ފަހުވަގުތު ލިވަޕޫލް ސަލާމަތްކޮށްދިނީ ނުނެޒް, ކްލުއިވާޓްގެ ހެޓްރިކާއެކު ބާންމައުތުން ނިއުކާސަލް ހަމަބިމަށް
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ޑާވިން ނުނެޒް ގެ ދެގޯލާއެކު ހަނިގޮތަކަށް ލިވަޕޫލް ބްރެންޓްގެ އަތްދަށުން ސަލާމަތް ވެއްޖެއެވެ. ލީގު ތާވަލްގެ އެންމެ ކުރީގައިއޮތް ލިވަޕޫލްއިން ބްރެންޓްފޯޑުގެ މައްޗަށް 2-0 ން ކުރިހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގައެވެ. ހޮނިހިރުދުވަހު ނިއުކާސަލް ޔުނައިޓަޑްއާއި ބާންމައުތު ބައްދަލުކުރި މެޗު 4-1 ން ކާމިޔާބުކުރީ ބާންމައުތެވެ. މި ނަތީޖާ އާއެކު ލީގުހޯދުމުގެ ރޭހުގައި ނިއުކާސަލްގެ އިންތިޒާރު މިވަނީ ދިގުލައިފައެވެ.
ލިވަޕޫލް އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗުގައި ބްރެންޓްފޯޑުންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ވަރަށް ކުރީކޮޅު މިކޭލް ޑެމްސްގާޑަށް ލީޑު ނަގާނެ ރަނގަޅު ފުރުޞަތެއް ލިބުން ނަމަވެސް ގޯލަކަށް ބަދަކުރުމުގައި ވަނީ ނާކާމިޔާބު ވެފައެވެ.
މެޗުގެ 15 ވަނަ މިނިޓްގައި ލިވަޕޫލްއަށް އަށްވެސް ގޯލެއް ކާމިޔާބު ކުރާނެ ރަނގަޅު ފުރުޞަތެއް ލިބުނެވެ. އިބްރަހިމާ ކޮނާޓޭ ތަނަވަސްކޮށްދިން ބޯޅަ ލުއިޒް ޑިއަޒްގެ ބޮލުންޖަހާ ގޯލެއް ކާމިޔާބުކުރެވޭތޯ ބެލިނަމަވެސް ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގައި އިތުރު ފުރުޞަތުތައް ތަނަވަސްކޮށް ބްރެންޓްފޯޑްގެ ގޯލަށް ނުރައްކާކުރެވޭތޯ ލިވަޕޫލް އިން މަސައްކަތް ކުރިނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް އެއްވެސް ޓީމަކަށް ގޯލެއްކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
ޕޮއިންޓަކާއެކު މެޗު ނިންމާލަން ކެތްމަދުވެފައި ތިބި ބްރެންޓްފޯޑަށް ސިހުން ލިބުނީ ޓްރެންޓް އަލެކްސަންޑަރ އާނޯލްޑް ނަގައިދިން ހުރަސް 91 ވަން މިނިޓްގައި ޑާވިން ނުނެޒް ގޯލަށް ފޮނުވާލުމާއެކުއެވެ. އޭގެ ދެ މިނިޓް ފަހުން ނުނެޒް ވަނީ އިތުރު ގޯލެއްޖަހާ ލިވަޕޫލް މޮޅުކޮށްދީފައެވެ.
ލިވަޕޫލް ތާވަލްގެ އެއްވަނައިގައި އޮތީ 21 މެޗުން 50 ޕޮއިންޓާއެކުއެވެ. އެއީ ދެވަނައިގައި އޮތް އާސެނަލް ހޮނިހިރި ދުވަހު އެސްޓަންވިލާ އާ ދެކޮޅަށް ކުޅޭނެއެވެ. ތާވަލްގެ 11 ވަނައިގައި ބްރެންޓްފޯޑް އޮތީ 22 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.
ޕްރިމިއަރ ލީގުގައި ބާންމައުތާއި ނިއުކާސަލް ޔުނައިޓް ބައްދަލުކުރި މެޗުގައި ބާންމަތުގެ ޑަޗް ކުޅުންތެރިޔާ ޖަސްޓިން ކްލުއިވާޓް ވަނީ ހެޓްރިކް ހަދާފައެވެ. މި ބައްޔާއެކު ލީގުގައި މެޗަކުން ބަލިނުވެ ހަތްވަނަ މެޗު ހަމަކުރަން ލިބުނު ފުރުޞަތު ނިއުކާސަލް އަށް ވަނީ ގެއްލިފައެވެ. އަދި ލީގުތާވަލްގެ ތިންވަނައަށް ޖެހިލާ ޓައިޓަލް ރޭހުގައި ކުރިއަށް ޖެހިލަށް ލިބުނު ފުރުޞަތުވެސް ވަނީ ގެއްލިފައެވެ.
ބާން މައުތުގެ ފުރަތަމަ ގޯލް މެޗުގެ ތިންވަނަ މިނިޓްގައި ކްލުއިވާޓް ކާމިޔާބުކޮށްދިނުމަށްފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭނާ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީފައެވެ. ހެޓް-ޓްރިކް ހެދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ދެވަނަ މިނިޓްގައެވެ.
މެޗުގައި ނިއުކާސަލްގެ ހަމައެކަނި ގޯލް މެޗުގެ 25 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ބްރޫނޯ ގުއިމަރެސް އެވެ. ބާންމައުތުގެ ފަހު ގޯލް މެޗުގެ އިތުރުވަގުތުގެ ހަވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު މިލޯސް ކާކެޒްއެވެ.
މި ނަތީޖާއާއެކު ނިއުކާސަލް އިން ތާވަލްގެ 4 ވަނައިގައި އޮތީ 22 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. އެއް ޕޮއިންޓް މަދުކޮށް ބާންމައުތު އޮތީ ހަ ވަނައިގައެވެ.
ރިއެކްޝަންސް