
1.3 ބިލިއަން ރުފިޔާ ފެނަކައިން ޚަރަދުކުރީ ބީލަމުގެ އުޞޫލުން ބޭރުން- އޮޑިޓް ރިޕޯރޓް
1.3 ބިލިއަން ރުފިޔާ ފެނަކައިން ޚަރަދުކުރީ ބީލަމުގެ އުޞޫލުން ބޭރުންކަމަށް އޮޑިޓް ރިޕޯރޓްގައި ފާހަގަކޮށްފިއެވެ.
ރޭ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޢާއްމުކުރި އޮޑިޓް އޮފީހުގެ ރިޕޯރޓްގައިވާ ގޮތުން 2021 – 2023 ވަނަ އަހަރާ ދެމެދު މުދަލާ ޚިދުމަތް ހޯދުމަށް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކުރީ ޢާއްމުކޮށް އިއުލާނު ނުކޮށް, ވާދަވެރި ބީލަމުގެ އުޞޫލުން ބޭރުންނެވެ. އެއީ މަސައްކަތް ހަވާލުކުރި 674 އެއްބަސްވުމުގެ ތެރެއިން 439 އެއްބަސްވުމުގެ މަސައްކަތެވެ. އެހެންކަމުން %65 އެއްބަސްވުން ހަދާ މަސައްކަތް ހަވާލުކޮށްފައިވަނީ ބީލަމުގެ އުސޫލުން ބޭރުންނެވެ. ޖުމްލަ އެއްބަސްވުންތަކުގެ އަގު 2.2 ބިލިއަން ރުފިޔާއަށް އަރައެވެ. އޭގެތެރޭގައި ޖަނެރޭޓަރު ސެޓާއި, ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ގަތުމަށް ކުރި ޚަރަދު ހިމެނެއެވެ.
އޮޑިޓް ރިޕޯރޓްގައި ފާހަގަކޮށްފައިވަނީ އެމުއްދަތުގެ ތެރޭގައި މުދަލާއި ޚިދުމަތް ހޯދުމަށް 8.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ކުންފުނީގެ ޢާއްމު އޮޕަރޭޝަންތަކަށް ބޭނުންވާ މުދަލާ ޚިދުމަތް ހޯދުމަށް ކުރި ޚަރަދު ހިމެނެއެވެ. އޮޑިޓް ރިޕޯރޓްގައި ފާހަގަކޮށްފައިވަނީ ކުންފުނީގެ އޭރުގެ މާލީ ހާލަތަށް ބަލާއިރު އެވަގުތަށް މުހިއްމު ނޫން ގިނަ ކެޕިޓަލް މަސައްކަތްތަކަށް ބޭނުންވާ މުދަލާ ޚިދުމަތް ހޯދުމުގެ ނަމުގައި ރޭވުންތެރިކަމެއް އަދި ޒިންމާދާރުކަމެއް ނެތި ޢާއްމު ބީލަމުގެ އުސޫލުތަކުގެ ބޭރުން އަގު ބޮޑުކޮށް އެއްބަސްވުންތައް ހަދާފައިވާ ކަމަށެވެ. ކުންފުންޏަށް މާލީގޮތުން ބޮޑަތި ގެއްލުން ވާނެހެން އަމަލުކޮށްފައިވާކަމަށް އޮޑިތް ރިޕޯރޓްގައި ފާހަގަކޮށްފައި ވެއެވެ.
ރިއެކްޝަންސް






