ބެއިރޫތްގައި ޙަޞަން ނަޞްރުالله އަވަހާރަކޮށްލުން: ޙިޒްބުالله އަށް ކުރާނީ ކޮންކަހަލަ އަސަރެއް!
32 އަހަރު ހިޒްބުالله ގެ ލީޑަރުގެ ގޮތުގައި ހުންނެވި ޙަސަން ނަޞްރުالله ހުކުރު ދުވަހު ހަވީރު އިޒްރާއިލްއިން ދިން ޙަމަލާތަކުގައި ވަނީ އަވަހާރަކޮށްލާފައެވެ. ނަޞްރުالله އަވަހާރަކޮށްލާފައިވަނީ ލުބުނާންގެ ވެރިރަށް ބެއިރޫތްގައި ހުރި ހިޒްބުالله އަސްކަރީ މަރުކަޒެއްގައެވެ.
ހަމަ އެދުވަހު ދެކުނު ލުބުނާނުގައި ހިޒްބުالله ގެ އިތުރު ކޮމާންޑަރުން ތަކެއްވެސް ވަނީ އަވަހާރަކޮށްލާފައެވެ. އޭގެ ހަފުތާއެއްހާ ދުވަސް ކުރިންވެސް އިޒްރާއިލްއިން ހިޒްބުالله ގެ ސީނިއާ ކޮމާންޑަރު އިބްރާހިމް އާގިލްވެސް ވަނީ ބެއިރޫތްގައި އަވަހާރަކޮށްލާފައެވެ. ގާތް ގާތުގައި މި ހާދިސާތައް ހިނގާފައިވަނީ އިޒްރާއިލްއިން ހަމާސްގެ ސިޔާސީ ބިއުރޯގެ ވެރިޔާ އިސްމާއިލް ޙަނިއްޔާ އީރާނުގައި އަވަހާރަކޮށްލިތާ ދެ މަސް ފަހުންނެވެ.
އިޒްރާއިލް އަދި ވާގިވެރި އެމެރިކާއިން ވަނީ މިއީ ވަރަށްބޮޑު ކާމިޔާބީއެއްކަމަށް ބުނެފައެވެ. ނަމަވެސް މައިދާން ދިރާސާ ކުރައްވާ ފަރާތްތަކުން ބުނަނީ މި ހާދިސާތަކަށްފަހު މަޞްރަހް ގޯސްވެދާނެ ކަމަށެވެ. ޖަމާއަތުގެ ލީޑަރާއި ސީނިއަރ ކޮމާންޑަރުންތަކެއްގެ ވަކިވުމާއެކު އީރާނުން ވާގިވެރިވާ ހިޒްބުالله އަށް ދެން ވާނީ ކިހިނެއް ހެއްޔެވެ!
ޙަޞަން ނަޞްރުالله އަކީ ކާކު!
64 އަހަރުގެ ޙަޞަން ނަޞްރުالله އަކީ ހިޒްބުالله ގެ ތިންވަނަ ސެކްރެޓަރީ ޖެނެރަލް އެވެ. 1992 ގައި އިޒްރާއިލް އިން ހިޒްބުالله ގެ އޭރުގެ ލީޑަރު އައްބާސް އަލް-މުސާވީ އަވަހާރަކޮށްލުމާ ހިސާބުން ހިޒްބުالله ގެ ހުންގާނުގައި ހިއްޕެވީ ނަޞްރުالله އެވެ.
ހިޒްބުالله (އަރަބި ބަހުން الله ގެ ޕާޓީ) އުފަންވީ 1982 ގައެވެ. އީރާނުގެ ވާގިވެރިކަމާއެކު އެޖަމާއަތް އުފެދުނީ އޭރު ދެކުނު ލުބުނާނަށް ވެރިގެންތިބި އިޒްރާއިލްގެ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަކޮށް ފައްސާލުމުގެ މަޤުސަދުގައެވެ.
2000 ވަނަ އަހަރު ނަޞްރުالله ގެ ލީޑަރު ކަމުގެ ދަށުން އިޒްރާއިލާ ހަނގުރާމަކޮށް ލުބުނާނުން އިޒްރާއިލްގެ ބާރު ކަނޑުވާލުމާއެކު ލުބުނާނުގައި ނަޞްރުالله ގެމަޤުބޫލުކަން އިންތިހާއަށް ބޮޑުވެގެން ދިޔައެވެ. އޭނާގެ ސިޔާސީ އަދި ދީނީ މަސްދަރުތައް އެކުލަވާދިން ސްޕީޗްތައް އިސާހިތަކު ރައްޔިތުންގެ ހިތުން މަތީ މަޤާމެއް ހޯދިއެވެ.
އެހެން ނަމަވެސް ޝީޢިންނާ އޮންނަ ވަރުގަދަ ގުޅުމާއި, 2011ގައި ސީރިއާގެ އަހުލީ އަދި ދާޚިލީ ހަނގުރާމައިގައި ހިޒްބުالله އިން ބައިވެރިވެ އަދާކޮށްފައިވާ ރޯލާއެކު އޭނާއަށް ފާޑުކިޔުންތައްވެސް އަމާޒުވެފައި ވެއެވެ.
2023 އޮކްޓޯބަރުގައި އިޒްރާއިލްއިން ޣައްޒާގައި ހަނގުރާމަ ފެށުމާއެކު ނަޞްރުالله ވަނީ ޓީވީ މެދުވެރިކޮށް ހިޒްބުالله އިން ހަމާސްއަށް އެހިތެރިވާނެކަމަށް ވިދާޅުވެފައެވެ. އެދުވަހުން ފެށިގެން އަވަހާރަވުމާ ހަމައަށްވެސް ހިޒްބުالله އިން ދިޔައީ އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންގެންދާ އުދުވާނާ ދެކޮޅަށް ބޯޑަރު ހުރަސްކޮށް އިޒްރާއިލްއާ ހަނގުރާމަ ކުރަމުންނެވެ.
ނަޞްރުالله ގެ މަޤާމުގައި ހިޒްބުالله އާ ލީޑަރަށްވާނީ ކާކު!
ހިޒްބުالله ގައި ހަތެއް ނޫނީ އަށް މެމްބަރުންގެ މައްޗަށް އެކުލެވޭ މަޝްވަރާ މަޖިލީހެއް އޮވެއެވެ. ބެލެވޭ ގޮތުގައި ވަރަށް އަވަހަށް އެމަޖިލީހުގެ ބައްދަލުވުމެއް ބާއްވާ އާ ވެރިއަކު ކަނޑައަޅާނެއެވެ.
މި މަޤާމަށް އައުން އެންމެ ގާތްކަމަށް ބެލެވެނީ ހާޝިމް ޞަފިއްދީން އެވެ. އޭނާ އަކީ މިހާރުވެސް އެޖަމާއަތުގެ އެގްޒެކެޓިވް ކައުންސިލްގެ މެމްބަރެކެވެ. މަޤާމުގެ ހައިސިއްޔަތުން މިހާރުވެސް އޭނާއަކީ އެޖަމާއަތުގެ ސިޔާސީ ކަންކަން ބަލަހައްޓަވާ ފަރާތެވެ. ޖިހާދު ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން ޖަމާޢަތުގެ އަސްކަރީ އޮޕަރޭޝަންތަކުގެ ކަންތައްވެސް ބަލަހައްޓާވާ ޞަފިއްދީނަކީ ނަޞްރުالله ގެ މައިފުށުގެ ދެބެންގެ ދެދަރި ބޭފުޅެކެވެ.
އިޒްރާއިލްގެ އެންމެ ފަހުގެ ޙަމަލާތަކަށް ހިޒްބުالله އިން ރައްދު ދިނީ ކިހިނެތް!
ހޮނިހިރު ދުބަހު އެޖަމާއަތުން ނަޞްރުالله އަވަހާރަވެފައިވާކަން އިޢުލާންކުރި ބަޔާނުގައި ހިޒްބުالله އިން ބުނެފައިވަނީ ޣައްޒާގައި އިޒްރާއިލްއިން ހިންގާ އަސްކަރީ އުދުވާނާ ދެކޮޅަށް އެޖަމާއަތުން ކުރަމުންދިޔަ މަސައްކަތް ހުއްޓާ ނުލާނެ ކަމުގައެވެ. އަދި އެއާއެކު ލުބުނާނު ދިފާއުކުރުމުގައިވެސް ދެމިތިބޭނެކަމުގައެވެ. އެ ބަޔާނަށްފަހުވެސް ހިޒްބުالله އިން ވަނީ އިޒްރާއިލްއަށް އަމާޒުކޮށް ފަސް ރޮކެޓް ޙަމަލާ ފޮނުވާލާފައެވެ.
ހިޒްބުالله ގެ ކުރިމަގު އޮތީ ކިހިނެތް!
ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހިޒްބުالله އަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވިނަމަވެސް މަޞްރަޙް ދިރާސާކުރާ ފަރާތްތަކުން ބުރަވާގޮތުގައި ދިގުމުއްދަތަށް އެޖަމާއަތަށް މީގެން މާބޮޑު އަސަރެއް ނުކުރާނެ ކަމުގައެވެ. ސަބަބަކީ ލިޑަރުންގެ ބަދަލުގައި އެމަޤާމަށް ފައްކާވެފައިތިބޭ ލީޑަރުން އަބަދުވެސް އެފަދަ ޖަމާއަތްތަކުގައި ތައްޔާރަށް ތިބޭނެތީއެވެ. އަދި ހިޒްބުالله އަކީ ހަތިޔާރާއި އަސްކަރީ ޤާބިލްކަމަށް ބެލިނަމަވެސް އެނބުރި އަވަހަށް ތެދުވެވޭނެ ޖަމާއަތެކެވެ.
ބެއިރޫތް އަކީ ހިޒްބުالله ގެ އެންމެ 'ބަލިކަށި ޕޮއިންޓެވެ'. އެއީ ވިލާތުގެ އެމްބަސީ ތަކާއި އެމީހުންގެ އިންޓެލިޖެންސް އެޖެންސީތަކުގެ ސަބަބުން ހިޒްބުالله އިން އެންމެ އެދެވޭގޮތުގައި އެތާނގައި ކުރިއަށް ދެވެންނެތީމައެވެ. ނަމަވެސް ޔުނިވަރސިޓީ އޮފް ތެޙްރާންގެ ޕްރޮފެސަރު މުޙައްމަދު މަރަންޑީ ވިދާޅުވެފައިވާ ގޮތުގައި ހިޒްބުالله ބަލިކަށިކޮށްލާ, ހިޒްބުالله ގެ މައްޗަށް ކާމިޔާބު ހޯދޭނެ ޤާބިލްކަން އިޒްރާއިލްގެ ކިބައިގައި ނުހުންނާނެ ކަމުގައެވެ.
ބައެއް ތަޖުރިބާކާރުން ޤަބޫލުކުރާގޮތުގައި ހިޒްބުالله އަށް ފާއިތުވި މާޒީގައި ހެދުނު އެންމެ ބޮޑު ގޯހަކީ އީރާނުން އެމިހުންގެ ޕްރޮކްސީ ހަނގުރާމަތަކުގައި ހިޒްބުالله ބޭނުންކުރަން ޖާގަދިނުމެވެ. ޙަމަދް ބިން ޚަލީފާ ޔުނިވަރސީޓީގެ ސީނިއަރ ޕްރޮފެސަރު ސުލްޠާން ބަރަކަތު ވިދާޅުވެފައިވާ ގޮތުގައި ހިޒްބުالله އިން އެމީހުންގެ މީހުންގެ ދިފާއުގައި އަދި ލުބުނާނުގެ މިނިވަންކަމަށް ހަނގުރާމަކުރި އިރު އެޖަމާޢަތް މާ ވަރުގަދައެވެ.
އިޒްރާއިލްއާ ދެކޮޅަށް އަސްކަރީ ހަރާކާތްތައް ހިންގާ މިހާތަނަށް އިޒްރާއިލް ބަލިކުރި ހަމައެކަނި ބަޔަކީވެސް ހިޒްބުالله އެވެ. އެއީ 1982 ން 2000 ވަނަ އަހަރާ ހަމައަށް އިޒްރާއިލްއިން ދެކުނު ލުބުނާނު ހިޞޯރުކޮށްފައި އޮތް އޮތުން 18 އަހަރުގެ ދިގު ހަނގުރާމައަކަށްފަހު ކާމިޔާބުކުރީ ހިޒްބުالله އެވެ.
ރިއެކްޝަންސް