މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅޭ މީހުން ފަރުވާއަށް ގެންދަން ފަށައިފި
މަސްތުގެ ހާލަތުގައި މަގުމަތީގައި އުޅޭ މީހުން ފަރުވާއަށް ގެންދަން ފަށައިފި އެވެ. ނޭޝަނަލް ޑްރަގް އެޖެންސީއާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޔުނިޓް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ލުބުނާ ޒާހިރު ހުސައިން ވިދާޅުވީ ޑްރަގް ރިމާންޑް ސެންޓަރު ޖޫން މަހު ހުޅުވާ, ޖުލައި މަހުން ފެށިގެން ސެންޓަރަށް މީހުން ނަގަން ފަށާފައިވާ ކަމަށެވެ.
ލުބުނާ ވިދާޅުވީ މިވަގުތު ހިންމަފުށީގެ އިތުރުން ހުޅުމާލޭގައި ޑްރަގް ރިމާންޑް ސެންޓަރެއް ޤާއިމްކުރެވިފައިވާ ކަމަށާއި, ފުލުހުންނާއި ނެޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ސެންޓަރަށް މީހުން ގެންދިއުމަށް ރިމާންޑް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. ހުޅުމާލޭގައި ސެންޓަރު ޤާއިމްކުރީ ދާދި ފަހުންނެވެ.
ޑްރަގް އެންފޯސްމަންޓް ޔުނިޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ މަސްތިވާތަކެތީގެ ތެރޭގައި އުޅޭ މީހުން ފަރުވާގެ ނިޒާމްގެ ތެރެއަށް ވެއްދުމަށް ސެންޓަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ހަތަރު ބާވަތެއްގެ މީހުން ރިމާންޑް ސެންޓަރަށް ގެންދާ ކަމަށް ވިދާޅުވިއެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރަން މަގުމަތީ ސަލާންޖަހަން އުޅޭ މީހުންނާއި, ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި, މަގުމަތީގައި މަސްތުގެ ހާލުގައި ތިބޭ މީހުންނާއި, މިސްކިތްތަކުގައި ނިދާހަދާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ.
ނާހިދު ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން 14 މީހުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 103 ވަނަ މާއްދާގެ ދަށުން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގައި ބަންދުކުރެވިފައިވާ ކަމަށެވެ. އަދި އެމީހުން ބަންދުން ދޫނުކޮށް ފަރުވާ ދިނުމުގެ ކަންކަން ކަމާ ގުޅުންހުރި އިދާރާތަކާއެކީގައި ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.
" މި މަސައްކަތުން ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް މަގުމަތިން ހެޔޮ ބަދަލުތަކެއް ފެނިގެންދާނެކަން, އެއީ ހަމަ އަޅުގަނޑު ޔަގީންކުރާ ކަމެއް." ނާހިދު ވިދާޅުވިއެވެ. ނާހިދު ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 103 ވަނަ މާއްދާއަކީ މީގެކުރިން އެއްގޮތަކަށްވެސް ބޭނުންކުރަމުން އައި މާއްދާއެއް ނޫން ކަމަށާއި, އެ މާއްދާގެ ދަށުން މަސައްކަތްތަކެއް ކުރެވެން ފެށީ އަދިކިރިރާ ކަމަށެވެ.
ސްޓޭޓް މިނިސްޓަރ ލުބުނާ މިދިޔަ މުއްދަތުގައި އެކި ގޭގެއިންނާއި ތަންތަނުން މަސްތުވާތަކެތި ނަގާ މީހުން ރިމާންޑް ސެންޓަރުގެ އޮޕަރޭޝަންގެ ތެރެއިން ސެންޓަރަށް ގެންދެވިފައިވާ ކަމަށެވެ.
ރިއެކްޝަންސް