
ގދ.އަތޮޅުން ގެއްލުނު މީހާ ނުފެނޭ, ރ.އަތޮޅުން ގެއްލުނު ޒުވާނާ ދުވާފަރުގައި
ގދ.އަތޮޅުން ގެއްލުނު މީހާ ނުފެންނަ ކަމަށާއި, ނަމަވެސް ރ.އަތޮޅުން ގެއްލުނު ޒުވާނާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފެނުނީ ރ.އަތޮޅު ރިސޯޓަކުން އިއްޔެ ހަވީރު ކެނޯއެއްގައި ނިކުއިން 35 އަހަރުގެ ޒުވާނެކެވެ. އޭނާގެ ޚަބަރެއް ނުވާކަމަށް ފުލުހުން ވިދާޅުވިފަހުން, އޭނާގެ ޚަބަރެއްވީ އެއަތޮޅުގައި ދުވާފަރުގައި ހުރި ކަމަށެވެ. ފުލުހުން ވިދާޅުވީ އޭނާ ދުވާފަރަށް ދިޔަކަމުގެ މައުލޫމާތު ލިބުނީ ރޭ 10:30 ހާއިރު ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ނަމަވެސް އިއްޔެ ހެނދުނު ގދ.ގައްދޫން އެއަތޮޅު ގަމަށް ޑިންގީއެއްގައި ނިކުއިން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އެމްއެންޑީއެފްއިން މިއަދު ހެނދުނު ވިދާޅުވީ ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ.
ޒަކަރިއްޔާ ގައްދޫން ޑިންގީއެއްގައި ފުރީ އިއްޔެ ހެނދުނު 9;30 ހާއިރު އެވެ. އިއްޔެ 11:15 ހާއިރު އެނބުރި ގައްދޫއަށް ފުރިފަހުން ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެފަހުން އޭނާގެ ޚަބަރެއް ނުވެއެވެ. ފުލުހުން ރޭ ވިދާޅުވީ އެއީ 75 އަހަރުގެ މީހެއް ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްއިން މިއަދު ވިދާޅުވީ އެއީ 79 އަހަރުގެ މީހެއް ކަމަށެވެ.
އެމީހާ އެންމެފަހުން ލައިގެންހުރީ ނޫ ކުލައިގެ އަތްކުރު ގަމީހަކާއި, ކަޅު ކުލައިގެ ޝޯޓެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. ގައްދޫ ކައުންސިލުންވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.
ރިއެކްޝަންސް






