
މާލެއިން ފުރައިގެން ލ.އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށްދިޔަ ބޯޓުގެ ސާމާނު އޮޔާދާނެތީ ސަމާލުވާން އެދިއްޖެ
މޫސުމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފަ
މާލެއިން ފުރައިގެން ލ.އަތޮޅަށް ދަތުރުކުރަނިކޮށް އިއްޔެ އަޑިއަށްދިޔަ ބޯޓުގެ ސާމާނު އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފްއިން އެދިއްޖެއެވެ.
މާލެއިން ފުރައިގެން މުދަލާއެކު ލ.ހިތަދުއަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔައީ 'އޯޝަން އެކްސްޕްރެސް" ނަމަކަށް ކިޔާ ބޯޓެކެވެ. އެބޯޓް އަޑިއަށް ދިޔައީ ބޯޓަށް ކޮންޓްރޯލް ނުވާވަރަށް ދިޔަވެގެންނެވެ. ބޯޓް ދިޔަވާން ފެށުމުން ބޯޓުން ދަތުރުކުރި މީހުން ވަނީ އެކަން ރިޕޯރޓްކޮށްފައެވެ. މީހުން ސަލާމަތްކޮށް މިހާރު ވަނީ މާލެ ގެނެސްފައެވެ.
ބޯޓް އަޑިއަށް ދިޔައީ ކ.ރިވިވެލި ކަނޑުއޮޅި ކައިރިއަށެވެ. ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާނެކަމަށް ލަފާކުރެވޭތީ، އެމްއެންޑީއެފްއިން އެދުނީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށެވެ.
ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ. މީގެއިތުރުން ކަނޑު ދަތުރުކުރުމުގައި ސަމާލުކަން ދެއްވުމަށްވެސް އެމްއެންޑިެފްއިން ވަނީ އިލްތިމާސްކޮށްފައެވެ. މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޝަންސް






