ފިތުނައިން މުޖުތަމަޢު ސަލާމަތް ކުރުން

ފިތުނައިން މުޖުތަމަޢު ސަލާމަތް ކުރުން

އިސްލާމް ދީނުގައި ފިތުނަވެރިކަމުގެ ނުރައްކާ އޮތް މިންވަރު އަޅުގަނޑުމެންގެ ދީނުގެ ދުސްތޫރަކަމުގައިވާ ކީރިތި ޤުރްއާނާއި، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލަހި ވަސައްލަމްގެ ބަސްފުޅުތަކުން ސާފުކޮށް އެނގެން އެބައޮތެވެ. މިކަންތައް އޮތްގޮތް ބަލާލަމާތޯއެވެ.

7 months ago - 06:54
Dec 25, 2023 - 09:16

އަޅުގަނޑުމެންގެ ދިވެހި މި މުޖުތަމަޢުގެ ތެރޭގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ފިތުނަ ފަސާދަ އުފެއްދުމެވެ. ޙަޤީޤަތް ބަލާލުމެއް ނެތި ދޮގު ޚަބަރުތައް ފެތުރުމާއި، ޔޯލަ ވާހަކަ ހިފައިގެން އެ ދެމުމާއި ދެބައޮޑުވުމެވެ. ހަމައެހެންމެ މިއަދު ބާރަށް ފެތުރެނީވެސް ތެދަށްވުރެ ބޮޑަށް ދޮގުކަން އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި އުޅޭ ބަޔަކަށް ރަނގަޅަށް އެނގޭއިރުވެސް އެ ޚަބަރުތައް ބެލުމަށާއި، ކިޔުމަށާއި އަދި ނޫސް މަޖައްލާގެ ޒަރީޢާއިން  ހޯދާ އެ ފެތުރުމަށް ވަރަށް ގިނަ ބަޔަކު މަސައްކަތް ކުރެއެވެ. އެއީ މިކަމުގެ ނުރައްކަލާއި މިކަމުން ލިބޭނެ ގެއްލުން އެނގުމަކާއި ނުލައެވެ. ކަމުގެ ނާޒުކުކަމާއި އިސްލާމް ދީނުގައި މިކަން އޮތްގޮތްވެސް ބެލުމަކާއި ނުލައެވެ. މިއަދު މިކަމާމެދު އަޅުގަނޑުމެން ފުންކޮށް ވިސްނާ މިކަމަށް ޙައްލެއް ނުހޯދައިފިނަމަ އަޅުގަނޑުމެންވާނީ ދެދުނިޔެވެސް ގެއްލިގެން ދާ ބައެއްގެ ގޮތުގައެވެ.

މީސްތަކުންގެ މެދުގައި ބައިބައިވުމާއި، ފިތުނަ ފަސާދަ އުފެއްދުމަކީ ހަމަކަށަވަރުން، ކަންބޮޑުވާ އަދި ގެއްލުންހުރި ޢަމަލެއްކަން ކަށަވަރެވެ. އޭގެ ސަބަބުން ޢިޖުތިމާއީ ނުތަނަވަސްކަމާއި، ހަމަނުޖެހުންތަކާއި، ތަޅާފޮޅުމާއި، ތަކެއްޗަށް ގެއްލުން ދިނުމާއި، ޙައްޤަކާނުލާ އަނެކާގެ އަބުރަށް އަރައިގަތުމާއި އިޖުތިމާޢީ އަދި ދީނީ ބައިބައިވުންތަކާއި، ހަމަނުޖެހުންތައް އުފެދިގެން ދިޔުމަކީ ވުން ގާތް ކަންކަމެވެ. އަދި މި ކަމުގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެގެންދިޔުމަކީވެސް ގާތް ކަމެކެވެ. މިކަމުން ސަލާމަތްކުރުމަށް އިސްލާމީ ދިވެހި އުންމަތް މިއަދު އެއްބާރުލުންދޭން ޖެހެއެވެ. މި ދިވެހި މުޖުތަމަޢު ބިނާކުރުމަށް މުޖުތަމަޢު ތެރޭގައި އެއްބައިވަންތަކަމާއި، އިޙްތިރާމް އުފެއްދުމަކީ މުހިންމު ކަމެކެވެ. އެކަން ކުރަން ޖެހެނީ ވަކި ސިޔާސީ ފިކުރެއް ޕްރޮމޯޓް ކުރާކަށްވެސް ނޫނެވެ. އަދި ވަކި ބަޔަކަށް ދެރައެއްވެސް ދޭކަށް ނޫނެވެ. އަދި ވަކި ބަޔަކަށް ފައިދާއެއް ހޯދައިދޭކަށްވެސް ނޫނެވެ. އެންމެންގެ ލާބައާއި މަންފާއަށްޓަކައެވެ.

ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އޮތް އުޚުއްވަތް ތެރިކަމަކީ، އަޅުގަނޑުމެންގެ ދީނީ އެއްބައިވަންތަކަމާއި އިސްލާމް ދީނަށް އޮތް ލޯތްބާއި އެ ދީނުގެ އަސާސުތަކުގައި ދިވެހިން ހިފަހައްޓައިގެން ތިބުމުގެ ނަތީޖާއެވެ. މިއަދު މިދެންނެވި އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަން ނަގާލާ ސަފުތައް ރޫޅާލުމަށް ޣައިރު މުސްލިމުން މަސައްކަތްކުރުމާއި އެކަމަށް ހިތްވަރުދީ ފަންޑުކުރަމުންދިޔުމާއެކު އެ ފަންޑުތަކުން ލިބޭ ފައިސާ ބޭނުންކޮށް ނުޙައްޤުން ބާރުވެރިކަން ހޯދަން މަސައްކަތް ކުރުމަކީ ހިތާމައާއި ފޫނުބެއްދޭވަރުގެ ގެއްލުމެއް މި މުޖުތަމަޢަށް ލިބިގެން ހިނގައިދާނެ ކަމެކެވެ.

އިސްލާމް ދީނުގައި ފިތުނަވެރިކަމުގެ ނުރައްކާ އޮތް މިންވަރު އަޅުގަނޑުމެންގެ ދީނުގެ ދުސްތޫރަކަމުގައިވާ ކީރިތި ޤުރްއާނާއި، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލަހި ވަސައްލަމްގެ ބަސްފުޅުތަކުން ސާފުކޮށް އެނގެން އެބައޮތެވެ. މިކަންތައް އޮތްގޮތް ބަލާލަމާތޯއެވެ. ކީރިތި ޤުރްއާނުގެ އަލް ބަޤަރާ ސޫރަތުގެ 191 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އަދި ޤަތުލު ކުރުމަށްވުރެ ފިތުނަވެރިކަމުގެ ނުބައިކަން ބޮޑެވެ".

ފިތުނަވެރިކަމުގެ ނުބައިކަން މިހާ ބޮޑު އިރު އެ ޚަބަރުތަކެއްގައި ދޮގެއް ހިމެނޭ ވާހަކަ ތަކާއި ދޮގު ޚަބަރުތައް ފެތުރުމަކީ އަދި ވަކިން ކުޑަ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން އެއްވެސް ކުށެއްނެތް މައުސޫމު ބައެއްގެ އަބުރު ކަތިލެވި، އެއްވެސް ކުށަކާނުލާ ދޮގު ރައްދުކުރުވާ ފަރާތުގެ އަބުރާ ޢިއްޒަތް ވެއްޔާ މޮޑެލުމާއެކު އެމީހުންގެ ޙައްޤުތައް ގެއްލުވާލާ މުޖުތަމަޢުން އެކަހެރި ކޮށްލެވިގެން ދަނީވެސް ހަމަ އަހަރެމެންގެ ދިވެހި އަޚުންގެ ތެރެއިން ފަރުދުންތަކެކެވެ. އެއްދުވަސްވަރެއްގައި އެއްކޮށް އެއްތަށިމަތީގައި ކައިބޮއި، ހީ ސަމާސާކޮށް މަސައްކަތުގެ މައިދާނުގައި އެކީގައި އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި އުޅުމަށްފަހުގައެވެ. ދޮގު ޚަބަރު ފެތުރުމާއި އެކަމުން ދުރުވުމަށް މީސްތަކުންނަށް މާތް ﷲ ވަނީ އަންގަވާފައެވެ.

އެކަމަށް އިޝާރާތްކުރައްވާ އަލް ޙުޖުރާތު ސޫރަތުގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދު ބަލައި، ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައި މީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ، އެހެން ވެއްޖެނަމަ، ތިޔަބައި މީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަ ކުރާ ބަޔަކު ކަމުގައި ތިޔަބައި މީހުން ވެދާނެތެވެ."

ކަންމިހެން ހުރި އިރު ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓް ފޯމްތަކުގަޔާއި މީސްތަކުން އެއްވެ އުޅޭ ހޮޅުއަށިތަކުގަޔާއި އެކިއެކި ފޯރަމްތަކުގައި އެއްވެސް ބިރެއްނެތި ދޮގު ޚަބަރުތަކާއި ދޮގު މައުލޫމާތު ފެތުރުމުގައި މަސައްކަތްތަކެއް ބަޔަކު ކުރަމުން ދާކަމީ ހިތާމަހުރިކަމެކެވެ. މުއައްސަސާތަކުގެ އަގު ވައްޓާލުމާއި އެތަންތަނުގެ މުވައްޒަފުން ފަޟީޙަތްކުރުމުގައި ރެޔާއި ދުވާލު ބަޔަކު މަސައްކަތް ކުރުމުގެ ނަތީޖާއަކީ، އެ މުއައްސަސާތަކުގެ އަގު ވެއްޓި ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލުމެވެ. މިކަންކަމަކީ އެކަން ކުރާ މީހުންނަށް ވަގުތީގޮތުން ކުޑަ މަންފާއެއް ލިބުނަސް ތިމާމެންގެ ދުނިޔެއާއި އާޚިރަތް ގެއްލިގެން ހިނގައިދާނެ ބޮޑު ކަންކަމެވެ.

ފިތުނަވެރިކަމާއި ބައިބައިވުންތަކުން މުޖުތަމަޢު ސަލާމަތް ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން

ކަންއޮތްގޮތް ސާފުކޮށްދިނުމާއި މަޝްވަރާގެ ފޯރަމްތައް ބޭއްވުމާއި، ޖަމާޢަތްތަކާއި ފަރުދުންގެ މެދުގައި ހުޅުވާލެވިފައިވާ މަޝްވަރާތަކަށް ފުރުޞަތުދީ ކަން ހިނގާފައިވާގޮތްތައް އޮޅުން ފިލުވައިދީ ރައްޔިތުންނާއި މުއައްސަސާތަކުގެ ކަންކަން އޮތްގޮތް ސާފުކޮށްދީ މަޝްވަރާތަކަށް ހިތްވަރުދޭންވާނެއެވެ. މިކަމުގެ ސަބަބުން އޮޅުންބޮޅުންތައް ނައްތާލެވި، ކަންކަންއޮތްގޮތް އެކަކު އަނެކަކަށް ސާފުކޮށްދީ، މުއައްސަސާތަކުގެ މެދުގައި ހުންނަ ކަންކަން ސާފުވެ މައްސަލަތައް ހިނގާފައިވާގޮތް ސާފުވުމުން އިތުބާރު އުފެދިގެންދާނެއެވެ. އަދި މި ފަދަ މަޝްވަރާ ފޯރަމްތަކުގައި އެކަކު އަނެކަކުގެ ވާހަކަތަކަށް އިޙްތިރާމުކުރުމާއި، އެކަކު އަނެކަކުގެ އަޑު އެހުމަށް ފުރުޞަތުދީ ތެދު ޤަބޫލު ކުރުމަށް ހިތްވަރުދޭންވާނެއެވެ. 

ޢާއްމު އަގުކުރުންތަކަށް ބާރުއެޅުން

ތަފާތު ޖަމާޢަތްތަކުގެ ނުވަތަ ގްރޫޕްތަކުގެ މެދުގައި ޙިއްޞާކުރެވިފައިވާ އަގުތަކާއި، އަމާޒުތައް ފާހަގަކުރުން މުހިއްމެވެ. މަޝްވަރާތަކާއި ފޯރަމްތަކަކީ މީހުން ބައިބާކުރުވާ އެއްޗެއްގެ ބަދަލުގައި، އެއްބައިވަންތަކަމަށް މަގުފަހިކޮށްދޭ އެއްޗަކަށް ހެދުމަށް މިފަދަ މަޝްވަރާތައް އިންތިޒާމް ކުރާފަރާތުންނާއި، މަޝްވަރާތަކުގައި ބައިވެރިވާފަރާތްތަކުން ސަމާލުކަންދީ، އެއްބައިވަންތަކަން އިތުރުކުރުމަށް މަސައްކަތް ކުރަންވާނެއެވެ.

ޙަމްދަރުދީ އުފެއްދުން

ތިމާ ނޫން އެހެން މީހެއްގެ ބޫޓުގައި ހިނގުމުން އެކަމުގައި ހުރިކަންކަން ތިމާއަށް ވިސްނި އެކަން ޕްރޮމޯޓްކޮށް ހަމްދަރުދީއާއި އައު ވިސްނުންތައް ތިމާގެ ކިބައިގާ ހަރުލުމަށް ހިތްވަރު ލިބޭނެއެވެ. މިކަމުގެ ސަބަބުން އެއްފަރާތަށް ބަރޯސާވެގެން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަން ހިނގާފައިވާގޮތާމެދު ވިސްނުމާއި ކަންއޮތްގޮތް ހާމަވެގެންދާނެއެވެ. އަދި އާޚިރު ނަތީޖާއަކީ އޯގާތެރިކަން އުފެދުމާއި ފިތުނަ ފަސާދައަށް އޮންނަ މަގު ކުޑަވެގެން ދިޔުމެވެ.

ތަޢުލީމާއި ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި މައްސަލަތަކަށް އޮތް ޙައްލުތަކުގެ ތެރެއިން އެންމެ ބޮޑު ޙައްލެވެ. ތަޢުލީމީ ޕްރޮގްރާމްތަކާއި ކެމްޕެއިންތައް މެދުވެރިކޮށް ބައިބައިވުމުގެ ނުރައްކާތަކާއި އެއްބައިވަންތަކަމުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސްކޫލްތަކުން ފެށިގެން މުޖުތަމަޢުގެ އެކިއެކި ކްލަބުތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ހަމައަށް އެކި ލެވެލްތަކުގައި މިކަން ކުރެވިދާނެ އެވެ.

ސޯޝަލް މީޑިއާއި ގުޅޭގޮތުން ހޭލުންތެރިކުރުވުން

ސޯޝަލް މީޑިއާއާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމާއި އެކަންކަން ޕްރޮމޯރޓްކޮށް، ތެދު މަޢުލޫމާތުތައް ހޯދާނެގޮތްތަކާއި، ވިސްނުތެރިކަމާއެކު ކްރިޓިކަލްކޮށް ވިސްނުމަށް ހިތްވަރު ދިނުމަކީ މުހިއްމުކަމެކެވެ. އަދި އެ ލިބޭ މަޢުލޫމާތުތައް އިވެލުއޭޓްކޮށް ނުވަތަ އެމަޢުލޫމާތަކާއިމެދު ފުންކޮށްވިސްނާ އެއީ ތެދުކަން ނުވަތަ ދޮގުކަން ދެނެގަތުމަށް ވިސްނުމާއި، މީހަކު އެއްޗެއް ހަމަ ބުނާއިރަށް ނުވަތަ ފެންނައިރަށް އެ މަޢުލޫމާތަކީ ތެދު އެއްޗެއްތޯ ބަލާ ވިސްނުމާއި އެ ފެތުރުމުގެ ކުރިން ޙަޤީޤަތް ބެލުމަށް ހިތްވަރުދީ އެކަން ކުރާނެގޮތްތަކުގެ މަޢުލޫމާތާއި ހޭލުން ތެރިކުރުވާނެގޮތްތައް އުނގަންނައިދީ ސާފުކޮށްދިނުން މުހިއްމެވެ. އަދި ބައިބައިވުމަށް މަގުފަހިވާ ދޮގު މައުލޫމާތު ނުވަތަ އެއްފަރާތަކަށްގޮސް ހުސްވެފައިވާ ދޮގު މަޢުލޫމާތާއި، ނުފޫޒާ ދެކޮޅު ހެދުމަށް އެހީތެރިވެދިނުމަކީ ފިތުނަފަސާދަ އާއި ބައިބައިވުންތަކާއި މުޖުތަމަޢު ދުރަށް ގެންދާނެކަމެކެވެ.

ލީޑަރޝިޕްގެ ދައުރު

މުޖުތަމައުތަކުގައި ވިޔަސް، ޖަމްޢިއްޔާ ޖަމާޢަތްތަކުގައި ވިޔަސް، މުއައްސަސާތަކުގައިވިޔަސް ލީޑަރުން ނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ލީޑަރުންގެ ޢަމަލުތަކާއި ސިޔާސަތުތަކުގައި އިންކްލޫސިވިޓީއާއި އިންސާފުވެރިކަމާއި ހަމަހަމަކަން އިސްކުރަންޖެހެއެވެ. އަދި ޒުވާން ލީޑަރުން އުފެއްދުމަށް ދައުލަތުން މަސައްކަތް ކުރުމަކީ ފިތުނަ ފަސާދައާ ދެކޮޅަށް ކުރެވޭ އިންވެސްޓެކެވެ.

ތަފާތުކަމަށް ހިތްވަރުދިނުން

މުޖުތަމަޢުގައި އުޅޭ މީހުންގެ ތަފާތުތައް ހުންނާނެކަން ދެނެގަނެ އެކަމަށް ހިތްވަރު ދިނުން

މުޖުތަމަޢުގައި މީހުންގެ ވިސްނުމާއި ކުރާ މަސައްކަތްތަކާއި، ވިސްނާގޮތްތަކާއި އާމްދަނީއާއި ތަޢުލީމު ހޯދާގޮތާއި ފައިސާ ހޯދާގޮތްތަކާއި މިކަންކަން ބަދަލުވެފައިވާކަމާއި، މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިޔާއި ނަޛަރިއްޔާތަކަށް ބަދަލުއައިސްފައިވާކަމާއި، މީހުންގެ ބެކްގްރައުންޑާއި މުއްސަނދިކަމަށް ބަދަލުތަކެއް އައިސްފައިވާކަން ޤަބޫލުކޮށް އެކަންކަން ދެނެގަތުމަކީ ވަރަށް މުހިއްމުކަމަކެވެ. މިސާލަކަށް މީގެ ދުވަސްތަކެއް ކުރިން މިވެނި އެވެނި މީހަކީ އަހަރެން ކޮފީބިލް ދެއްކިމީހެއްކަމާއި އޭނާ އަތުގައި ބިލް ދެއްކޭނެފަދަ ނެތް މީހެއް މިއަދު މުއްސަދިކަން ހޯދާފައިވަނީ ކިހިނެއްކަމާއިމެދު ޝައްކު އުފެއްދުމަކީ ވަހުމު އުފެދޭނެކަމެކެވެ. ހަމަމިގޮތަށް އެމީހާއަކީ ސްކޫލުން ކިޔެވި މީހެއް ނޫނޭ، އޭނައަށް އެނގޭނީ ކޮންއެއްޗެއްތޯ ސުވާލު އުފައްދާ ހެދުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ނަފުރަތާއި ފިތުނަ އުފެދޭނެއެވެ. އޭގެ ބަދަލު ޓެކްނޮލޮޖީއާއި ފަންނީ ޤާބިލުކަމާއި ފައިސާ ހޯދާނެ ވަޞީލަތްތައް މިއަދު ވަނީ ޢާއްމުވެފައިކަން ދެނެގަންނަންޖެހެއެވެ. އިންޓަރނެޓާއި ޓެކޮނޮލޮޖީ ބޭނުންކޮށްގެން ހަރުފަތަކަށްވުރެ ހަރުފަތެއް ކުރިޔަށް ދެވޭނެކަން ޤަބޫލުކުރަންޖެހެއެވެ.  

ފިތުނަފަސާދައަށް ވާޞިލުވުމަށް މަގުފަހިވާ ކަންކަމަށް އެޑްރެސް ކުރުން

އިޤްތިޞާދީ ތަފާތުކުރުންތަކާއި، ވަޒީފާގެ މާހައުލުގެ ތަފާތުކުރުންތަކާއި، ކުޅިވަރު މައިދާނުގައި ގެންގުޅެވޭ ތަފާތު ކުރުންތަކަށް ނުވަތަ ވަކިބޔަކަށް ތާޢީދުކުރާތީވެ އެބަޔަކު ބާކީކުރުމާއި، ބައިބައިވުމުގެ މައިގަނޑު ސަބަބުތައް ދެނެގަނެ އެކަމަށް ޙައްލު ހޯދުމެވެ. މިކަންކަމުގެ އަސްލުހޯދާއި މިކަންކަން ޙައްލުކުރުމަކީ ދިގު މުއްދަތަކަށް އެއްބައިވަންތަކަމަށް މަގުފަހިވެގެންދާނެ ކަމެކެވެ. ދިވެހީންނަކީ ކުރިއްސުރެ ޖެހިގެން ހުރި ގޭގެ އެހީތެރިކަމާއި އަދި އަވަށްޓެރިންނަށް ނަމޫނާ ބައެއްކަން ދެނެގަނެ ފިކުރީގޮތުން މިއައި ސިޔާސީ ބައިބަވުމަކީ އެއިން އާޚިރުގައި ބޮޑު ގެއްލުމެއް ލިބިދާނެކަމެއްކަމަށް ދެނެގަތުމާއި މިކަންކަމަށް ދައުލަތުގެ މުއައްސަސާތަކުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަކީވެސް ފިތުނަފަސާދައަން މުޖުތަމަޢު ސަލާމަތްކުރުމަށް ކުރެވިދާނެކަމެކެވެ.

މުޖުތަމަޢު ބައިވެރިކުރުވުން

މުޖުތަމަޢުގެ ބައިވެރިކުރުވުން އިތުރުކުރުވުމަށް މަސައްކަތް ކުރުމަކީ ފިތުނަފަސާދައާއި ކިބުރުވެރިކަން ނައްތާލުމަށް އޮތް މަގެކެވެ. ކުޅިވަރާއި އިޖްތިމާޢީ ޙަރަކާތްތަކުގެ ތެރެއިން އެންމެން ޝާމިލުވާގޮތަށް ނުވަތަ ޝައުޤުވެރިކަން ހުންނަ ތަފާތު ކަންކަމުގައި މީހުން ބައިވެރިކޮށް އެމީހުންގެ އަގުވަޒަންކުރުމާއި ކޮންމެ މީހަކީވެސް މުޖުތަމަޢުގައި މުހިއްމު މީހެއްކަން އިޙްސާސްކުރެވޭ ހިނދު، އެންމެންގެ ފައިދާއަށްޓަކައި ކުރެވޭ މަސައްކަތްތަކުގައ ޢަމަލީ ގޮތުން ބައިވެރިވުމުގެ ފުރުޞަތު އިތުރުވެގެންދާނެއެވެ. އަދި ތަފާތު މީހުންނާއި ބައްދަލުވެ ހޭލުންތެރިކަން އިތުރުވުމަށް ފުރުޞަތު ލިބިގެންދާނެއެވެ.

މައްސަލަތަކަށް ޙައްލު ހޯދުމަށް މަސައްކަތްކުރުން.

މުޖުތަމަޢުގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތައް ޙައްލުކުރުމުގެ ހަރުދަނާ ނިޒާމުތައް ތަރައްޤީކޮށް ކުރިއެރުވުމަކީ މުހިއްމުކަމެކެވެ. މިކަމުގެ ސަބަބުން ދެބަސްވުންތައް ޙައްލުވެ، ބޮޑެތި ބައިބައިވުންތަކަކަށް ބަދަލުވިޔަ ނުދިނުމަށް މަގުފަހިވެގެންދާނެއެވެ. ވިސްނުމާއި، ކެތްތެރިކަމާއި، އެއްބާރުލުން ދީގެން، ވަކިވަކި ފަރުދުންނާއި މުޖުތަމަޢުތަކަށް، ބައިބައިވުމުގެ ނުރައްކާތެރިކަން ކުޑަކުރުމަށް މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. ދައުލަތުން ކަންކަން ކުރާނަމަ ރައްޔިތުންނަށް ދެފުށް ފެންނަގޮތަށް ކަންކަންކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.

އިސްލާމް ދީނުގައި ކަންއޮތްގޮތް އޮޅުން ފިލުވައިދިނުން

ދިވެހީންނަކީ ޒަމާނުއްސުރެ އިސްލާމް ދީނުގެ މަތީގައި ތިބި ބައެކެވެ. ޢަމަލީގޮތުން ދީނީކަންކަމަށް ސަމާލުކަންދޭ މީހުން މަދުވިޔަސް މުސްލިމުން ދިރިއުޅޭ ޤައުމުކެވެ. ކަންކަން ހޫނުކޮށްލުމަށް ނުވަތަ ކަމެއް ގޯސްކޮށްލުމަށް ހަތިޔާރެއްގެ ގޮތުގައިވެސް ދީން ބޭނުންކުރާތަން މަދުން ނަމަވެސް އެބަފެނެއެވެ. އެހެންކަމުން ފިތުނަފަސާދައާއި ދޮގުމަޢުލޫމާތާއި، ދެބައޮޑުވުމާއި ޙަސަދަވެރިކަމާއި މިކަމަށް މަގުފަހިވާ އެންމެހާ ކަންކަމަށް، މީހުން ހޭލުންތެރިކުރުވާނެ ޕްލެޓް ފޯމްތައް ޤާއިމުކުރުމާއި، މަޢުލޫމާތު ޙިއްޞާކުރެވޭނެ މަގުތަކެއް ތަނަވަސްކޮށްދޭންޖެހެއެވެ. ދީނީގޮތުން ކަންއޮތްގޮތް ހަމަ އެކަނި ހުކުރުދުވަހުގެ ޚުޠުބާގައި ހިމަނާލައިގެން ވާކަށްނެތެވެ. ބިޒީ މާހައުލެއްގައި މީހުން އުޅޭއިރު ބިލްބޯޑްތަކާއި އޯޑިއޯ ކްލިޕްތަކާއި ސޯޝަލް މީޑިއާގެ ވަޞީލަތްތައް ބޭނުންކޮށްގެން ހޭލުންތެރިކަން ކުރުވުމެގެ ޕްރޮގްތާމައް ހިންގަންޖެހެއެވެ.

މިކަންކަމަކީ މީސްތަކުންގެ މެދުގައި ރަނގަޅު ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިކޮށްދޭނެ ކަންކަމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow