
ފްރީޑަމް ފްލޮޓީލާގެ މިޝަން ކާމިޔާބު: މެޑްލީން ދުނިޔެއަށް ދިނީ ވަރުގަދަ މެސެޖެއް
ޖޫން 9 ވީ ހޯމަ ދުވަހުގެ ފަތިސް ގަޑީގައި އިޒްރާއިލްގެ ޔަހޫދީ ކަނޑުފޭރޭ ސިފައިން ވަނީ ޣައްޒާއާ 100 ވަރަކަށް ނޯޓިކަލް މޭލް ދުރުން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން 'މެޑްލީން' އަށް އަރައިގަނެ އެއިން ދަތުރުކުރި އެންމެން ވަގަށްނެގިއެވެ.
ހަތް ގައުމަކުން އިންސާނީ ހައްގުތަކަކަށް ވަކާލާތުކުރާ އަދި އިންސާނީހައްގުތައް ދިފާއުކުރާ 12 ވޮލަންޓިއަރުން ދަތުރުކުރި ބޯޓް އެހިސާބަށްފޯރީ ހަފުތާއެއްގެ ދަތުރަކަށްފަހުއެވެ. ޣައްޒާއަށް ބޭނުންވާ އަސާސީ އިންސާނީ އެހީގެ މަދު އަދަދެއް ހިފައިގެން ސިސިލީގެ ކެޓާނިއާ ބަނދަރުން ފުރީ އިޒްރާއިލްއިން ޤާއިމްކޮަށްފައިވާ 'ޣައްޒާ ބްލޮކޭޑް' ފުނޑާލުމުގެ މަޤްސަދުގައެވެ.
ޣައްޒާ ބްލޮކޭޑްކީ 2007 ން ފެށިގެން އިޒްރާއިލް އާއި މިޞްރުން އެއްގަމާއި ވައި އަދި ކަނޑުގެ މަގުން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުމެވެ. އެހެންކަމުން މެޑްލީންގެ ދަތުރުގެ މަޤްސަދަކީ 18 އަހަރު ވަންދެން ކަނޑުމަގުން ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް, ކަނޑުމަގުން ޣައްޒާއަށް އިންސާނީ އެހީ ފޯރުވުމުގެ ދޮރު ހުޅުވާލަދިނުމެވެ.
މެޑްލީން އިން ދަތުރުކުރި އެންމެ މުހިއްމު މީހަކީ ސްވިޑެންގެ މަޝްހޫރު ތިމާވެށި އެކްޓިވިސްޓް ގްރޭޓާ ތަމްބާގްއެވެ. ނަމަވެސް ޣައްޒާ ޤަތުލްއާންމު ފެށުނީއްސުރެ ގްރޭޓާއަކީ ފަލަޞްޠީނުގެ ހައްޤުގައި އިޒްރާއިލްގެ އަނިޔާވެރިކަމާ ދެކޮޅާށް އުފުލާ އެންމެ ވަރުގަދަ އަޑެވެ. އެކަމުގެ ސަބަބުން އިޒްރާއިލްގެ ވެރިންގެ ފުރައްސާރަ ގްރޭޓާ އާ އެތައްފަހަރަކު ވަނީ ކުރިމަތިވެފައެވެ.
ގްރޭޓާ އާއި ފަލަޞްޠީނު ދަރިކޮޅުގެ ފްރާންސްގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ރިމާ ހަސަން މްޑްލީންގެ ކްރޫންގެ ތެރޭގައި ނުހިމެނުނަމަ ޣައްޒާއާ މާދުރުން ބޯޓަށް އިޒްރާއިލްގެ ހަމަލާތައް އަމާޒުވެ އޭގައިތިބި މީހުން މަރާލަންވެސް އިޒްރާއިލްއިން ފަސް ނުޖެހުނީހެވެ.
އެއީ ފްރީޑަމް ފޮލޮޓީލާ ކޯލިޝަން (އެފްއެފްސީ) ގެ ބޯޓް 'ކޮންސައިސް' މީގެ މަހެއްކުރިން ހަމަ މިގޮތަށް ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރަމުން ދަނިކޮށް މެއި 2 ވަނަ ދުވަހު އިޒްރާއިލްއިން ވަނީ އެބޯޓަށް ދެ ޑްރޯން ހަމަލާ އަމާޒުކޮށްފައިވާ ފަދައިންނެވެ.
މިއީ އެފްއެފްސީންގެ ފުރަތަމަ އަދި ދެވަނަ ދަތުރެއްވެސް ނޫނެވެ. 2015 ގައި އެފްއެފްސީގެ ބޯޓު 'މާވީ މަރްމާވާ" ވެސް އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ދަތުރުކުރަމުންދަނިކޮށް އިޒްރާއިލް ވަނީ އެބޯޓަށް ހަމަލާދީ ބޯޓުން ދަތުރުކުރަމުން ދިޔަ 9 މީހަކު މަރާލާފައެވެ.
މެޑްލީން އިން ގެންދިޔައީ ރަމްޒީ އަދަދެއްގެ އެހީއެކެވެ. އަދި އެެއީ ހައިހޫނުކަންމަތީ ތިބި ޣައްޒާގެ ރައްޔިތުންނަށް އޭގެން މާބޮޑު އަސަރެއް ކުރާނެ މިންވަރެއްވެސް ނޫނެވެ. ނަމަވެސް މެޑްލީންއަށް ޣައްޒާގައި ބަނދަރުކުރެވުނު ނަމަ އެއީ ޣައްޒާގެ ރައްޔިތުން އަދި ދުނިޔޭގެ ނަޒަރުގައިވެސް ރަމްޒީ ކަމެއް ނޫނެވެ.
ޣައްޒާގެ އިންސާނީ ހާލަތު މިހާރު އޮތް މިންވަރަށް ބަލާއިރު ދުވާލަކު 500 ޓްރަކްގެ އެހީގެ ސާމާނު ޣައްޒާއަށް ވައިން ނަމަވެސް އެއީ ކިރިޔާ ފުދޭ މިންވަރުކަމަށް އދ ން ވަނީ ބުނެފައެވެ.
މެޑްލީން ޣައްޒާގައި ބަނދަރުކުރުމުގެ ކުރިން ބޯޓް ކޮންމެވެސް ގޮތަކުން ހުއްޓުވާނެކަން އެއީ ކުރިންވެސް ޤަބޫލުކުރެވިފައި އޮތް ގޮތެވެ. ނަމަވެސް އިޒްރާއިލްއިން އެކަމުގައި ބޭނުންކުރާނީ ކޮންކަހަލަ ސްޓްރަޓެޖީއެއްކަމެއް ލަފާކުރުން އެއީ ނޭނގޭ ކަމެކެެވެ.
މެޑްލީންއިން ކުރިއަށް ގެންދިޔައީ މުހިއްމު މިޝަންއެކެވެ. އެ މިޝަންގެ ހަޤީގަތަކީ ދުނިޔޭގެ އިޒްރާއިލްއިން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލްއާންމާއި, ބައިނަލްއަޤުވާމީ ޤާނޫނުތަކާ ހިލާފަށް ޣައްޒާ ބަންދުކޮށްފައި އޮތް އޮތުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރިން ބީރުކަންފަތެއް ދީގެން ތިބި ތިބުން ދުނިޔެ ހަނދާންނައްތާ ނުލާނެކަމެވެ. ދުނިޔޭގެ ވެރިންގެ ލޯތަކަށް އިޒްރާއިލްއިން ޣައްޒާ ބަަންދުކޮށްފައި އޮތް އޮތުން ނުފެނުނަސް އެކަން އެނގޭ, އަދި އެ ބަންދު ފިލުވުމަށް ބަޔަކު ޤުރުބާންވާން ތައްޔާރަށްވެސް ތިބި ކަމެވެ.
އެފްއެފްސީ އަކީ ޣައްޒާގެ ރައްޔިތުންނާއެކު ބަޔަކު ހަމައެކަނި ތިބީ ނޫންކަަން ހާމަކޮށްދޭ, ސަރުކާރަކާ ގުޅުމެއްނެތް އަމިއްލަ ޖަމާއަތެކެވެ. 2010 ގައިވެސް އެފްއެފްސީގެ 6 ބޯޓެއް ތުރުކީން ފުރައިގެން ޣައްޒާއަށް ދަތުރުކުރިއެވެ. އެފަހަރުވެސް އިޒްރާއިލްއިން ވަނީ ދަތުރަށް ހުރަސްއަޅާފައެވެ.މާވީ މަރްމާވާ އަކީ އެގޮތަށް އެހީ ހިފައިގެން ދަަތުރަށްފެށި އެފްއެފްސީގެ އެންމެ ބޮޑު ބޯޓެވެ.
މާވީ މަރްމާވާއިން ކުރި ދަތުރުގައި މަރާލި ފަރާތްތަކަށް އަދިވެސް އިންސާފެއް ނުލިބެއެވެ. އެދަތުރަށްފަހު މަޝްހޫރު އެމެރިކާގެ ޕްރޮފެސަރު ނޯމް ޗޮމްސްކީ ބުނެފައި ވެއެވެ. "އިޒްރާއިލްއިން ލުބުނާންއާއި ސައިޕްރަސް އާދެމެދުން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ބޯޓުތައް ހައިޖެކްކޮށް އެ ބޯތްތަކުން ދަތުރުކުރާ ފަސިންޖަރުން މަރަމުންދާތާ އެތައް އަހަރެއްވީއެވެ. ބައެއް ފަހަރު އެމީހުން ވަގަށްނަގާ އިޒްރާއިލްގެ ސިއްރު ޖަލުތަކުގައި ލާއިންސާނީ އެތައް އަނިޔާއެއް ދެއެވެ. ރަހީނުންގެ ގޮތުގައި އެތައް އަހަރަކު އެމީހުން ގެންގުޅެއެވެ. އެފަދަ ކޮންމެ އަމަލެއް އެއްވެސް އަގެއްއަދާކުރަންނުޖެހި ތާއަބަދަށް ކުރެވިދާނެކަމަށް އިޒްރާއިލް ޤަބޫލުކުރެއެވެ. ސަބަބަކީ އެމެރިކާއިން އެކަން ތަހައްމަލް ނުކުރުމެވެ. އަދި ވިލާތުން ލޯމަރާލައިން ތިބެ އެމެރިކާގެ ލީޑް ފޮލޯ ކުރުމެވެ".
ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން މާވީ މަރްމާވާ އަދި މެޑްލީންއަށް އިޒްރާއިލްއިން ހަމަލާ ދިނުމަކީވެސް ޖިނާއީ ކުށެކެވެ. ބައިނަލްއަޤުވާމީ އެކްޓިވިސްޓުންތަކެއް ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރުމުގެ އެއްވެސް ހައްޤެއް އިޒްރާއިލްއަކަށް ނޯއްނާނެއެވެ.
މެޑްލީންގެ ހިތްވަރުގަދަ މިޝަންއިން މެޑިޓެރޭނިއަން ކަނޑުގައި ކެފި ރާޅުތައް ދުނިޔޭގެ އެކި ގައުމުތަކުގެ ގޮނޑުދޮށްތަކަށް ބީއްސަން ފަށައިފިއެވެ. އެ ރާޅުތަކުގެ ބީހުން އެތައް ފައިތިލައެއްގައި ބޮސްދީފިއެވެ. ޣައްޒާގެ ރައްޔިތުނަށްޓަކައި އިންގިލާބީ މެސެޖެއް ރައްދުކޮށްދީފިއެވެ. ބަލަމާ ހިނގާށެވެ. "ޝޯ ނިމުނީ" އެއް ނޫނެވެ. ޝޯ ފެށުނީއެވެ.
ރިއެކްޝަންސް






