ފަލަސްޠީނުގެ މިނިވަންކަމަށް ކުރާ ވަކާލާތު ހުއްޓާނުލާ, ހަމައެކަނި ހަމަލާތައް ހުއްޓާލުމަށް ގޮވާލުމަކުން ނުފުދޭ!
ފަލަސްތީނުގެ ދިފާއުގައި އަޑު އުފުލަނީ

ފަލަސްޠީނުގެ މިނިވަންކަމަށް ކުރާ ވަކާލާތު ހުއްޓާނުލާ, ހަމައެކަނި ހަމަލާތައް ހުއްޓާލުމަށް ގޮވާލުމަކުން ނުފުދޭ!

ފަލަސްތީނުގައި ހިންގާ ޤަތުލު ޢާންމަށް 11 މަސް

2 months ago - 07:31
Sep 9, 2024 - 08:57

އިޒްރާއިލްއިން ޣައްޒާގައި ނަސްލެއް ނައްތާލުމަށް ހިންގަމުންދާ ޤަތުލްއާންމު ފެށިފަހުން  11މަސް ވީއެވެ. މިމުއްދަތުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ހުއްޓުމެއްނެތި އެއްވުންތައް ކުރިއަށް އެބަގެންދެއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެތައްހާސް އާންމުން, ސަރުކާރުތަކުގެ ބައިވެރިވުމެއްނެތި މަގުތަކަށާއި މައިދާންތަކަށް އެއްވެ ފަލަސްތީނުގައި ހިންގަމުންގެންދާ އިންސާނިއްޔަތާ ޙިލާފް ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލުމަށް ގޮވާލާ އަޑުއުފުލަމުން ދާތާވެސް ޤަތުލްއާންމަށް ވީދުވަހެއް ވީއެވެ. 

ހަމަލާތަކަށް އަހަރެއް ވާންދާއިރު ފަލަސްތީނުގެ ހައްޤުގައި ކުރިއަށްގެންދާ ޙަރަކާތްތަކުން އަބަދީ ނަތީޖާއެއް ނެރެވޭނެ މަގެއް އިޙްތިޔާރުކުރަން މިވަނީ ޖެހިފައެވެ. އެހެންކަމުން, ޤަތުލްއާންމު ހުއްޓާލުމަށް ގޮވާލާ އަޑާއި އެކުއެކީ ވީހާވެސްބޮޑަށް އިޒްރާއިލްގެ ވަކިތަކުން ސަލާމަތްވެފައިވާ މިނިވަން ފަލަސްތީނެއް ޤާއިމްކުރުމަށް ގޮވާލާ އަޑު ފަނޑުވިޔަ ނުދިނުމަށް ސަމާލުކަން ދޭންޖެހެއެވެ. 

އެއީ, މާޒީއަށް ބަލައިރު އިޒްރާއިލްގެ "އަޅުވެތިކަމުގައި" 77 ވަނަ އަހަރު ގުނަމުންދާ ފަލަސްތީން, މިހާރު ހިނގަމުންދާ ޤަތުލްއާންމު ހުއްޓާލިނަމަވެސް މިނިވަންނުވާހާ ހިނދަކު އަދިވެސް އިތުރު ޤަތުލްޢާންމުތަކާ ކުރިމަތިލާން ޖެހޭނެތީއެވެ.

 

Advertisement
Advertisement

ހަނގުރާމައާ ދެކޮޅަށް ބާއްވާ ހިނގާލުންތަކުގައި ހައްލު ހޯދައިނުމުގެ ޖާގަ ހަނި

އެހެން ފަހަރުފަހަރާ ޚިލާފަށް އިޒްރާއިލްއިން ހިނގަމުންދާ ލާއިންސާނީ އަނިޔާތަކުގެ ހެކި ޣައްޒާއިން ބޭރުވެ, ދުނިޔެއަށް ހާމަވުމާއިއެކު ހަނގުރާމައާ ދެކޮޅު އެއްވުންތައް ފެށުނެވެ. ކުދިކުދި ޙަރަކާތްތައް މާސިންގާ އެއްވުންތަކުގެ ސިފަ ހިޔާރުކޮށް, އެކަމުގައި އެންމެގިނައިން ބޭނުންކުރަމުންދަނީ "ހަމަލާތައް ހުއްޓާލާ" މި ޝިއާރެވެ. 

އެހެންކަމުން މިހަރާކާތްތަކުގެ މައިގަނޑު އަމާޒުކަމުގައި ހަމައެކަނި ހަމަލާތައް 'މިވަގުތަށް' ހުއްޓާލުން ކަމުގައިވެއްޖެނަމަ ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ވަކާލާތުގެ އަޑު އިސާހިތަކު ފަނޑުވެގެންދިއުމަކީ ދާދި ގާތްކަމެކެވެ. މީހެ ކުރިން އެތައް ފަހަރެއްގެ މަތިން އިޒްރާއިލްއިން ފަލަސްތީނުގެ ބިންތަކުގެ އެކި މުއްދަތަށް ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ދިޔައިރު ކަންހިނގި ބީދައިންނެވެ. 

އެއިން ކޮންމެ ފަހަރަކުވެސް ހަމަލާތައް ހުއްޓާލުމާއެކު ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ އަޑު މަޑުވަމުން މަޑުވަމުން ގޮސް ކެނޑެނީއެވެ. އިޒްރާއިލްއިން އެހެން އުދުވާނެއް ފަށަންދެނެވެ. ނަމަވެސް އިޒްރާއިލްއިން ހިފާފައިވާ ފަލަސްތީންގެ ބިންތަކުގައި, އެބިމުގެ ޙައްގުވެރިން އުފުލަމުންދާ ވޭނާއި, ތަކްލީފަށް ނިމުމެއްނެތެވެ. އިޒްރާއިލްގެ އަނިޔާވެރި ވަކިތަކުން އަބަދީގޮތަށް ސަލާމަތްވެ, މިނިވަން ފަލަސްތީނެއް ދަޢުލަތެއްގެ ސިފައިގައި ޤާއިމްކުރެވެންދެނެވެ. 

ވީރާނާވެ ކުދިކުދި ވެފައިވާ އިމާރާތްތައް ސާފުކޮށް, އަލުން ދިރިއުޅުން ކޮޅަށްޖެހުމުގެ މަސައްކަތް ރަނގަޅަށް ނުފެށި އުޅެނިކޮށް އާ ޙަމަލާތަކާ ކުރިމަތިލާން ޖެހެއެވެ. ނިމުމެއްނެއް ސިލްސިލާއެއް ފަދައެވެ.

މިފަދަ އެއްވުންތަކުގެ އަނެއް މައްސަލައަކީ ބައެއްފަހަރު ހަޤީގީ މަގްސަދުން ބޭރުވެވުމެވެ. އެއީ އަވަސް ވަގުތީ ހައްލަކަށްއެދި ގިނަފަހަރު މިފަދަ ފަރާތްތަކުގައި ދައްކާނީ އިޒްރާއިލްއާއެކު ސުލްހައިގެ އެއްބަސްވުމަކަށް ދިއުމާ ގުޅޭ ވާހަކައެވެ. ގިނަފަހަރަށް ފަލަސްތީންގެ ހަގީގީ މައްސަލައަށް ހައްލު ހޯދައިދޭ ފޮމިއުލާ; ފަލަސްތީންގެ މިނިވަން ކަމުގެ ވާހަކަ ކުޑަވެ, އަދި ވަޒަނުން ފަހާލެވިފައިވާ ބިމުގެ އަހުލުވެރިން އަލުން އަނބުރާ ފަލަސްތީނަށް އައުމުގެ ވާހަކައެއް ނުހިމެނެއެވެ.

 

ހަމަލާތައް ހުއްޓާލަން ގޮވާލުމުގެ އިތުރަށް ހަޤީގީ މަޤްޞަދަށް ދީލާލުން މުޙިއްމު

ފަލަސްޠީނުގެ މައްސަލައަށް އޮތް ހަޤީޤީ އަދި ދާއިމީ ހައްލަކީ ފަލަސްޠީނުގެ މިނިވަންކަމެވެ. އެހެންކަމުން ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ފަލަސްޠީނުގެ ހައްޤުގާ ބާއްވާ މުޒާހަރާތަކުގައި ހަމައެކަނި ހަމަލާތައް ހުއްޓާލުމަށް ގޮވާލުމުގެ ބަދަލުގައި ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ވަކާލާތުގެ އަޑު ގަދަވާންޖެހެއެވެ.  

އިޒްރާއިލްގެ ވަކިތަކުގެ ދަށުގައި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުގައި އެންމެ އާދައިގެ އިންސާނީ ޙައްގުތަކުން މަހްރޫމްވެގެން ދިރިއުޅޭތާ ގަރުނެއްވާން ކައިރިވީއެވެ. މި މުއްދަތުގެ ތެރޭގައި އަވައްޓެރި އަރަބި އިސްލާމީ ޤައުމުތަކާއި އެމެރިކާގެ އިސްނެގުމުގެ ދަށުންވެސް އެކި ފަހަރުމަތިން ފަލަސްޠީނުގެ ޙައްގުތައް ހިމާޔަތްކުރުމަށާއި, މެދުއިރުމަތީގެ ސުލްޙައަށް ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ. 

ވަކިން ޙާއްސަގޮތެއްގައި މި މަސައްކަތްތަކުގެ މިސްރާބު ބޮޑަށް ހުރީ އިސްތިޢުމާރީ ބާރަކާ އަޅުވެތިކަމާ ދެމެދުގެ ކަމަކަށްވުރެ ޙައްގުގެ ގޮތުން އެއްވަރު ދެބައެއް ސުލްޙަކުރަން ކުރެވުނު ކަމެއްގެ ގޮތުގައެވެ. އެހެންކަމުން ފަލަސްޠީނުން ތަޙައްމަލް ކުރަމުންދާ ހިޞޯރުކޮށްފައި އޮތް އޮތުމުގެ ހަޤީގަތާ ޚިލާފް ތަސައްވުރެއް ވަނީ ދުނިޔެއަށް ކުރެހިފައެވެ.

މި ތަސައްވުރު ބަދަލުކުރުމުގެ ގޮތުން އދ ގެ ޗާޓަރާއި ބައިނަލްއަގުވާމީ ޤާނޫނުތަކުން ލިބިދޭ ބާރުގެ ދަށުން އަޅުވެތިކަމުން ދޫކޮށްލުންމަށާއި, މިނިވަން ފަލަސްޠީނެއް ޤާއިމްކުރުމަށް ގޮވާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެ ޤާނޫނުތަކުގެ ދަށުން އަޅުވެތިކަމުން މިނިވަންކުރުމަށް ގޮވާލާ ގޮވާލުމުގެ ޤާނޫނީ ބާރު އަދި ޤާނޫނީ ހަމަ ދުނިޔެއަށް ވިސްނައިދިނުމަކީ މި ގޮވާލުމުގެ އަޑު މެދުނުކެނޑި ތަކުރާރު ކުރުމަށް ލިބޭނެ ފުރުޞަތެކެވެ.

މީގެ ނަތީޖާއަކީ ފަލަސްޠީންގެ ރައްޔިތުން އިޤްތިޞާދީގޮތުން އުފުލަމުންދާ ބުރަ އާއި ސިޔާސީ ގޮތުން އެކަހެރިކޮށްފައިވާވުމާއި, އަޅުވެތިކަމުގައި އެމީހުންގެ ކެކުޅުން ދުނިޔެއަށް ހާމަވެ, އެމީހުންނަށް އިންސާފު ލިބުމަށް މަގުފަހިވުމެވެ. 

ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ފަލަސްތީނުގެ ބިމުގައި އިޒްރާއިލް ދެމިއޮތްހާ ހިނދަކު ފަލަސްތީނަށް މިނިވަންކަން އޭގެ ހަޤީޤީ މާނައިގައި ނުލިބޭނެ ކަމެވެ. ނަމަވެސް އިޒްރާއިލްގެ ވަކިތަކުން ސަލާމަތްވެ މިނިވަން ފަލަސްތީނެއް ޤާއިމްކުރެވުމުން މިހާރު މިދެކޭފަދަ ޤަތުލްއާންމުތައް ހިނގުމުގެ ފުރުޞަތު ހަނިވާނެއެވެ.

މިއީ އަހަރެމެން އެންމެންގެ ހަނގުރާމައެކެވެ. އަނިޔާވެރިކަމާ ބޭއިންސާފާ ދެކޮޅަށް ކުރެވޭ ހަނގުރާމައެކެވެ. އަޅުވެތިކަމާ ދެކޮޅަށް އިއްވާ އެންމެ ވަރުގަދަ, އެހެނަސް ނަތީޖާ އެންމެ ލަސް ވަކާލާތެވެ.

ޤައުމުތަކުގެ, ޙާއްސަކޮށް އަހަރެމެން މުސްލިމުން މިހެން ހަމަ ތިއްބާ, ޔޫރަޕްގެ ގަޤުމުތަކުގެ ޔުނިވަރސިޓީ ދަރިވަރުން އެދައްކަނީ ހަޤީގަތުގައި ވަރަށް ރަނގަޅު މިސާލެކެވެ. ޖެންޒީ އޭ މިކިޔާ ޖީލުގެ ޒުވާނުންގެ އިސްނެގުން މިވަކާލާތު ޙަޤީގަތަކަށް ގެނެސްދިނުން ގާތެވެ.

އެމީހުން އެފެށީ އެމީހުންގެ ބާރުވެރިކަން ފޯރުވޭ ހިސާބުން ވަރަށް ފަރުވާތެރިވެއެވެ. ނަތީޖާ ނެރެމެން ކުރިއަށް ދަނީ ވިސްނުންތެރިކަމާއެކުއެވެ. ހުޅަނގާއި އެމެރިކާގެ ޕްރޮޕެގެންޑާއަށް ދީލާލާވަރަށް ވުރެ އެމީހުންގެ އަޒުމް ވަރުގަދައެވެ. ކަމާގުޅޭގޮތުން އެމީހުންގެ މަޢުލޫމާތު މުއްސަންޖެވެ.

ތާރީޚާއި ހަޤީގަތް އަބަދު އޮޅުވާލާ, ޖީލުތައް އަނދިރި ކަމުގެ ތެރޭގައި ބޭއްވި ބޭއްވުން މާޒީވެގެން ގޮއްސިކަން އެމީހުން ދަނީ ދުނިޔޭގެ ލީޑަރުންނަށް ހާމަކޮށްދެމުންނެވެ. ސަރުކާރުތަކަށް އެމީހުންދަނީ އެމީހުންގެ ޕްރޮޕެގެންޑާގެ ބޭނުމަށް ރައްޔިތުންގެ ޒަމީރުގެ ރުހުން އެމީހުންނަށް އެނގުމަކާ ނުލާ ބޭނުން ނުކުރެވޭނެކަން ދައްކައިދެމުންނެވެ.

އެމެރިކާ އާއި ޔޫރަޕްގެ ޔުނިވަރސިޓި ތަކުގެ ދަރިވަރުން ފާއިތުވި ދުވަސްތަކުގައި ކުރި މުޒާހަރާ ތަކަކީ ފަލަސްތީނުގެ ހައްޤުގައި މި ފަހުން ބޭނުންކުރަމުންދާ އެންމެ ވަރުގަދަ ހަތިޔާރެވެ. އެމީހުންގެ ހަމައެކަނި ގޮވާލުމަކީ ހަމަލާތައް ހުއްޓާލުމާ އިޒްރާއިލް އަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓުވުމެއް ނޫނެވެ. އެއީ އަޅުވެތި ކަމާދެކޮޅަށް ރާވާލެވިފައިވާ އޮނިގަނޑެކެވެ. އިޒްރާއިލްގެ ޔުނިވަރސިޓީ ތަކަށް ފަންޑުކުރުން ހުއްޓާލުމާއި, އިޒްރާއިލްއަށް ސަޕޯޓް ކުރާ ކުންފުނިތަކަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް އެކުލަވާލާފައިވާ އޮނިގަނޑެކެވެ. މިއީ އާ ފެށުމެކެވެ.

ދަރިވަރުންގެ މިހިތްވަރު އެމީހުންގެ ޕްރޮފެސަރުންނާއި މުޖުތަމުއަށް އެކަށީގެންވާ ގޮތެއްގައި ދަނީ ބާރު ފޯރުވަމުންނެވެ. ޢިލްމީގޮތުން ބަސްވިކޭ ފެންވަރުގެ ގިނަ ބޭފުޅުން މިހާރު މިހަރަކާތްތަކަށް ވާގިވެރިވާން ފަށައިފިއެވެ. ޙާއްސަކޮށް ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ވަކާލާތު ދެމެހެއްޓުމަށް އެމީހުން އަތުގުޅާލައިފިއެވެ.

 

އާންމު މީހާއަށް ކުރެވޭނީ ކޮންކަމެއް!

މި އާ ޖީލުގެ ކިބައިން ހިތްވަރު ހޯދައިގެން އަހަމެރެމެން އެންމެންވެސް އަހަރެމެންގެ ފެންވަރުން ކަންކަން ކުރަންވީއެވެ. އިންސާނިއްޔަތަށްޓަކައެވެ. އުއްމަތާއި ދީނަށްޓަކައެވެ.

އެންމެ ފުރަތަމަ އަދި އެންމެ މުޙިއްމު ކަމަކީ, އަދި މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީވެސް ދުޢާއެވެ. ތިބާގެ ދުޢާގައި ހަމައެކަނި އެމީހުން ޝާމިލްކޮށްދޭންވީ އެއްނޫނެވެ. ދެއަތް އުފުލާ ކޮންމެ ނަމާދަކަށްފަހު އެމީހުންނަށްޓަކައި ދުޢާ ކޮށްދޭންވީއެވެ. ތިބާގެ އަމިއްލަ ނަފްޞަށާއި ޢާއިލާއަށް ދުޢާކުރާ ފަދައިންނެވެ. 

ދެވަނަ ކަމަކީ އިޒްރާއިލްއަށް ވާގިވެރިވާ ވިޔަފާރިތަކާއި ޕްރޮޑަކްޓްތައް ބޭނުން ކުރުމުން މަނާވެ ގަންނަންވީއެވެ. ރާއްޖޭގައި ނަމަ މިކަން ކުރާނެ ފުރުޞަތުތައް މަދެވެ. ނަމަވެސް އެޕްރޮޑަކްޓެއްގައި ޤަތުލްޢާންމުގެ ލޭ ހޭކިފައިވާކަމަށް ތިމާއަށް މަޢުލޫމާތު ލިބިފައިވާ އެންމެހާ ތަކެއްޗާ ދުރުވާށެވެ.

ކޯކު ފުޅިއެއް ނުބޮވި ހުންނަންޖެހިގެން ތިބާ މަރެއްނުވާނެއެވެ. ނަމަވެސް އެ ކޯކުފުޅިން މައި ކުންފުންޏަށް ލިބޭ ފައިދާއިން އިޒްރާއިލްއަށް އެޅޭބައިން ގަނެފައިވާ ބޮމުން ފަލަސްޠީނުގެ ޞިދްރާގެ ހަށިގަނޑު ފާރެއްގައި އެލުވިފައި އޮށްވާ އަހަރެން ދުށީމެވެ.

އެހީއަށްއެދި ޙިންދު ރަޖްބު ކުރި ފޯން ކޯލް އަހަރެންގެ ކަންފަތުގައި ގުގުމާލަ ގުގުމާލަ އެބަހުއްޓެވެ. ލޭގެ ކޯރުދެމޭ މަގުމަތީގައި މަންމަގެ ހަށިގަނޑުގެ ބައިތައް ބިމުން ހޮވާ އެއްކުރަންއޮތް ކުޑަ ފިރިހެން ކުއްޖާގެ އަޑު އަހަރެންގެ ސިނކުޑީގައި ހުއްޓުމެއްނެތި ހަރުލާފައި އެބައިނެވެ. މިއީ ތިބާގެ ދަރިފުޅޭ ބުނެ 35 ކިލޯގެ ވީދިފައިވާ ހަށިގަނޑުގެ ބައިތައް އަޅާފައި ދިއްކޮށްލި ކޮތަޅު ލޯ ކުރިމަތީގައި އެނބުރެނީއެވެ. 

ތިންވަނަ ކަމަކީ ތިބާގެ މުދަލުން އެމީހުންނަށް ހޭދަކުރުމެވެ. އިޒްރާއިލް އިން ފަލަސްޠީނުގައި ޤަތުލްޢާންމެއް ހިންގާ ބައިލައްކަ މީހުން މަރާލައިފިއޭ, އދ ކޮބާހޭ ބުނަން ތިބާއަށް ވަރަށް ފަސޭހައެވެ. ނަމަވެސް ހަޤީގަތަކީ މިހާރުވެސް ފަލަސްޠީނަށް ކިރިޔާވެސް އެހީއެއް އެތެރެކުރެވެނީ އދ މެދުވެރިކޮށް ކަމެވެ.

ޕޯލިއޯ އަށް ވެކްސިން ދިނުމުގައި ފުރާނައަށް ބެލުމެއްނެތި އެޖަމާޢަތުން ދަނީ ހަނގުރާމައިގައި ހަފުސްވެފައިވާ ފަލަސްޠީނުގެ ގާތަކުގެތެރޭގައި ޓެންޓުތައް ޖަހައިގެން ޙަރަކާތްތެރިވަމުންނެވެ. 10 އަހަރުން ދަށުގެ 640,000 ކުދިންގެ ތެރެއިން 355,000 ކުދިންނަށް 6 ދުވަހުގެ ތެރޭގައި ވެކްސިން ދީފިއެވެ. 

ސިއްހީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދެނީ އދ ގެ ރިލީފް ވަރކްސް ފޯ ޕެލަސްޠީނިއަން ރެފިއުޖީސް (އުންރްވާ) އިންނެވެ. ހުއްޓުމެއްނެތި ހަމަލާ ދޭތާ 11 މަސްވެފައިވާއިރު އދ ގެ 190 އަށްވުރެ ގިނަ ސްޓާފުން ޣައްޒާގައި ވަނީ މަރާލާފައެވެ. ތިބާގެ އާއިލާ މީހަކު އޭގެ ތެރޭގައި ނުވެއެވެ. އެ މަރުގެ ވޭން ތިބާ އިޙްސާސް ނުކުރަމު އެވެ. ހުދު ތިބާއަށް އެކަމެއް ނުވެސް އެނގޭމެއެވެ. އެހެންވީމާ އދ ކޮބާހޭ ކުރާ ސުވާލު ހުއްޓާލުމަށްފަހު އެމީހުން މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭތޯ ބަލަންވީއެވެ.

އދ ގެ ވަރލްޑް ފުޑް ޕްރޮގްރާމްގެ ދަށުން 'ޝެއަރ ދަ މީލް' އެޕްލިކޭޝަން އިން 1 ޑޮލަރަށްވުރެ ކުޑަކޮށް އެއްއިރުގެ ކެއުމެއް ފަލަސްތީންގެ ރައްޔިތަކަށް ފޯރުކޮށްދިނުމުގެ ފުރުޞަތު ތިބާއަށްވެސް އެބަ އޮތެވެ. ދަތި އުނދަގޫ ޙާލަތުގައިވެސް މި ޕްރޮގްރާމްގެ ދަށުން ޣައްޒާއަށް ކާތަކެތި ފޯރުކޮށްދޭކަމަށް ޣައްޒާގައި ޙަރަކާތްތެރިވާ ނޫސްވެރިން ކަށަވަރުކޮށްދެއެވެ. ޞަދަޤާތަކީ ތިބާއާއި ތިބާގެ ރައްބު އާ ދެމެދު ކުރެވޭ މުޢާމަލާތެކެވެ. 

ފަހު ކަމެއްގެގޮތުގައި, ނަމަވެސް ހުއްޓާނުލާ ކުރިއަށް ދާންވީ ކަމަކީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ކުރާ ވަކާލާތެވެ. އެމީހުން މިނިވަން ވާންދެނެވެ. 76 އަހަރު ވަންދެން އެމީހުންގެ އެ ކެކުޅުން ދުނިޔެއަށް މާބޮޑަށް ހާމަނުވެ ދިޔަކަމުގައި ވިއަސް މިއަދު ފަލަސްޠީނުގެ ހިތްވަރުގަދަ ނޫސްވެރިން އެޙަޤީގަތް ދުނިޔެއަށް ހާމަކޮށްދީފިއެވެ.

ދެން އޮތީ އަހަރެމެންގެ އެހީ އެވެ. އެމީހުން އެދެނީ ހިތަށް އުނދަގޫވިއަސް އަދި މަންޒަރު ބަލަންދަތިވިއަސް އެމަންޒަރުތައް ދައުރުކުރުމަށެވެ. އެމީހުން އެވޭން އުފާލައިރު އަހަރެމެންނަށް އެ މަންޒަރު ބަލަން ކެތްވާންވެސް ޖެހޭނެއެވެ. މިއީ އެމީހުންނަށްޓަކައި އަހަރެމެންނަށް ކުރެވޭނެ ވަރަށްކުޑަ, ނަމަވެސް މީގެ އާޚިރު ނަތީޖާ ބޮޑުވާނެ ކަމެކެވެ. ފަލަސްޠީނުގެ ވާހަކަ ދެއްކުން ހުއްޓާނުލާށެވެ.

މީގެ އިތުރުން އެބައެއްގެ ސަރުކާރަށްވެސް ޑިމާންޑު ކުރަންވީއެވެ. މިއީ ސިޔާސީ ކަމެއްނޫނެވެ. މިއީ އިންސާނީ އަސާސީ ޙައްގުތަކާ ގުޅޭ ސީރިއަސް މައްސަލައެކެވެ. ޙައްގުގެ މަގުގައި އުއްމަތުގެ ދިފާއުގައި ކުރަންޖެހޭ ޖިހާދެކެވެ. ހަނުހުރުމަކީ ޚިޔާނާތެކެވެ. އުއްމަތުގެ އެއްބަޔަކު އިންތިހާ ވޭނުގައި އެމީހުންގެ މުޅި ޙަޔާތް ހޭދަކުރާއިރު, ތިބާ އެމީހުންނަށްޓަކައި ކޮށްދިނީ ކޮންކަމެއްތޯ ސުވާލުކުރެވޭ ދުވަހެއް އަންނާނެއެވެ. ފަލަސްޠީނުގެ ރައްޔިތުން ޤަތުލްކޮށްފައި އިޒްރާއިލްގެ ސަޙްޔޫނީން މިރާއްޖެ އައިސް އެއްވެސް ޙައްޤެއްނެތި އެމީހުން މެރި 17000 ކުޑަކުދިންގެ ލެއިން މި ދިވެހިރާއްޖޭގެ ގޮނޑުތައްތައް ކަޅިކުރަން ތިބާ ނުރުހޭނަމަ ޙައްޤުބަސް ބުނުމުގައި ޖެހިލުން ނުވާށެވެ. 

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow