އިޒްރާއިލްއިން ޔަމަނުގެ ހޮދައިދާ އަދި ރަސް އިސާއަށް ވައިގެ ހަމަލާތަކެއްދީފި
ޔަމަނުގެ ހޫތީންނަށް އަމާޒުކޮށް އިޒްރާއިލްގެ އަސްކަރިއްޔާއިން ޔަމަނަށް ވައިގެ ހަމަލާތަކެއް ދީފިކަމަށް އިޒްރާއިލްއިން ބުނެފިއެވެ. ހޯމަ ދުވަހުން ފެށިގެން އިޒްރާއިލްއިން ލުބުނާނުގައި ދެމުންގެންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު ޣައްޒާގެ ހަނގުރާމައަށް ވެސް ކުޑަކޮށްވެސް ދޫދީފައެއް ނުވެއެވެ. ޔަމަނަށް ހަމާ ދިނުމާއެކު މެދުއިރުމަތީގެ މަޞްރަހަށް މިވަނީ ހަނގުރާމައިގެ ކޮޅިގަނޑުގެ އަސަރުކުރަން ރަނގަޅަށް ފަށާފައެވެ.
އާދިއްތަ ދުވަހު އިޒްރާއިލްގެ އަސްކަރިއްޔާގެ ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމަމަތީ ބޯޓްތަކާއި ފައިޓާ ޖެޓުތަކުގައި އިޒްރާއިލްއިން ޔަމަނަށް ހަމަލާ ދީފައިވާކަމުގައެވެ. ހަމަލާތައް އަމާޒުކޮށްފައިވަނީ ހަކަތަ ރައްކާކުރާ ޕްލާންޓް ތަކަށާއި, ރަސް އިސާ އަދި ހޮދައިދާގެ ޕޯޓް ފެސިލިޓީތަކަށް ކަމަށްވެސް އިޒްރާއިލްގެ ބަޔާނުގައި ބުނެފައި ވެއެވެ. ހަމަލާތަކާއެކު ހޮދައިދާގެ ބޮޑު ސަރަޙައްދަކުން ކަރަންޓްގެ ޚިދުމަތް ކެނޑިފައިވާކަމަށް އެސަރަހައްދުގައި ދިރިއުޅޭ އާންމުންނާ ޙަވާލާދީ އަލް ޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ.
އިޒްރާއިލްއިން ޔަމަނަށް ހަމަލާދީފައި މިވަނީ މީގެ އެއްދުވަސްކުރިން ހޫތީންގެ ބެލިސްޓިކް މިސައިލެއް ތެލް އަވީވް ކައިރީގައި އޮންނަ ބެން ގޫރިއޮން ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް އަމާޒުކޮށް ފޮނުވާލާފައވާކަމަށް ހޫތީން ބުނެފައި ވަނިކޮށެވެ.
ހޫތީން އިތުރަށް ބުނެފައިވާ ގޮތުގައި އެޖަމާއަތުން ރަތްކަނޑު އަދި ގަލްފް އޮފް އެޑެން ގައި ހަރަކާތްތެރިވާ އިޒްރާއިލްއާ ގުޅުންހުރި ބޯޓުތަކަށް ހަމަލާތައް އަމާޒުކޮށްފައިވާނެއެވެ. ހޫތީން މި ހަމަލާތައް ދީފައިވަނީ އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންދާ އުދުވާނާ ދެކޮޅުހަދާ ފަލަޞްޠީނާ އެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ. ހޫތީންނަކީ ވެސް އީރާނުގެ އަސްކަރީ އަދި މާލީ އެހީތެރިކަމާއެކު އޮޕަރޭޓްކުރަމުން އަންނަ ޖަމާއަތެކެވެ.
ރިއެކްޝަންސް