ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިފި
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ދެ މަޤާމަށް މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްދާނީ އެ އޮފީހުގެ ބޯޑަށް މެންބަރުން ހޮވުމާއި އައްޔަންކުރުމާ ބެހޭ އުސޫލުގެ ދަށުންނެވެ. މިގޮތުން، އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން ނަމެއް ޝޯޓްލިސްޓް ކުރާނެއެވެ. އަދި މި ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ޔަޤީންކުރުމަށްފަހު، މި މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ޝަރުޠުތަކުގެ ތެރޭގައި:
- ދިވެހި ރައްޔިތަކަށް ވުމާއެކު އުމުރުން 35 އަހަރު ފުރިފައިވުން
- ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، އެ ދާއިރާއެއްގައި މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން
- ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާގެ ތަޖުރިބާ ހުރުން.
- ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ފަރާތަކަށް ނުވުން.
- ސަރުކާރުގެ 50 އިންސައްތައަށްވުރެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެއްގެ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން
މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ޝައުޤުވެރިވާ ފަރާތްތަކުން ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެ އޮފީހުން ވަނީ އެދިފައެވެ.
2009 ވަނަ އަހަރު އުފެއްދި ޕެންޝަން އޮފީހަކީ ރާއްޖޭގެ ޕެންޝަން ސްކީމްތައް ބަލަހައްޓާ މުއައްސަސާއެވެ. ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން މި އޮފީސް ހިންގަނީ 8 މެންބަރުންގެ ބޯޑަކުންނެވެ. މި ބޯޑުގައި ހިމެނެނީ ޗެއަރޕަރސަންގެ އިތުރުން، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރާއި، ފިނޭންސް މިނިސްޓްރީ އަދި ސޯޝަލް ސެކިއުރިޓީއާ ބެހޭ ވުޒާރާގެ އިސް މުވައްޒަފުންގެ ތެރެއިން ބޭފުޅަކާއި، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ 4 މެންބަރުންނެވެ.
ރިއެކްޝަންސް





