ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާއެކު ޣައްޒާއަށް ދާއިމީ ހަމަޖެހުން ލިބިދާނެބާ!
އިޒްރާއިލްއިން ޣައްޒާގެ ރައްޔިތުންގެ މައްޗަށް ޤަތުލްއާންމެއް ހިންގަމުން ގެންދާތާ 15 މަސްދުވަސް ފަހުން ވަގުތީގޮތުން ހަމަލާތައް ހުއްޓާލުމަށް ދެފަރާތުން މިވަނީ އެއްބަސްވެފައެވެ.
ހަމާސް އަދި އިޒްރާއިލް އިން އެއްބަސްވެފައިވާގޮތަށް މިއަދުން ފެށިގެން ހަމަލާތައް ހުއްޓާލާނެ ކަމަށް އިއުލާން ކުރީ ފާއިތުވެދިޔަ ބުދަ ދުވަހުވެއެވެ. ނަމަވެސް އިޒްރާއިލްއިން ދަނީ އެއްބަސްވުމުގެ މުއްދަތު ފެށެންދެންވެސް ޣައްޒާގައި ހުއްޓުމެއްނެތި ހަމަލާދީ އެތައް ބަޔަކު މަރަމުންނެވެ.
ސުވާލަކީ ވަގުތީގޮތުން އެއްބަސްވެފައިވާ އެބަސްވުމުގައި އިޒްރާއިލް އަދި ހަމާސް ދެމިތިބޭނީ ކިހާ ދުވަހެއްވަންދެން ހެއްޔެވެ! ހަމަލާތައް ފެށުމުގެ ވަރަށް ކުރީކޮޅުވެސް މިގޮތަށް ހަމަލާތައް ކުޑަދުވަސްކޮޅަކަށް މެދުކަނޑާލިއެވެ. ނަމަވެސް އެއްބަސްވުމުގެ ވަގުތު ހަމަވުމުގެ ކުރިން އިޒްރާއިލްއިން ވަނީ އެއްބަސްވުމާ ޚިލާފްވެ ހަމަލާތައް އަލުން ފަށާފައެވެ. އިޒްރާއިލް އާއި ހިޒްބުالله އާ ދެމެދު ބަދަލުކުރަމުން ދިޔަ ހަމަލާތައް ހޫނުވެ އިޒްރާއިލް އާއި ލުބުނާނާ ދެމެދުވެސް މިފަދަ އެއްބަސްވުމެއް ހެދިއެވެ. އެކަމަކު އިޒްރާއިލްއިން ވަނީ އެތައް ފަހަރެއްގެ މަތިން އެ އެއްބަސްވުމާ ހިލާފްވެ ލުބުނާނަށް ހަމަލާ ދީފައެވެ.
އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްފް ހުވާކުރުމުގެ އެއްދުވަސް ކުރިން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކީ އިއްތިފާޤެއް ނޫނެވެ. އެއީ ޓްރަމްޕްގެ ނުފޫޒުގައި އިޒްރާއިލްއިން ނިންމަން ޖެހުނު މަޖުބޫރީ ނިންމުމެއް ކަމަށް ދޭހަވާގޮތަށް ޓްރަމްޕް ވަނީ ވާހަކަ ދައްކަވާފައެވެ.
ތިން މަރުހަޙަލާ އަކަށް ބަހާލައިގެން ކުރަން ރާވާފައިވާ މަޝްވަރާތަކުގެ ތެރެއިން 6 ހަފްތާގެ މުއްދަތަށް ހަމަލާތައް ހުއްޓާލުމަށް މިވަނީ ކަނޑައަޅާފައެވެ. ދެވަނަ މަރުހަލާގެ މަޝްވަރާތައް ކުރިއަށްދާއިރު ފުރަތަމަ މަރުހަލާގައި ނިންމި ކަންކަން އެކަށައެޅިފައިވާ ގޮތަށް ތަންފީޒުވަމުން ދާނެއެވެ.
އޭގެ ތެރޭގައި ހަމަލާތައް ހުއްޓާލާ ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނަށް ދިއުމަށް ހުއްދަ ލިބޭނެއެވެ. އަދި އިންސާނީ އެހީގެ ތަކެތީގެ ގޮތުގައި ދުވާލަކު 600 ޓަރަކް ޣައްޒާ އަށް އެތެރެވާއިރު އިޒްރާއިލްގެ އަސްކަރިއްޔާގެ ސިފައިން އެ މަރުހަލާ ނިމޭއިރު ޣައްޒާއިން ފައިބަންޖެހޭނެއެވެ. މިއީ އަސީރުން މިނިވަން ކޮށް ބަދަކުކުރުމުގެ އިތުރަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ މައިގަނޑު ޝަރުތު ތަކެވެ.
ދެވަނަ މަރުހަލާގައި މަޝްވަރާކުރަން މޭޒުމަތީގައި އޮތް އެންމެ މުހިންމު ކަމަކީ ހަމާސްގެ އަތްދަށުގައި ބާކީ ތިބި ރަހީނުން މިނިވަންކުރުމާއި އެކު އިޒްރާއިލް ސިފައިން ފިލެޑެޕިއާ ކޮރިޑޯ ހިމެނޭހެން ޣައްޒާގެ ހުރިހާ ސަރަޙައްދަކުން ފޭބުމެވެ.
ހަމަލާތައް މެދުކަނޑާލަން އެއްބަސްވިކަން އިއުލާން ކުރުމާއެކު ޣައްޒާ އަދި އިޒްރާއިލްގައި ވެސް ވަނީ އުފާފާޅުކޮށް އެއްވުންތައް ބާއްވާފައެވެ. ޙާއްސަކޮށް ހަމާސްގެ އަތްދަށުގައި ތިބި އިޒްރާއިލްގެ މީހުންގެ އާއިލާތަކެވެ.
ޣައްޒާގެ ރައްޔިތުން އަދި ދުނިޔެވެސް ޤަބޫލުކުރާ ގޮތުގައި ހަމަލާތައް މެދުކަނޑާލުމަކީ މިވަގުތައް ކޮންމެހެން ބޭނުންކަމެކެވެ. ޙާއްސަކޮށް މީހުން މެރުން ހުއްޓުވުމަށްޓަކައެވެ. އަދި މިއީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ޣައްޒާގެ ރައްޔިތުންނަށް ލިބުނު އުއްމީދެކެވެ.
ޕަލަޞްޠީނިއަން ލިބަރޭޝަން އޯގަނިޒޭޝަންގެ ކުރީގެ ލީގަލް އެޑްވައިޒަރު އަދި ޤާނޫނީ ވަކީލް, ޑަޔާނާ ބުއްޓޫ ވިދާޅުވިގޮތުގައި ޤަތުލްއާންމަކުން ސަލާމަތްވި ޣައްޒާގެ ރައްޔިތުނަށް މިއީ އުފާވެރި ހަބަރެކެވެ. އެއީ އެމީހުން ބޮލަށް ހުއްޓުމެއްނެތި އަޅަމުން ދިޔަ ބޮންތަކުގެ އަޑު ކެނޑި, ލޯބިވާ އެތައް ބަޔަކު ލޯކުރިމަތީގައި ދުނިޔެ ދޫކުރަމުން ދިޔުމަކީ އެއްވެސް މީކަހަކަށް ކެތްކުރަން ފަސޭހަ ވޭނެއް ނޫންކަމުގައި ވާތީއެވެ.
ޑަޔާނާ ވިދާޅުވީ އެކަމަކު ހަޤީޤީ ސުވާލަކީ މި މެދުކެނޑުން މިގޮތުގައި ބާއްވަން އިޒްރާއިލްއިން ޖާގަ ދެނެތޯއެވެ. އަދި ފަލަޞްޘީނަށް މިނިވަންކަން ލިބުމަށް އިޒްރާއިލްއިން ކުޑަވެސް ދުލެއް ނުދޭނެކަމަށާއި ބައިނަލްއަޤުވާމީ މުޖުތަމައުއިންވެސް މި ހާސިލްކުރެވުނު ކުޑަކުޑަ (ނަމަވެސް އޭގެ ޒާތުގައި މިވަގުތައް އިންތިހާއަށް މުހިއްމު) ކަމުގެ ދުރަށް ވިސްނާ ފަލަޞްޠިނަށް ހަޤީޤީ މިނިވަންކަން ހޯދައިދިނުމަށް ދުނިޔެއަށް ކުރެވޭނީ ކޮންކަމެއްތޯ ވިސްނުމަކީ މުހިއްމު ކަމަށް ދެކޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިޒްރާއިލްގެ ކަނާތުފިޔައިގެ ސިޔާސީ މީހުން މިހާރުވެސް އެއްބަސްވެވިފައިވާ ގޮތަށް އަމަލުކުރުމާ ދެކޮޅެވެ. އިޒްރާއިލްގައި މިކަމާ ގުޅިގެން ނުރުހުން ފާޅުކޮށް އެއްބަސްވުމަށް އަމަލު ނުކުރުމަށް ގޮވާލާ ނަތަންޔާހުއަށް ދަނީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ. އެމީހުން ދެކޭގޮތުގައި މަދުބައެއްގެ މިނިވަންކަމަށް މުޅި އިޒްރާއިލްގެ ސަލާމަތް ނަގާލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.
ޙާއްސަކޮށް މަޝްވަރާކުރަން ހަމަޖެހިފައިވާ ދެވަނަ ފޭސް އާ ގުޅޭގޮތުން އިޒްރާއިލްގައި އާންމު ވޯޓަކަށް ދާންޖެހޭނެކަމަށްވެސް ދަނީ ގޮވާލަމުންނެވެ. އިޒްރާއިލްގެ ބައިނަލްއަޤުވާމީ ކްރައިސިސް ގުރޫޕްގެ އެނަލިސްޓެއް ކަމަށްވާ މައިރަވް ޒޮންސްޒެއިން ވިދާޅުވީ ކެބިނެޓްގައި ހިމެނޭ ކަނާތުފިޔައިގެ މެމްބަރުން ބޮޑުވަޒީރު ނަތަންޔާހޫއަށް އެއްބަސްވުމަށް އަމަލުނުކުރަން ފިއްތުންތައް ކުރިމަތި ކުރިވި ކަމަށެވެ.
އެއްބަސްވުމުގެ ކްރެޑިޓް ހޯދަން އެމަރިކާގެ ރައީސް ޖޯއި ބައިޑެން އަދި އިންތިޚާބީ ރައީސްވެސް ދަނީ އެކި ވާހަކަތައް ދައްކަވަމުންނެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ މިހާރު އެއްބަސްވެވުނު އެއްބަސްވުމަކީ އޭނާ ހުށަހެޅުއްވި ގޮތަށް ނިންމި ނިންމުމެއް ކަމަށެވެ. ނަމަވެސް މަޝްވަރާތައް މޮނިޓަރ ކުރެއްވި ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީ 2024 ވަނަ އަހަރުގެ މާރިޗު އަދި ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުވެސް މަޝްވަރާގެ މޭޒުގައި ހުރި ކަންކަން ކަމުގައެވެ.
ހަމަލާތައް މެދުކަނޑާލުމުގެ މުއްދަތު ހަމަވުމަށްފަހު ވާނީ ކިހިނެތް!
ޣައްޒާ ހިންގުމާބެހޭ ގޮތުން ގޮތެއް ކަނޑައެޅުމަކީ ދެވަނަ މަރުހަލާގެ މަޝްވަރާގެ މައިގަނޑު އެޖެންޑާއެވެ. ހަމަލާތަކުގެ އެންމެ ކުރީކޮޅުވެސް އެމެރިކާއިން ޕަލަޞްޠީނިއަން އޮތޯރިޓީ (ޕީއޭ) އަށް އެބާރުދިނުމަށް ވަކާލާތުކުރިއެވެ. 1993 ގެ އޮސްލޯ އެކޯޑާއެކު އުފަންވި ޕީއޭ އަކީ މިހާރުވެސް އިޒްރާއިލްއިން ހިފާފައިވާ ހުޅަނގު އައްސޭރި ހިންގަމުން ގެންދާ ފަރާތެވެ.
އިޒްރާއިލްއާއި ފަލަޞްޠީނު ސުލްޙްކޮށް ދެ ދައުލަތުގެ ޙައްލު ހޯދުމަށް ދެފަރާތުން ވީ އެއްބަސްވުމުގެ ހުރިހާ ފައިދާ އެއް މިހާތަނަށް ކުރީ އިޒްރާއިލްއަށެވެ. އޮސްލޯ އެކޯޑަށް 20 އަހަރު ވީއިރު ޕީއޭއިން ބަލަހައްޓާ, ނަމަވެސް އިޒްރާއިލްއިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފަށް މިލިއަނަކަށްވުރެ ގިނަ އިޒްރާއިލް ރައްޔިތުން ވަޒަންވެރިވެއްޖެއެވެ.
ޕީއޭ އަކީ ފަލަޞްޠީނުގެ ފަތަހަ ޕާޓީއިން ހިންގާ ބައެކެވެ. ހަމާސް އާ 2007 ވަނަ އަހަރު އަހުލީ ހަނގުރާމައެއް ކޮށް އޭގެ ފަހުން ހަމާސްގެ ބާރުގަދަ ސަރަހައްދެއް ކަމުގައިވާ ޣައްޒާ އާއި ހުޅަނގު އައްސޭރި ބިމުގެ ގޮތުންނާއި, އިޤްތިޞާދީ އަދި ސިޔާސީ ގޮތުންވެސް ވަނީ ގުޅުން ކެނޑިފައެވެ.
ސުވާލަކީ ކުޑަކުޑަ ބާރަކާއެކު ހުޅަނގު އައްސޭރީގައި ހިނގަނީ ފަލަޞްޠީނުގެ ސަރުކާރެކޭ ބުނެ އިޒްރާއިލްއިން ޖަހާހާ ބެރަކަށް ނަށާމުންދާ ޕީއޭއަށް ފަލަޞްޠީނަށް މިނިވަންކަން ހޯދައިދިނުމަކީ ކުރެވޭނެ ކަމެއްތޯއެވެ! ނުވަތަ ޕީއޭގެ ހެޔޮނިޔަތް އޮތީ ފަލަޞްޠީނުގެ ރައްޔިތުންނާއެކު މިނިވަންކަމަށް މަސައްކަތް ކުރުމަށް ތޯއެވެ! ނޫނީ ޣައްޒާގެ ބިން އެމީހުންގެ ބާރުގެ ދަށަށް ގެނެސް އެމެރިކާ އާއި އިޒްރާއިލްއިން ބޭނުންވާ ގޮތައް ފަލަޞްޠީނުގެ ރައްޔިތުންގެ މިނިވަންކަން މުޅި އުމުރަށް ގުރުބާކޮށް ބާރުގައި ތިބުން ތޯއެވެ!
ނަމަވެސް ޕީއޭގެ ދަށަށް ޣައްޒާ ދިއުމަކީ އިޒްރާއިލްއަށް ވެސް އޮތް ބިރެކެވެ. އެއީ ޣައްޒާ އާއި ހުޅަނގު އައްސޭރީގެ ބިންތައް އިދާރީގޮތުން ގުޅި, ދަޢުލަތެއްގެ ގޮތުގައި ފަލަޞްތީނު ވަރުގަދަ ވެއްޖެނަމަ މުސްތަޤުބަލުގައި އިޒްރާއިލްއަށް ފަލަޞްޠީނުގެ ބިމަށް ބޭނުންހާ ގޮތަކަށް ގަދަވެގަތުގެ ފުރުޞަތު ނޯންނާނެތީއެވެ. އެކަމަކު އެކަން އޮންނާނީ ދައުލަތެއްގެ ގޮތުގައި ޕީއޭގެ ވަރުގަދަކަމުގެ މައްޗަށެވެ.
މިޑްލް އީސްޓް ކައުންސިލް ފޮރ ގްލޯބަލް އެފެއަރޒްގެ އިޒްރާއިލް-ފަލަޞްޠީން ގެ ކަންކަމާ ގުޅޭ ތަޖުރިބާކާރު އޮމަރް ރަޙްމާން ދެކެވަޑައިގަންނަވާގޮތުގައި ފަލަޞްތީނުގެ ސަތަޙައްދުތައް ގުޅި, ދައުލަތެއްގެ ސިފައިގައި ވަރުގަދަވާން ދޫކޮށްލުމަކީ އިޒްރާއިލްއަށް އިންތިހާއަށް ފިއްތުންތައް ކުރިމަތިވާނެ ކަމެކެވެ. އަދި އިޒްރާއިލްގެ ސިޔާސީ ކުޅިބައި ބަލިވެ ފަލަޞްތީނުގެ ބިމަށް އަތްގަދަކުރުމަށް ލިބެން އޮތް ފުރުޞަތު އިޒްރާއިލްއިން ދުލެއް ނުކުރާނެއެވެ.
ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި ޣައްޒާގެ ބިމުން އިޒްރާއިލްގެ އަސްކަރިއްޔާ 'އެއްކޮށް' ފައިބާތަން ފެނުމަކީ ނާދިރު ކަމެއްކަމަށެވެ. އެއީ, އިޒްރާއިލް އިން އެއަށްވުރެ ބޮޑަށް ހަމާސް ދެކެ ޖެހިލުންވާނެކަމަށާއި, ހަމާސް އަލުން ވަރުގަދަވުމަށް އިޒްރާއިލްއިން ޖާގަ ނުދޭނެ ކަމުގައެވެ.
ރިއެކްޝަންސް