ސިޔާސީ ޕާޓީތަކުންނާއި މަދަނީ ޖަމްއިއްޔާތަކުން ރާއްޖޭގެ އިގްތިޞާދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއްވާކަމެއް ނުކުރާނެ- ޕީއެންސީ
ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރ ނިހާދު ވަނީ ސަސްޕެންޑް ކޮށްފަ
ރާއްޖޭގެ ސިޔާސީ ޕާޓީތަކުންނާއި މަދަނީ ޖަމްއިއްޔާތަކުން ރާއްޖޭގެ އިގްތިޞާދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއްވާކަމެއް ނުކުރާނެ ކަމުގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
ޕީއެންސީން މިއަދު ބަޔާނެއް ނެރުނީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނިހާދު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ރޭ ޕީއެންސީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ އިދިކޮޅު އެމްޑީޕީން މާލެ އަތޮޅުގެ ރިސޯރޓް ތަކަކަށް އަރާ, އެރިސޯރޓްތަކުގައި އެއްވުމެއް ބާއްވަން ރާވާފައިވާ ކަމަށާއި, މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ޔޫނިއަންތައް މެދުވެރިކޮށް ހިންގުމަށް ރާވަމުންދާ އަމަލަކީ ޓޫރިޒަމަށް އަމާޒުކޮށްދޭ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.
ނިހާދުގެ އެވާހަކައާ ގުޅިގެން ފާޑުކިއުން އަމާޒުވެ, އަދި މަގާމުންވެސް އޭނާ ސަސްޕެންޑް ކޮށްފައި ވަނިކޮށް ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީން ދެކޭ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން އަދި މަދަނީ ޖަމްއިއްޔާއަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އަދި ޖުމްލަކޮށް ރާއްޖޭގެ އިގްތިޞާދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއްވާކަމެއް ލިބިދާނެ ނުރައްކާތެރި އަމަލެއް ނުހިންގާނެ ކަމަށެވެ.
ޖަމްއިއްޔާތަކުންނާއި ސިޔާސީ ޕާޓީތަކުން ޤާނޫނީ އިމުން ބޭރުވާނަމަ އަޅަންޖެހޭ ފިޔަވަޅެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަޅާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ދިވެހިރާއްޖެއަކީ މިގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ޕީއެންސީން ދީފައި ވެއެވެ.
ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީ ތަކާއި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި, ވަކިވަކި ފަރުދުންވެސް ފަތުރުވެރިކަމަށް އަދި ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖޭގެ ޝުހުރަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށް ޕީއެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ނިހާދު އަކީ މިދިޔަ ދައުރުގައި އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެ, އެމްޑީޕީގެ ސަރުކާރު ބަދަލުވަންދެން އެމްޑީޕިގައި ދެމިހުރި މެމްބަރެކެވެ. އޭނާ ޕީއެންސީ އަަށް ބަދަލުވީ އެމްޑީޕީ އަށް ވެރިކަން ގެއްލި, ޕީއެންސީ އަށް ވެރިކަން ލިބުނު ފަހުންނެވެ.
ރިއެކްޝަންސް