
އެތައް ރަސޫލު ބޭކަލުންނެއް އެބިމަކަށް އުފަންވެވަޑައިގެން އަދި ފަސްދާނުލެވުނު ފަލަޞްޠީނުގެ މާތް ބިން ބީވާން ދޫކޮށްލަނީތޯ!
ފަލަޞްޠީނުގެ މާތް ބިމަކީ މުސްލިމުންގެ މުޤައްދަސް ބިންތަކުގެ ތެރެއިން އެންމެ ޙާއްސަ އެއް ބިމެވެ. މުސްލިމުންގެ ފުރަތަމަ ޤިބްލަ އަދި ތިންވަނަ ހަރަމްފުޅު އެބިމުގައިހުރުމުގެ އިތުރުން އެތައް ނަބިއްޔުންނަކާއި ރަސޫލު ބޭކަލުންނެއް އެބިމަކަށް އުފަންވެވަޑައިގެންނެވި, ދިރިއުޅުއްވި އަދި, ފަސްދާނުވެޑުވުނު ތާރީޙީ ބިމެވެ. މުސްލިމުންގެ ޙައްޤު އެބިމުގައި އެންމެ ބޮޑު ބިމެވެ. އެބިމުގައި އެ ނަބިއްޔުންނާއި ރަސޫލުންގެ ނިޝާންތައް ފެންނަންހުރި މުޤައްދަސް ބިމެވެ.
އެބިމުގެ ތާރީޙް އާއި ހިނގާދިޔަ މުހިއްމު ކަންކަން ކީރިތި الله ގެ ކަލާމްފުޅު; ކީރީތި ޤުރުޢާންގައި ތަފްޞީލްކޮށް ވާރިދުވެފައިވެފައެވެ. އަދި މިއުންމަތަށް ކަޢުކުރެއްވި މާތް ނަބިއްޔާ މުޙައްމަދު މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމަގެ ހަދީޘްފުޅުތަކުގައި އެބިމުގެ މާތްކަށް ބަޔާންކުރައްވާފައިވެއެވެ.
ކީރިތި الله ގެ ޙަލީލް, އިބްރާހިމް ޢަލައިހިއްސަލާމް އުފަންވެ ވަޑައިގެންނެވީ އަދި އަވަހާރަވެ ވަޑައިގެންނެވީވެސް ފަލަޞްޠީނަށެވެ. ކީރިތި ޤުރުޢާނުގައި އިބްރާހިމްގެފާނުގެ ނަންފުޅު 69 ގެނެސްފައި ވެއެވެ. އިބްރާހިމް ޢަލައިހިއްސަލާމް, އެކަލޭގެފާނުގެ އާއިލާއާއެކު އެތައް ދުވަހަކު ފަލަޞްޠީނުގައި ދިރިއުޅުއްވިއެވެ. އެކަލޭގެފާނު ފަސްދާނުވެޑުވިފައިވަނީ ފަލަޞްޠީނުގެ ހުޅަނގު އައްސޭރީގެ ޙަލީލް ސަހަރުގައި ހުންނަ އިބްރާހިމީ މިސްކިތުގައެވެ. އެއީ އިބްރާހިމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާ ޢަލައިހިއްސަލާމް އަދި އިސްޙާޤް ޢަލައިހިއްސަލާމް އާއެކު ދިރިއުޅުއްވި ތަނެވެ.
ކިރިތި ރަސޫލާ މުޙައްމަދު ޞައްލަالله އަލައިހި ވަސައްލަމަ މިޢުރާޖަށް އަރާ ވަޑާއިގެންނެވިރޭ ދުގުސްގައި ހުންނަ އިބްރާހީމް ޢަލައިހިއްސަލާމްގެ މަހާނަފުޅަށް ޒިޔާރަތްކޮށް އިޙްތިރާމް އަދަކުރެއްވިކަމަށް އިސްލާމި ފަތްފުތްތަކުގައި ވާރިދުވެފައި ވެއެވެ.
އިބްރާހިމް ޢަލައިހިއްސަލާމްގެ ދަރިކަލުން އިސްޙާޤް ޢަލައިއްސަލާމް އުފަންވެ ވަޑައިގަތީވެސް ފަލަޞްޠީނުގައެވެ. 175 އަހަރުފުޅުގައި އިބްރާމްގެފާނު އަވަހާރަވުމުން ކީރިތި الله ގެ އެއްކައުވަންތަކަމަށް ގޮވާލާ އެ މެސެޖު މުޅި ދުނިޔެއަށް ވާޞިލްކޮށްދެއްވުމުގައި އިސްޙާޤް ޢަލައިހިއްސަލާމް މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. ކީރިތި ޤުރުއާނުގައި އިސްޙާޤް ގެފާނަކީ الله ޞުބުޙާނަހޫ ވަތަޢާލާ އިބްރާހިމް އަލައިހިއްސަލާމްއަށް ދެއްވި ހަދިޔާއެއްގެ ގޮތުގައި ބަޔާންކުރައްވާފައި ވެއެވެ. އިސްހާޤް ގެފާނާއި, އެކަލޭގެފާނުގެ އަނބިކަނބަލުންވެސް ވަސްދާނުވެޑުވުފައިވަނީ އިބްރާހިމީ މިސްކިތުގައި އިބްރާހިމް ޢަލައިހިއްސަލާމްގެ އަރިހުގައެވެ.
މާތް الله ޞުބުހާނަހޫ ވަތަޢާލާގެ ހަޞްރަތުގައި އެއްމެ މަތިވެރި އެއް ރަސޫލާ, އިސްޙާޤްގެފާނުގެ ދަރިކަލުން ޔައުޤޫބް ޢަލައިހިއްސަލާމްގެ ނަންފުޅު ކީރިތި ޤުރުޢާނުގައި 16 ފަހަރު ނަންގަނެވިފައި ވެއެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ފަލަޞްޠީނުގައެވެ. އުމުރުން ބޮޑުބައެއް ފަލަޞްޠީނުގައި ހޭދަކުރެއްވުމަށްފަހު އެކަލޭގެފާނު މިޞްރަށް ހިޖުރަކުރެއްވިއެވެ. ނަމަވެސް ފަހުން އެނބުރި ފަލަޞްޠީނަށް ވަޑައިގެން އަވަހާރަވީވެސް އެބިމުގައެވެ. އެކަލޭގެފާނާއި އަނބިކަނބަލުންގެ މަހާނަފުޅުވެސް ހުރީ އިބްރާހިމީ މިސްކިތުގައެވެ. އިބްރާހިމްގެފާނުގެ ދަރިކަލުން ސަލާމްލެއްވި އިސްމާއިލް ގެފާނުވެސް އުފަންވެވަޑައިގަތީ ހަމަ ފަލަޞްޠީނުގައެވެ.
ޔަޤުޤޫބް ޢަލައިހިއްސަލާމްގެ އެންމެ ލޯބިފުޅުވި ދަރިކަލުން އަދި ދުނިޔޭގެ ދެބައިކުޅަ އެއްބައިގެ ރީތިކަން މިލްކުކުރެއްވި ޔޫސުފް ޢަލައިހިއްސަލާމް އުފަންވެވަޑައިގެންނެވީ އަދި އަވަހާރަވެވަޑާއިގެންނެވީވެސް ފަލަޞްޠީނުގައެވެ. ޔޫސުފް އަލައިހިއްސަލާމްގެ ބޭބޭފުޅުން އެކަލޭގެފާނަށް ހަސަދަވެރިވެ އެއްލާލި ވަޅު ހުންނަނީ ފަލަޞްޡީނުގެ ގެލީލީގެ "ކިއްބުޒް އަމިއާދް' ކިއުނު ސަރަޙައްދުގައެވެ. އެވަޅު ހުންނަ ތަނަށް ކިޔަނީ "ޖުއްބް ޔޫސުފް' އެވެ.
ކީރިތި ޤުރުޢާންގައި 169 ފަހަރު އެބޭކަލެއްގެ ނަން ވާރިދުވެފައިވާ މޫސާ ޢަލައިހިއްސަލާމްވެސް އުފަންވެވަޑައިގަތީ އަދި އަވަހަހާރަވީވެސް ފަލަޞްޠީނުގައެވެ. މޫސާ ޢަލައިހިއްސަލާމްގެ ގެ ޤަބުރުފުޅުއޮތީ ޤުދުސްގެ އިރުމަތިން 12 މޭލު ދުރުގައި ހުންނަ މަޤާމް އަލް-ނަބީ މޫސާގައެވެ.
ސަލާމްލެއްދި ދާޢޫދުގެފާނު ފަލަޞްޘީނުގައި 40 އަހަރުވަންދެން ރަސްކަން ކުރެއްވިއެވެ. ދާޢޫދުގެފާނު ފަސްދާނުލެވިފައިވަނީ ކުރީގެ ޤުދުސް ސިޓީގެ ރައްބޭރުގައި ހުންނަ ޒިއޯން ފަރުބަދައިގައެވެ. ދާއޫދުގެފާނުގެ ދަރިކަލުން ސުލައިމާން ޢަލައިހިއްސަލާމްވެސް ފަލަޞްޠީނުގައި ދިގުދެމިގެންދިޔަ އިންސާފުވެރި ރަސްކަމެއް އެތައް އަހަރެއްވާންދެން ކުރެއްވިއެވެ.
ފަލަޞްޘީނުގެ ބެލެތެމް އަކީ ސަލާމަލެއްވި ޢީސާގެފާނުގެ އުފަންބިމެވެ. އެއީ ޤުދުސްއާއި ވަރަށް ކައޕިރީގައި އޮންނަ ޝަހަރެކެވެ. ޢީސާގެފާނު ސުވަރުގެއަށް އުފުއްލެވުނީ ޤުދުސްގެ އަލް-ތޫރް ޑިސްޓްރިކްޓްގައި ހުންނަ މައުންޓް އޮފް އޮލިވްސްއިންނެވެ.
އެތައް ރަސޫލުންނާއި ނަބިއްޔުންނެއް އުފަންވެވަޑައިގެން, އަދި އެބިމުގައި ފަސްދާނުލެވިފައިވާ ފަލަޞްޠީނުގެ މާތް މުޤައްދަސް ބިން މިއަދު މިވަނީ މުސްލިމުންގެ އިހްމާލާއި ހިޔާނާތުގެ ސަބަބުން ގާތްގަނޑަކަށް މުސްލިމް އުއްމަތުގެ އަތުން ބީވެފައެވެ. އެބިމުގެ ހަޤީގީ އަހުލުވެރިން ކަމަށްވާ ފަލަޞްޠީނުގެ ރައްޔިތުން ފުރާނައިން ޤުރުބާންވަމުން އެދަނީ ސަޙްޔޫނީންގެ ނުބައިކަމުން އެބިން ރައްކާތެރިކުރެވޭތޯއެވެ. އެކަމުގައި އެންމެ ފަހު މީހާ އާ ހަމައަށް ދާންދެންވެސް ފަލަޞްޠީމުގެ ރައްޔިތުން ޖިހާދުކުރާނެއެވެ. އެކަމަކު އަހަރެމެންގެ ޖިހާދަކީ ދުޢާއެވެ.
ރިއެކްޝަންސް






