެ. މިއީ ބުލީކުރުމަށް ނުވާނަމަ ދެން ބުލީއަކީ ކޮންއެއްޗެއްކަން އެނގެން އަޅުގަނޑުވެސް ބޭނުމެވެ.

މިކަހަލަ އެތައްސަތޭކަ ހާދިސާއެއް ސްކޫލުތަކުގައި ހިނަގާފައި އެބަހުއްޓެވެ. ސްކޫލުގައި ޕްރިންސިޕަލަކު ނެތިގެން ކިތައްސްކޫލުގައި ތަޅުއެޅުވިތޯއެވެ. ކިތައްރަށުގައި ސްކޫލްތަކުގެ ކުރިމަތީ ބޭއަދަބީ ބަސްތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން މުޒާހަރާ ކުރިތޯއެވެ. ހޮޅުއަށިތަކުގައާއި، މަގުތަކުގެ ކަންމަތީގައާއި، ސައިހޮޓާ، ރެސްޓޯރަންޓުތަކުގެ މޭޒުތައް ވަށައިގެންނާއި، ސިޓިންގރޫމްތަކުގައި ސްކޫލުތަކުގައި މަސައްކަތްކުރާ މީހުންގެ ޢިއްޒަތާ ކަރާމާތް ގެއްލޭގޮތަށް ބޭއްވޭ ފޯރަމްތައް މަދުތޯއެވެ. ގޭތެރޭގައި، ކުދިންގެ ކުރިމަތީގައި ޓީޗަރުން ގޯސްކޮށްފައި ވާހަކަ ނުދައްކާ ކިތައް ބެލެނިވެރިން އެބަތިބިތޯއެވެ. ޓީޗަރުންގެ އަގުވެއްޓޭގޮތަށް، ޓީޗަރުންނަށް އަދަބު އިޙުތިރާމް ކުޑަވާގޮތަށް ކުދިންގެ ކުރިމަތީގައި ވާހަކަނުދައްކާ ބެލެނިވެރިއަކު މަދުވާނެއެވެ. މިއީ މުޖައްރިބު ކަމެކެވެ. ޚުދު ޓީޗަރުންގެ ފަރާތުންވެސް މިކަން ފެންނަނީ ހަމަ މިމަގުންނެވެ. އެމީހުންވެސް އެމީހުންގެ ދަރިންގެ ކުރިމަތީގައި އެހެން ޓީޗަރުން ދެރަކޮށްފައި ވާހަކަދައްކަނީއެވެ. ޕްރިންސިޕަލާއި، ލީޑިންގ ޓީޗަރުން ގޯސްކޮށްފައި ވާހަކަ ދައްކަނީއެވެ. މިހިސާބުން އަމިއްލަނަފްސާ ސުވާލުކޮށްލައްވާށެވެ! އެއްކުއްޖަކު އަނެއްކުއްޖަކަށް ބުލީކުރުމަކީ ހަމަ ޙަޤީޤަތުގައިވެސް މައްސަލައެއް ހެއްޔެވެ؟ ނޫނީ އެއީ ޖަޕާން، ޗައިނާ، ކޮރެއާ ކުދިން "ސެލްފް ޑިފެންސް" ދަސްކުރާ ފަދައިން ދިވެހި ކިޔަވާކުދިން ވެސް ދަސްކުރަންޖެހޭ ކަމެއްނޫންބާއެވެ؟ އެންމެ ތިރިންފެށިގެން އެންމެ މަތީފަންތިއާ ހަމައަށް މުޅި ޤައުމުއޮތީ ބުލީކުރުމުގައެވެ.

ޓީ.ވީ އެއް ހުޅުވާލިޔަސް ބުލީކުރަނީއެވެ. ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް ބޭއްވިޔަސް އެއްބަޔަކު އަނެއްބަޔަކަށް ބުލީކުރަނީއެވެ. ޢިއްޒަތްތެރި މަޖިލީހުގެ ތަޅުމުގައި އިންސާނުންނަށް މުޚާޠަބުކޮށް ޖަނަވާރުންގެ ނަންނަމުން މުޚާޠަބުކޮށް، ހަޅޭއްލަވާ ހަދާމަންޒަރު މިއަދު ނުފެންނަ ކުއްޖަކުނެތެވެ. އެއަޑުތައް ނީވޭ، އެ ބަސްތަކުގެ ތަރުޖަމާ ނޭނގޭ ކުއްޖަކު މި ދިވެހި މުޖުތަމަޢުގައި ވޭހެއްޔެވެ؟ މަގުތަކުން ފެންނަ ލިޔުންތަކާ ސޯޝަލްމީޑިއާ އިން ފެންނަ ޕޯސްޓްތަކުގައި މީހުންގެ ޢިއްޒަތާ އަބުރު ކަތިލާފައިވާތަން ނުފެނޭހެއްޔެވެ؟ މިއީ ބުލީކުރުންނޫން ދެން އެހެން ކޮންކަމެއްތޯއެވެ. ސިޔާސީ ބޭނުންތައް ޙާޞިލުކުރަން މިއަދު އެންމެ ފުޅާ ދާއިރާގައި ބޭނުންކުރާ ހަތިޔާރަކީ ބުލީކުރުމެވެ.

ދަންނަވަންތޯއެވެ! ބުލީކުރުމަށް ޙައްލެއް ބޭނުންވާނަމަ އެންމެ ފުރަތަމަ އެކަން ހުއްޓާލަން ޖެހޭނީ ޤައުމުގެ ވަލިއްޔުލްއަމްރު (ވެރިމީހާ) އާއި ހިސާބުންނެވެ. އެއަށްފަހު، ސަރުކާރުގެ މިނިސްޓްރުންނެވެ. މަޖިލީހުގެ މެމްބަރުންނާއި ޝަރުޢީ ދާއިރާގެ ތެރެއިންނެވެ. ސިޔާސީ ވެރިންނާއި ޒިންމާދާރު މައިންބަފައިންގެ ފަރާތުންނެވެ. މުދައްރިސުންނާއި ޢާއްމުންގެ ފަރާތުން ހުއްޓިގެންނޫނީ ސްކޫލްތަކުގެ ތެރެއިން މިކަން ހުއްޓުވުމަކީ މުސްތަޚީލު ކަމެކެވެ. ބުލީކުރުން ހުއްޓުވުމުގެ ހަތިޔާރު އޭގެ ތޫނުކަންމަތީގައި މިއަދުއޮތީ ސްކޫލުތަކުން ބޭރުގައި، މުޖޖުތަމަޢުގެ ޒިންމާގެ ދަށުގައެވެ. ޒިންމާ ނަންގަވަންޖެހޭ ފަރާތްތަކުން ޒިންމާ ނަންގަވާށެވެ. ތިމާގެ ޒިންމާ އަދާނުކޮށް އެހެންމީހުން ކުށްވެރިނުކުރާށެވެ!

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow