އާއިލާއަށް ވަގުތު ހޯދަން ކޮންމެހެން ކުރަންޖެހޭ 5 ކަމެއް.

އާއިލާއަށް ވަގުތު ހޯދަން ކޮންމެހެން ކުރަންޖެހޭ 5 ކަމެއް.

• އާއިލާއެކީގައި މުޖުތަމަޢުގެ ހަރަކާތެއްގަ ބައިވެރިވެލުން • ވާރޭވެހޭ ދުވަހެއްގައި ވާރެޔާ ތެމިލުން • އާއިލާއާއިއެކީގައި އެއްސުފުރާއަކުން ކެއުން

7 months ago - 08:51
Jan 7, 2024 - 08:52

އަހަރެމެންގެ ތެރެއިން ވަރަށް ގިނައިން އިވޭ ޝަކުވާއެކެވެ. ފިރިމިހާއަށް ވަގުތު ނުދޭ ވާހަކަ އެވެ. އަނބިމީހާ ބޭނުންވާ ވަރަށް، އަބިމިހާއަށް ވަގުތު ނުދެވޭތީ ދެމަފިރިންގެ ދޭތެރޭ މައްސަލަ ޖެހޭވަހަކައެވެ. މައިންބަފައިންގެ ފަރާތުން ދަރިންނަށް ލޯތްބާއި އަޅާލުން ނުދެވޭތީ ދަރިންގެ އަޚްލާގު ގޯސްވާ ވަހަކައެވެ. ދެމަފިރިން އެކަކު އަނެކަކަށް ވަގުތުކޮޅެއް ހުސްކޮށްލި ކަމުގައިވިޔަސް ދަރިންނަށް ދޭނެ ވަގުތެއް ދުވަހުގެ ބިޒީ ތާވަލުން ނުލިބޭ ވާހަކައެވެ. ދުވާލުގެ ހުރިހާ ވަގުތެއް އޮފީހުގައި ހޭދަކުރާ ވާހަކަ އެވެ. ރޭގަނޑު ވަގުތެއް ވެއްޖެނަމަ އެކުވެރީންނާ އެކު ކޮފީމޭޒުތަކުގައި އުޅޭ ވާހަކަ އެވެ. އެކަމަކު އާއިލާއަށް ދޭނެ އެއްވެސް ވަގުތެއް ބައެއްފަހަރު ނޯންނަ ވާހަކަ އެވެ. މިޝަކުވާކުރީމަ ދެން ދިމާވާ އާއިލީ މައްސަލަ ތަކުގެ ވާހަކައެވެ. އަދި ހަމަ މިއާގުޅިގެން އަހަރުމެންގެ ލޯބިވާ ދަރިން، އަތުން ބީވެގެންގޮސް ޤާނޫނާ ޚިލާހް އަމަލުތަކަށް ހުށަހެޅި މުޖުތަމަޢު ހަލާކުވެގެން ދާވަކައެވެ.

މިއީ މިއަދުގެ ހާލަތެވެ. ވަރަށް ގިނަފަހަރަށް އެހެން ހުރިހާ ކަމަކަށް ދޭނެ ވަގުތު ކޮންމެ ގޮތެއްހަދާފަވެސް އަހަރުމެން ހޯދަމުއެވެ. އެކަމަކު އާއިލާއަށް ދޭންޖެހޭ ވަގުތު ދެވެނީ ބައެއް މީހުންނަށް ވަރަށްމަދު ފަހަރަކުއެވެ. މިއީ ހަމަ މިކަމުގެ މުހިންމުކަން ނޭގޭތީ ބާއެވެ. ނުވަތަ ހަމަ ފަރުވާ ކުޑަކުރެވެނީ ބާއެވެ. ވަރަށްގިނަ ފަހަރަށް އަހަރުމެންނަށް ވިސްނޭއިރު އޮންނަނީ ހައްލު ނުވާވަރަށް މައްސަލަ ގޯސްވެފައެވެ. އެހެންކަމުން މި ލިޔުމުގައި ބަލައިލާނީ މިކަމަށް ހައްލެއް ގެނެވިދާނޭ ބައެއް ކަންކަމުގެ މައްޗަށެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްގެން އަހަރުމެންނަށް މިކަންތައްތަކަށް ހައްލު ހޯދަން މަސައްކަތް ކުރެވިދާނެއެވެ. ނަމަވެސް، ބައެއްފަހަރު އަހަރެމެންގެ ކަށީގައި ހިފާފައި ހުންނަ އާދަތަކަށް ނުވަތަ ވިސްނުންތަކަށް ބަދަލުގެންނަން އުނދަގޫ ވެދާނެއެވެ. އެހެނަސް، މީ ނުވާނޭ ކަންތައްތަކެއް ނޫނެވެ.

 1.      އާއިލާއަށް ޚާއްސަ ވަކި ވަގުތެއް ކަނޑައެޅުން!

އާއިލާއާއެކު ހޭދަކުރާ ވަގުތަކީ އާއިލާއަށް ހުސްކޮށްފައި އޮންނަ ވަގުތަކަށް ހަދާށެވެ. ފޯނަކީ މިހާރު އެންމެންގެވެސް އެންމެ ގާތް އެކުވެރިޔާއެވެ. އެއާނުލައި ކުޑަ ހިނދުކޮޅަކު އުޅެންވެސް އުނދަގޫވެއެވެ. އެހެންނަމަވެސް އާއިލާއާއެކު ހޭދަކޮށްލަން ލިބޭ ވަގުތުކޮޅަކީ ފޯނާއި އެހެނިހެންވެސް ޑިވައިސްތައް ނިއްވާލައި ނުވަތަ ރިންގް އޮފް ކޮށްލައި، އެކަކު އަނެކަކާ ވާހަކަ ދައްކައި ކަންކަން ހިއްސާކޮށް ގުޅުން ބަދަހި ކުރުމަށް ވަގުތުދެވޭގޮތަށް ތަފާތު އެކިކަންތައްތައް ކުރާވަގުތެވެ. މިއީ އާއިލާ ތެރޭގައި ލޯބި އިތުރުވެގެން ދާނެ ކަމެކެވެ. މިގޮތުން އާއިލާއަށް ޚާއްސަކުރާ ވަގުތުތަކަށް ހެދިދާނެ ބައެއް މިސާލު:

·         އާއިލާއެކީގައި މުޖުތަމަޢުގެ ހަރަކާތެއްގަ ބައިވެރިވެލުން

·         ވާރޭވެހޭ ދުވަހެއްގައި ވާރެޔާ ތެމިލުން

·         އާއިލާއާއިއެކީގައި އެއްސުފުރާއަކުން ކެއުން

2.      އާއިލީ ވަގުތުގައި ކުދިންނަށް އެކުދިން ކުރާހިތްވާފަދަ ކަންތައްތަކަށް ފުރުސަތު ދިނުން.

ބައެއްފަހަރު ކުދިން ކުރަންވީ ކަންތައްތައް ނިންމާފަރާތަކީ މައިންބަފައިންނެވެ. އެއީ އެކަމަކު ކުދިން އެންމެ ކުރާހިތްވާ ކުރަން ބޭނުންވާ ކުދިންގެ ހިތްހަމަޖެހުން ކަމުގައި ނުވެދާނެއެވެ. އެހެންކަމުން އާއިލީ ވަގުތަކީ ކުދިންވެސް ހިތްހަމަޖެހޭ ވަގުތަކަށް ހެދުމަށް، ކުދިންނަށް ގެއްލުން ނުވާނެފަދަ، ކުދިން ހިތްހަމަޖެހޭ ކަންތައްތަކަށް ކުދިންނަށް ފުރުސަތު ދޭންވާނެއެވެ. ވިސްނާލަން ޖެހޭ ކަމަކީ އެންމެ ކުޑައިރުއްސުރެވެސް ކުދިންގެ އަމިއްލަ ޝައުގުވެރިކަން ހުންނަ، އަމިއްލަވަންތަ ގޮތްތަކެއް ހުންނާނެ ކުއްޖެއްކަމެވެ. އެހެންކަމުން ބަލަދުވެރިންގެ ޒިންމާއަކަށްވާނީ އެކަންތައްތައް ދެނެގަނެ އާއިލީ ވަގުތަކީ ކުދިންވެސް ހިތްހަމަޖެހޭ ވަގުތަކަށް ހެދުމެވެ.

3.      ލޯތްބާއި އަޅާލުން އިހުސާސްކޮށްދޭށެވެ. ލޯބިވާވާހަކަ އެކަކު އަނެކަކު ގާތު ބުނާށެވެ.

އާއިލާގެ  ކޮންމެ މެންބަރެއްގާތުގަވެސް ލޯބިވާ ވާހަކަ ބުނުމަކީ ވަރަށްވެސް މުހިންމުކަމެކެވެ. މިއީ އަހަރެމެންނަށް ވަރަށް ނުވާ ކަމެކެވެ. އަހަރެމެން އެބަޔަކުދެކެ އެންމެ ލޯބިވާ މީހުން ގާތުގަވެސް ލޯބިވާ ވާހަކައާއި ހަޔާތުގައި އެމީހުންގެ މުހިންމު ކަމުގެ ވާހަކަ ބުނެވެނީ ވަރަށް މަދު ފަހަރަކު އެވެ. މިގޮތުން ބަލާއިރު އަހަރެމެންގެ ލޯތްބާއި އަޅާލުމާއި އިޙްތިރާމް ލިބެންޖެހޭ، އުމުރުން ދުވަސްވީ އަހަރެމެންގެ ކާފަމެން، މާމަމެން، މައިންބަފައިންނަށް މިކަން ވަކިން މުހިންމެވެ. އަދި ހަމަ މިފަދައިން އަހަރެމެންގެ ލޯބިވާ ދަރިންނާއި އާއިލާގެ އެހެން މެންބަރުންނާއި އޮންނަ ގުޅުން ރަނގަޅު ކުރުމަށް އެކުދިންދެކެ ލޯބިވާވާހަކަ ބުނުމަކީ އެހާމެ މުހިންމުކަމެކެވެ. ލޯބިވާވާހަކަ ބުނުމުން ހިތް އުފަލުން ފުރޭނެއެވެ. އަމިއްލައަށް ވެސް ލޯބި އިހުސާސް ކުރެވޭނެ އެވެ. މިކަން މިއަދު ފެށުމަށް އަޒުމް ކަނޑައަޅާށެވެ. މިއީވެސް ކޮންމެ ދުވަހަކު ކުރެވިދާނެ ކަމެއް ކަމުގައި ކަނޑައަޅައި ލޯބިވާ އާއިލާގެ މެންބަރުން ގާތު ލޯބިވާ ވާހަކަ ބުނާށެވެ. ހަފުތާގެ ކޮންމެވެސް އެއް ދުވަހަކު ދުރުގަ އުޅޭ އާއިލާގެ މެންބަރުންނަށް ގުޅައި މި ޝުއޫރު ފާޅުކޮށް ލޯބި ހިއްސާކުރަން ވަގުތުކޮޅެއް ހުސްކޮށްލާށެވެ.

4.      ގޭތެރޭގެ މަސައްކަތްތައް އާއިލާގެ ހުރިހާ މެމްބަރުންނަށް ބަހާލައިގެން ކުރުން.

ގޭތެރޭގެ މަސައްކަތްތަކަކީ ވަކި މީހަކު އެކަނި ކުރަންޖެހޭ ކަމަކަށް ހެދުމުން އެމީހަކަށް އާއިލާއަށާއި އެހެނިހެން ކަންތައްތަކަށް ވަގުތު ދިނުމަކީ ދަތި އުނދަގޫ ކަމަކަށް ވެގެންދާނެއެވެ. މިކަމުގައި އިންސާފުވެރި ގޮތަކީ އާއިލާ އެންމެން، ކުދިންވެސް ހިމެނޭ ގޮތަށް ގޭތެރޭގެ މަސައްކަތްތައް ބަހާލައިގެން ކުރުމެވެ. ވިސްނާލަން ޖެހޭނެ އެއްކަމަކީ ކުދިން ލައްވާ ކުރުވަންވާނީ އެކުއްޖެއްގެ އުމުރާގުޅޭ، އެކުއްޖަކަށް ވާވަރުގެ ކަންތައްތަކެވެ. ކިހާއުފާވެރިތޯއެވެ. އެންމެން އެކީ ވަގުތު ހޭދަކުރެވި، އާއިލާއަށް ވަގުތުވެސް ދެވުނީއެވެ. ހަފުތާގެ ކޮންމެވެސް އެއް ދުވަހެއް ގޭތެރޭގެ މަސައްކަތްތަކަށް ކުރުމަށް ކަނޑައަޅާށެވެ. 

5.      ވަގުތު ދިނުމުގައި އިސްކަންދޭންވީ ކަންތައްތައް ދެނެގަތުން.

މަސައްކަތުގެ މާހައުލުގައި އޮންނަ ބައްދަލުވުންތަކަށް އިސްކަންދީ، ސަމާލުކަންދޭ ފަދައިން އާއިލީ ބައްދަލުވުންތަކަށްވެސް ސަމާލުކަންދޭށެވެ. އާއިލީ ގެއެއްގައި ކަމެއް ފާހަގަކުރާތީ އެ އުފަލުގައި ބައިވެރިވާން އެދި ދައުވަތު ލިބިފައިވާ ނަމަ އެކަމަށް ވަގުތު ހުސްކުރެވޭތޯ ބަލާށެވެ. އެއީ ކުރާނެ އެހެން ކަމެއް ނެތީމާ ދެން ކުރާން އޮތް ކަމެއްގެ ގޮތުގައި ނުދެކޭށެވެ. ވަޒީފާގެ މައިދާނުގައި ކިތަންމެ ބުރަކޮށް އުޅުނު ކަމުގައިވިޔަސް އާއިލާއާއެކު ހޭދަކޮށްލަން ވަގުތުކޮޅެއް ހުސްކޮށްލާށެވެ. އެފަދަ ބައްދަލުވުންތަކަށް ދިއުމަށް އަބަދުވެސް އިސްކަން ދޭށެވެ. އޮފީހުގެ އިތުރުގަނޑިއެއްގައި ކުރަންޖެހޭ މަސައްކަތަކަށް މަޑުކުރަން ޖެހުނަސް، އާއިލާގެ ކަމަކަށް އެޓެންޑް ވާންޖެހިފައިވާނަމަ، އަބަދުވެސް ވެރިޔާ ގާތުގައި އެކަމަކަށް ދިއުމަށް އެދޭށެވެ. ތިއީ އާއިލާއަށް ލޯބިދީ، ގުޅުން ދަމަހައްޓާ މީހެއްކަން ވެރިޔާއަށް ވެސް ވިސްނައިދޭށެވެ. އެކަމުން އޮފީހުގެ އެހެން ކޮލީގުންވެސް ފިލާވަޅު ހޯދަން ހިތްވަރު ދޭށެވެ. އާއިލީ ގުޅުމަކީ އެކެއްގެ ފުށުން އަނެކަކަށް ދަސްވާނެ ކަމަކަށްވެސް އޭރުން ވާނެ އެވެ.

މިކަނަތައްތައް ކުރުމުގެ ސަބަބުން އާއިލީ ގުޅުންތަށް ވަރުގަދަވެ، އާއިލާގެ މެމްބަރުންގެ ސްޓްރެސް ދަށްވެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެގެންދާނެއެވެ. އެކަކު އަނެކަކަށް ވަގުތު ދެވުމުން، އިހްސާސްތައް ހިއްސާކުރެވުމާއި، އެކަކު އަނެކެކަކަށް ބަލައި ގަނެވުމާއެކު އެކަކު އަނެކަކަށް ދެނެގަނެވޭނެއެވެ. އާއިލާގެ މެމްބަރުންގެ މެދުގައި އިތުބާރު އުފެދުމާއެކު ކޮންމެ މީހަކުވެސް ނިސްބަތްވާ ވަކިބަޔަކު ތިބިކަމުގެ އިހްސާސް ކުރާނެއެވެ. މިއާއެކީގަ ނަމޫނާ މައިންބަފައިންތަކެއް ކުދިންނަށް ފެނިގެން ދިއުމާއިއެކު އެކަކު އަނެކަކަށް އެހީތެރިވާ ވަރުގަދަ ގުޅުންތަކެއް އުފައްދަން ކުދިންނަށް ދަސްވުން މީ އަހަރެމެން އެންމެން ބޭނުންވާ ގޮތެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow