
ބާސެލޯނާގެ ކުރީގެ ތަރި, ކްރޮއޭޝިއާގެ އިވާން ރަކިޓިޗް ފުޓްބޯޅައިން ރިޓަޔާ ކޮށްފި
މެދުތެރެއަށްކުޅޭ ބާސެލޯނާގެ ކުރީގެ ތަރި, ކްރޮއޭޝިއާގެ އިވާން ރަކިޓިޗް ފުޓްބޯޅައިން ރިޓަޔާކުރިކަން މިއަދު އިއުލާންކޮށްފިއެވެ.
ސައުދީ ޕްރޯލީގުގެ ކްލަބް, އަަލް-ޝަބާބަށް ކުޑަދުވަސްކޮޅަކު ކުުޅުމަށްފަހު ރިޓަޔާކުރުމުގެ ކުރިން އޭނާ އެންމެ ފަހުން ކުޅުނީ ކްރޮއޭޝިއާގެ ކްލަބެއްކަމަށްވާ ހަޑްޖުކް ސްޕްލިޓް ބެކްއަށެވެ.
"އަހަންނަށް ހިޔާލަށްވެސް ނުގެނެވޭވަރަށްވުރެ ގިނަ އެއްޗެހި ފުޓްބޯޅަ އަހަންނަަށް ދީފި. އަހަންނަށް ކާމިޔާބާއި ނާކާމިޔާބީ ދިން. އެތައް ފިލާވަޅާކާއި މުޅި އުމުރަށް ރަޙްމަތްތެރިން ދީފި. އާދަޔާހިލާފު މަގަކާއި އެތައްހާސް ވާހަކަތަކެއް ދީފި. ލޯބި އާއިލާއަކާ, މުޅިއުމުރަަށް ރައްކާކުރާނެ އެހާމެ ރީތީ ހަނދާންތަކެއް ދީފި" ފުޓްބޯޅައިގެ ބޫޓް ދޫކޮށްލަމުން މީސްމީޑިއާއަށް ދޫކޮށްލި ޕޯސްޓްގައި ރަކިޓިޗް ބުނެފައި ވެއެވެ.
ރަކިޓިޗް އިތުރަށް ބުނީ މިއީ އެހެން ގޮތަކުން ފުޓްބޯޅައިގެ އުފާ ހާސިލްކުރަންވީ ވަގުތުކަމެވެ. ހަމަ އެޝައުގާއެކީ އަބަދުވެސް ޝުކުރުވެރި ހިތަކާއެކު ހަޔާތުގެ ކޮންމެތަނެއްގައި އެކުޅިވަރާ އެކުގައި ވުންކަމަށް އޭނާ ބުނެފައި ވާއިރު, ކުރިމަގާ ބެހޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ބާސެލޯނާއާއެކު އޭނާ ވަނީ ބޮޑު 13 ތައްޓެއް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ހަތަރު ލަލީގާ އާއި ހަތަރު ސްޕެނިޝް ކަޕްގެ އިތުރުން ޗެމްޕިއަންސްލީގުވެސް އެއްފަހަރު އުފުލާލާފައިވެއެވެ.
2019 ވަނަ އަހަރު ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔަރ ވުމުގެ ކުރިން އޭނާވަނީ ޤައުމީޓީމަށް 106 މެޗު ކުޅެދީފައެވެ. އޭނާއާއެކު 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލަށް ދަތުރުކޮށް އެފަހަރު ކްރޮއޭޝިއާ ބަލިވީ ފްރާންސް އަތުންނެވެ.
ރިއެކްޝަންސް






