
ދުނިޔޭގެ ކަޅި އިޒްރާއިލް-އީރާން ހަނގުރާމައަށް ހުއްޓުނު ވަގުތު އިޒްރާއިލްއިން ޣައްޒާގައި ކުރީ ކީއް!
"ޣައްޒާއިން ނަޒަރު ވަކިނުކުރުމަށް" ފަލަޞްޠީނުގެ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ އެދިފައި
މިމަހު 13 ން ފެށިގެން އިޒްރާއިލްއިން އިރާނަށް ދިން ކުއްލި ހަމަލާތަކައެކު ދެފަރާތުގެ ހަމަލާތައް 12 ދުވަހަށް ކުރިއަށްދިޔައިރު ދުނިޔޭގެ ސަމާލުކަން އޮތީ އެކަމަށް ހުއްޓިފައެވެ.
ނަމަވެސް އޭރުވެސް ޣައްޒާގައި އިޒްރާއިލްއިން ހިންގަމުންދިޔަ އުދުވާނު ކުޑަވެސް މަޑުޖެހުމެއްނެތި ދިޔައީ ކުރިއަށެވެ. ހާއްސަކޮށް ދުނިޔޭގެ ކަޅި އެހެންދިމާލަކަށް ހުއްޓުމުގެ ފައިދާ ނަގާ, އިޒްރާއިލްއިން ވަނީ ޣައްޒާގައި އެތައް ޖަރީމާއެއް ހިންގާފައެވެ.
ޣައްޒާއަށް ދިޔައީ ބޮންއަޅަމުންނެވެ. ޑްރޯން އާއި މިސައިލް ހަމަލާތައް އަމާޒުވަމުންނެވެ. އަދި ޣައްޒާގެ ރައްޔިތުންތިބީ ހައިހޫނު ކަމުގައެވެ.
އިޒްރާއިލްއާ އާ އީރާންގެ ހަމަލާތައް ހުއްޓާލިއިރު ފާއިތުވި ޖެނުއަރީ މަހު އިޒްރާއިލް އާއި ހަމާސްގެ ހަމަލާތައް ހުއްޓާލުމަށްވެސް ވަނީ އެއްބަސްވުމެއް ވެވިފައެވެ. ނަމަވެސް ފެބްރވަރީ 18ގައި އިޒްރާއިލްއިން ވަނީ އެއްބަސްވުން އުވާލާ ޣައްޒާއަށް ހަމަލާދޭން ފަށާފައެވެ. ދެން ފެނިގެންދިޔައީ އަނެއް ޖަރީމާއެވެ. މާޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން އިޒްރާއިލްއިން މުޅި ޣައްޒާ އިންސާނީ އެހީއަށް ބަންދުކުރީއެވެ.
އިޒްރާއިލްއިން އީރާނަށް ހަމަލާދޭންފެށީ ކުއްލިއަކަށެވެ. ޣައްޒާ ބަންޑަށްޖެހެމުންދާ ދިއުމަށް ދުނިޔޭގެ ފާޑުކިޔުން ގިނަވެ އެކަމުން ރެކުމަށް ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ ނަމުގައި އިޒްރާއިލް އާއި އެމެރިކާ ގުޅިގެން މަދު އަދަދެއްގެ އެހީބެހުމުގެ ނަމުގައި 'މަރުގެ ދަންތުރަ ތަކެއް ހެދުމަށްފަހު' އެހެން ދިމާއަލަށް ދުނިޔޭގެ ނަޒަރު އަނބުރާލީއެވެ.
ޙާއްސަގޮތެއްގައި ޣައްޒާގައި 21 މަސްވަންދެން ކުރަމުން އައި ހަނގުރާމައިން ކުރި ނުލިބި ސިޔާސީގޮތުން ނަތަންޔާހޫއަށް އިޒްރާއިލްގައި އޮތް ސަޕޯޓް ދައްށްވުމުގެ ސަަބަބުން އާންމުގެ އިތުބާރު އަލުން ހޯދުމަށް ބޭނުންކުރި އުކުޅަކީ އީރާނަށް ހަމަލާ ދިނުމެވެ. އެ މަޤްޞަދު އޭނާ ހާސިލްކުރިވެސް މެއެވެ. މިހާރު ޣައްޒާ ޤަތުލްއާންމަށް މުޅި ދުނިޔެއިން ލިބެމުން އައި ސަމާލުކަން ކުޑަވެއްޖެއެވެެ.
ނަމަވެސް އެ 12 ދުވަހުގެ ތެރޭގައި އިޒްރާއިލްއިން ޣައްޒާގައި 860 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ އެހީ ބެހުުގެ ނަމުގައި އިޒްރާއިލްއާއި އެމެރިކާއިން ހަދާފައިވާ މަރުގެ ދަންތުރަތަކަށް ލަވާ, އެތަންތަނުގައި ޤަތުލްކުރި ހައިހޫނޫކަމުގެ އިންތިހާ ތަހައްމަލްކުރަމުން ދިޔަ ރައްޔިތުންނެވެ.
އޭރުވެސް ސުންނާފަތިވެފައިވާ ޣައްޒާގައި އެތައް ފަހަރެއްގެ މަތިން ވިއްސި ވިހާލިވެފައި ތިބި ޣައްޒާގެ ރައްޔިތުންގެ ހިތުގައި ވަނީ ހިފާފައިވާ ފަލަޞްޠީނުގައި (އިޒްރާއިލް) ދިރިއުޅޭ އެޤައުމުގެ ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކާ މެދު އޮތް ނުތަނަވަސްކަމެވެ. އީރާނުގެ ރައްދު ހަމަލާތައް ހައިފާގައި ދިރިއުޅޭ ފަލަޞްޠީނުގެ ރައްޔިތެއްގެ ގެއާ މާ ދުރުނޫން ހިސާބަކަށް އަމާޒުވުމާއެކު ޣައްޒާގައި ހުރި އޭނާގެ ރަޙްމަތްތެރިޔާ ވަގުތުން އޭނާ ހުރީ ގަދަވެ ސަލާމަތުންތޯ ބެލިކަމަށް ދިޔާނާ ބުންޏެވެ.
"އަހަންނަށް ލިބުނު ފުރަތަމަ މެސެޖަކީ 11 ފަހަރު އެއްތަނުން އަނެއްތަނަށް ބަދަލުވެ މިހާރު ޓެންޓެއްގައި ދިރިއުޅޭ ޣައްޒާގެ އެކުވެރިއެއްގެ މެސެޖް. އޭނާގެ އާއިލާގެ އެތައްބަޔަކު އިޒްރާއިލްގެ ސިފައިން ވަނީ މަރާލާފަ. އެނާ އަހާފައި އޮތީ އަހަަރެން ރަނގަޅުތޯ! އަހަންނަށް މިދިމާވި ކަންތަކާ އެތައް މަހެއްވަންދެއް އޭނާ އެ ބަރުދާސްތު ކުރާ ކަންކަމާ ނުބައްދަލު. އެކަމަކު އޭނާ އެންމެ ފުރަތަމަ އަހަރެންގެ ހާލުބެލީ" ދިޔާނާ އަލްޖަޒީރާއަށް ބުނެފައި ވެއެވެ.
ދިޔާނާ ބުނީ ހައިފާގައި ސައިރަންގެ އަޑުއިވޭކަމަށާއި, ނުރައްކަލުގެ ރަނގަބީލު ދޭ އެޕްތައް އެމީހުން ގެންގުޅޭކަމަށެވެ. އަދި އޭނާ ދިރިއުޅެނީވެސް 'ރައްކާތެރި ސަރަހައްދެއް ޤާއިމްކޮށްފައިވާ' ގެއެއްގައިކަމަށެވެ. އެއީ 1990 ގެ ޤާނޫނުގެ ދަށުން އިޒްރާއިލްގައި އަޅާ ކޮންމެ ގެއެއްގައި ހުންނަންޖެހޭ މިންގަޑެއް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
އެކަމަކު ރައްކާތެރިކަމެއްކަމެއް ލިބޭ އެންމެ ވެލިފުކެއްވެސް ނެތް ޣައްޒާއިން ބަނޑުހައިހޫނުކަމުގެ އިންތިހާގައި ހުރި އޭނާގެ ރަޙްމަތްތެރިޔާ އެދުވަހު އޭނާގެ ހާލުބަލަަން ކުރި މެސެޖަކީ އޭނާ ދުވަހަކުވެސް ހަނދާންނުނެތޭނެ ކަމެއްކަމަށް ދިޔާނާ ބުންޏެވެ.
އިޒްރާއިލްއިން ވަނީ ކާބޯތަކެތި ހޯދުމަށް ކިއޫތަކުގައި ތިބި ރަައްޔިތުންނަށް އަމާޒުކޮށްދިން ހަމަލާތަކުގައި މިދިޔަ މަހު ފަހު ކޮޅުން ފެށިގެން 400 އަށްވުރެ ގިނަ މީހުން ޤަތުލްކޮށްފައެވެ.
އުތުރު ޣައްޒާގައި ދިރިއުޅޭނަމައެހީ ބަހާ މަރުކަޒަކަށް ދާން 25 ކިލޯމީޓަރުެ ރާސްތާއަކަށް ހިނގަންޖެހެއެވެ. އެ 25 ކިލޯ މީޓަރު ހުރަސްކޮށް ނެޓްޒަރިމް ކޮރިޑޯ އާ ހިސާބަށް ދެވެނީ ކިތަށް މީހުންނަށްކަމެއް ނޭނގެއެވެ. އަދި އެހިސާބަށް ދެވުނިއްޔާ ދިރިހުއްޓާ އެނބުރި އާދެވުމުގެ ނަސީބު ލިބެނީ ކިތަށް މީހުންނަށްކަމެއްވެސް ނޭނގެއެވެ. އަދި އާދެވުނުނަމަވެސް އެހީގެ އެއްވެސް އެއްޗެއް ލިބުން އެއީ ހަމަ ނަސީބެކެވެ.
މި މުއްދަތުގެ ތެރޭގައި އިޒްރާއިލްއިން ވަނީ ޣައްޒާގެ ބިމުން އަސްކަރިއްޔާގެ ބާރުގެ ދަަށަށް ގެނެސްފައިވާ ސަރަހައްދަށް އިތުރު ސަރަހައްދުތައް ވަނީ އިތުރުކޮށްފައެވެ. ޣައްޒާގެ ބިމުގެ 81 އިންސައްތައަކީ މިހާރު ޣައްޒާގަ ރައްޔިތުންނަށް ތިބުން މަނާ, ޔަހޫދީ ސިފައިން ގަދަކަމުން ފޭރިގަނެފައިވާ ބިންތަކެވެ.
ޣައްޒާގެ ނަޞްލު ނައްތާލުމަށްޓަކައި އިންސާނީ އެހީ ހަތިޔާރެއްގެ ގޮތުގައި އިޒްރާއިލްއިން ދަނީ އޭގެ އެންމެ ފުރިހަމައަށް ބޭނުންކުރަމުންނެވެ. ބަނޑުހައިވެ ގޮތްހުސްވެފައިވާ އިންސާނާއަށް ކާބޯތަކެތީގެ ހުވަފެންދައްކާ މަރުގެ ދަންތުރަތަކަށް އެމީހުންލަވާ އެހިސާބުން ކަތިލަނީ އެއްވެސް ރަހްމެއް ނެތިއެވެ. މިއީ ޣައްޒާގެ މިއަދުގެ ހަޤީގަތެވެ.
ރައްޔިިތުންނަށް އެހީގެ ޒައްރެއްގެ މިންވަރުވެސް ލިބެން އަންނަނީ އެތަނުން ސައިޓަކަށް ގޮސްގެންނެވެ. އެހެންކަމުން އެއީ މަރުގެ ދަންތުރެއް ކަަން އެނުގުނު ނަމަވެސް އިތުރު ގޮތެއް އެމީހުންނަކަށް ނެތެވެ.
ރިއެކްޝަންސް






