
ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްފި
ސަސް ރެލިގޭޓް ކުރީ ތިންވަނަ ޑިވިޝަން އަށް
ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ ގަދަބާރު ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްފިއެވެ. ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކުރީ މިއަދު ބޭއްވި އެފްއޭއެމްގެ އެކްސްކޯ އިންނެވެ.
ކުރިންވެސް އަޑު ފެތުރުނު ގޮތަށް ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކުރީ ކުރިން ފުރަތަމަ ޑިވިޝަންގައި އޮތް ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) އަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރެވެން ނެތްކަން އެންގުމުން އެކްލަބްގެ ޖާގައަށެވެ. ސަސް ފުރަތަމަ ޑިވިޝަންގައި ވާދަކުރެވެން ނެތްކަމަށް އެންގީ މާލީހާލަތުގެ ސަބަބުން ކަމަށް ބުނެއެވެ. އެކަމަކު ނިއުރޭޑިއަންޓާއި ސަސްގެ އެއްބަސްވުމެއްގެ ދަށުން މިފަދަ ނިންމުމެއް ނިންމާކަމުގެ އަޑު މާކުރިން ވަނީ ފެތުރިފައެވެ.
ނިއުރޭޑިއަންޓަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ދިނީ ދެވަނަ ޑިވިޝަންގެ ތިންވަނަ ޓީމްގެ ގޮތުގައެވެ. ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި ރަނަރަޕް އޮތީ ފުރަތަމަ ޑިވިޝަންގައެވެ. ނިއުރޭޑިއަންޓް ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައެއްގައި ބައްސާމް އަދީލް ޖަލީލްގެ ދައުރުގައެވެ. އެކަމަކު ނިއު ރެލިގޭޓް ކުރީ ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެކަން ކުރިއަށް ގެންދަން މަސައްކަތް ކުރުމުންކަމަށް ބާރުލިބޭ ކަންކަން ހިނގިއެވެ. ނިއުއިންވެސް ތުހުމަތު ކުރަނީ އެގޮތަށެވެ.
ފާއިތުވި ދެ އަހަރު ދެވަނަ ޑިވިޝަން ކުޅެ ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދަން ނިއުރޭޑިއަންޓް ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.
ނިއުރޭޑިއަންޓަށް ފުރަތަމަ ޑިވިޝަނުން ޖާގަ ދިނީ ފުރަތަމަ ޑިވިޝަންގައި 10 ޓީމް އޮނަން ޖެހޭނެ ކަމަށް ގަވާއިދު ބުނާތީ, އެއަދަދު ހަމަކުރުމަށެވެ.
ސަސް ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ތިންވަނަ ޑިވިޝަނަށް ވަނީ ރެލިގޭޓް ކޮށްފައެވެ.
ރިއެކްޝަންސް






