ހަގީގީ ޙާދިސާ: ދިވެހި ފިރިހެނަކު ތަޙައްމަލުކުރި ގެވެށިއަނިޔާ!
ފޮޓޯ: ސޯޝަލް މީޑިއާ

ހަގީގީ ޙާދިސާ: ދިވެހި ފިރިހެނަކު ތަޙައްމަލުކުރި ގެވެށިއަނިޔާ!

"ކަލެއަކަށް މަ ވަރިކުރާކަށް ވެސް ނުކެރޭނެއެވެ. ކެރެންޏާ ނިކަން ވަރިކޮށްބަލާށެވެ!" އަޙްމަދަކީ އާޝިޔާ އާއި އާޝިޔާގެ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާ މީހަކަށްވާތީ، އާޝިޔާ ވަރިކުރާކަށް އަޙްމަދު ބޭނުމެއްނުވެއެވެ.

6 months ago - 07:50
Jan 16, 2024 - 00:27

ރައްޓެއްސަކު ފޭސްބުކްގައި ޖަހާފައިވާ ޕޯސްޓެއް ފެނިގެން އޭނާއަށް ގުޅާލީމެވެ. އެ ޕޯސްޓުގައި ވަނީ ފިރިހެނުންނަށް ވެސް ގެވެށިއަނިޔާ ލިބޭވާހަކައެވެ. އެކަމަކު ފިރިހެނުންނަށް ލިބޭ ގެވެށިއަނިޔާގެ ވާހަކަ އެއްވެސް ބަޔަކު ދައްކާކަށް ބޭނުމެއް ނޫނެވެ. އެވާހަކަތައް ދައްކާނެ ސަރުކާރުގެ މުޢައްސަސާއެއް ނެތެވެ. ފިރިހެނުންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭނެ މަދަނީ ޖަމްޢިއްޔާތަކެއް ނެތެވެ. ފިރިހެނުންނަށް ލިބޭ ގެވެށިއަނިޔާ ހުއްޓުވާނެ ޤާނޫނެއް، ތަންފީޒީ އިދާރާއެއް ނެތެވެ. ފިރިހެނުންގެ ޝަކުވާތައް ހުށަހެޅުމަށް ޓަކިޖަހާނެ ދޮރެއް، ވަންނާނެ ދޮރޯއްޓެއް މި ދިވެހި ފަސްގަނޑަކު ނެތެވެ.

ފިރިހެނުންނަށް ގެވެށިއަނިޔާ ލިބޭކަމާއި ގެވެށިއަނިޔާގެ ޝިކާރައަކަށް ވެފައިވާ އެތައްހާސް ފިރިހެނުންނެއް މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް އެބަތިއްބެވެ. އަޅުގަނޑުގެ މި ސިލްސިލާ ލިޔުމުގައި ދިވެހި ފިރިހެނުންނަށް ލިބިފައިވާ ގެވެށިއަނިޔާގެ ތަފާތު ޙާދިސާތައް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ. ތިރީގައިމިވަނީ ދިވެހި ފިރިހެނަކު ތަޙައްމަލުކޮށްފައިވާ ގެވެށި އަނިޔާގެ ޙާދިސާއެކެވެ.

އަޙްމަދު (އަސްލުނަމެއްނޫން) އާޝިޔާ (އަސްލުނަމެއްނޫން) އާއި ކައިވެނިކުރީ އުފާވެރި ދިރިއުޅުމެއް ވޭތުކުރުމުގެ ނިޔަތުގައެވެ. ކައިވެނީގެ ކުރިން އާޝިޔާގެ ޝަރުޠަކަށްވީ އޭނާގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅުގެ ބައްޕައާއި (ދަރިފުޅުގެ ކަންކަމުގައި) ގުޅުންބޭއްވުން މަނާ ނުކުރުމެވެ. އެކަމަށް އަޙްމަދު ވެސް އެއްބަސްވިއެވެ. ގާތްގަނޑަކަށް ސާދަ ވަރަކަށް މަސްދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު އަޙްމަދު އާއި އާޝިޔާ އާއި ކައިވެނިކުރިއެވެ. ކައިވެނިކުރީ އުފާވެރި ދިރިއުޅުމެއް ވޭތުކުރެވޭނެ ކަމުގެ އުންމީދުގައެވެ.

އާޝިޔާ ބުނިފަދައިން، އާޝިޔާ އޭނާގެ ކުރީގެ ފިރިމީހާ އާއި ފޯނުންގުޅައި ވާހަކަތައް ދައްކަމުން ދެއެވެ. މެސެޖްވެސް ކުރެއެވެ. އަޙްމަދު ގޭގައިއުޅޭ ގަޑިތަކުގައި ވެސް ވަރަށްގިނައިން އާޝިޔާގެ ކުރީގެ ފިރިމީހާ ގުޅައި، މެސެޖްކޮށް ހަދައެވެ. އަޙަމަދު ގޭގައިނޫޅޭ ވަގުތުތަކުގެ ތެރެއިން ގިނަ ވަގުތު އާޝިޔާ އުޅެނީ އޭނާގެ ކުރީގެ ފިރިމީހާއާ ވާހަކަދެއްކުމުގައެވެ. މުޅިންވެސް ދައްކަނީ ދަރިފުޅުގެ ވާހަކަޔޯލައެވެ. އާޝިޔާ އޭނާގެ ކުރީގެ ފިރިމީހާ އާއި ދައްކާ ބައެއްވާހަކަތައް އަޙްމަދު އާއި ޙިއްސާވެސް ކުރެއެވެ. މަސްލަޙަތަށް ޓަކައި ކަމަށްބުނެ ޙިއްސާނުކުރާ ވާހަކަތަކެއް ވެސް ހުރެއެވެ.

ދަރިފުޅު އޭނާގެ ބައްޕައާ ބައްދަލުކުރުވަން، އާޝިޔާދަނީ އަޙްމަދު ނުލައެވެ. އެ ބައްދަލުވުންތަކަށް ދިއުން އަޙްމަދަށް އޮންނަނީ މަނާކޮށްފައެވެ. މިކަންކަމާ އަޙްމަދު އާޝިޔާ އާއި އެތައްފަހަރަކު ވާހަކަދައްކައިގެން މި މައްސަލަ ޙައްލުކުރެވޭތޯ ބެލިއެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް ވާހަކަދައްކަން ފަށާއިރަށް އާޝިޔާ އަންނަނީ ރުޅިއެވެ. އާޚިރުގައި އާޝިޔާގެ ހިތަށް އައިހާއެއްޗެއް އަޙްމަދާ ދިމާލަށް ގޮވާލައެވެ. އާޝިޔާ ގެއިންނުކުމެގެން ދާންވީމަ ހިތަށްއެރި އެއްޗެއް ބުނެލާފައި ދަނީއެވެ. ގެއަށް އަންނަނީ އާޝިޔާ ބޭނުންވާއިރަކު ބޭރުގައި އުޅެފައެވެ. ބައެއްދުވަސްދުވަހު މެންދުރުން އަނބުރާ 2:00 ގައި ގެއިން ނުކުމެގެންދާ މީހާ ގެއަށް އަންނަނީ ރޭގަނޑު ދިހައެއް އެގާރަ ޖަހާ ފަހުންނެވެ. މިގޮތަށް ދިމާވާ ގިނަފަހަރުތަކުގައި އާޝިޔާއަށް އަޙްމަދު އެތައްފަހަރަކު ގުޅުމުންވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ. ބައެއް ފަހަރު ފޯނު ނެގިޔަސް ގިއްކިޔާފަ ބަވާއަޅާލާފައި ކަންފަތްމައްޗަށް ފޯނު ޖަހަނީއެވެ. މިއީ ކޮންމެ ހަފްތާއަކުހެން ދެފަހަރަށް ނުވަތަ ތިންފަހަރަށް އަޙްމަދު ތަޖުރިބާކުރަން ޖެހިފައިވާ ކަމެކެވެ. މިކަމުގައި އަހްމަދުފަކީރަށް އޮތީ ލޯބީގެ އަވައިގާ އާވާރާވެގެން ރޮއިލަ ރޮއިލާ ގޭގައި އޮތުމެވެ. ނުވަތަ އާޝިޔާގެ މި ޢަމަލުތަކަށް ކެތްތެރިވެގެން ކުޅިބަލަން ހުރުމެވެ. ކުރި އާދޭހަކުން ދެއްކި ވާހަކައަކުން ވީ ފައިދާއެއް ނެތެވެ. އެހެނަސް އާޝިޔާގެ ކަންކަން އިތުރަށްވީ ގޯހެވެ. އާޝިޔާބުނާ ގޮތުންނަމަ އޭނާ ހުރިހާކަމެއްވެސް މިކުރަނީ ދަރިފުޅުގެ ޙައްޤުގައެވެ. އަނެއްކޮޅުން އަޙްމަދު ކެތްތެރިކަމާއެކު ވަރިއާހަމައަށް ނުގޮސް މިހުންނަނީ އޭނާގެ ދޮންދަރިއަށް ދެރައެއް ލިބެން ބޭނުންނުވާތީއެވެ.

ކައިވެނީގެ ފުރަތަމަ އަހަރު އާޝިޔާގެ މައިގަނޑު ވަޒީފާއަކީ އޭނާގެ ފޯނަށް އަންނަ ކޯލުތަކަށާއި މެސެޖްތަކަށް ޖަވާބުދާރީވުމެވެ. އާޝިޔާގެ ފޯނު ކިތަންމެ ބިޒީވިއަސް، އާޝިޔާގެ ފޯނު ބެލުމަކީ އަޙްމަދަށް މުޅިން މަނާކަމެކެވެ. ފޯނުގައި އަތްނުލާން އޮންނަނީ ގަދައަމުރުން އަމުރުން ކޮށްފައެވެ. ފޯނުކޯލާކާ ބެހޭގޮތުން ނުވަތަ އާޝިޔާގެ ފޯނަށް އަންނަ މެސެޖަކާ ބެހޭގޮތުން ސުވާލެއް ކޮށްލިޔަސް ރަތްމަހަށް ނުގޮވާއެއްޗެހި އާޝިޔާ އަޙްމަދަށް ގޮވާލައެވެ. އެހެންނަމަވެސް އާޝިޔާ ބޭނުންވާ ކޮންމެ ވަގުތަކު އަޙްމަދުގެ ފޯނަށް އެކްސެސް ވެވެންޖެހެއެވެ. އަޙްމަދުގެ ފޯނުން އާޝިޔާ ބަލަންބޭނުންވާ ހުރިހާއެއްޗެއް ބަލައެވެ. އަދި އާޝިޔާކުރާ ހުރިހާ ސުވާލުތަކަކަށް އަޙްމަދު ޖަވާބުދާރީވެސް ވާންޖެހެއެވެ.

މިގޮތުގައި އާޝިޔާ އޭނާގެ ކުރީގެ ފިރިމީހާ އާއި ފޯނުކޮށްގެންނާއި މެސެޖުން ވާހަކަދެއްކުމުގައި ދުވާލާއި ރޭގަނޑުގެ އެތައް ވަގުތެއް ހޭދަކުރާތާ ބަރާބަރު ދޮޅުއަހަރު ވޭތުވެއްޖެއެވެ. މާގިނައިން އާޝިޔާ އޭނާގެ ކުރީގެ ފިރިމީހާއާ ވާހަކަދައްކާތީ އެކަމާ އަޙްމަދު ހިތްހަމަ ނުޖެހިގެން އެތައްފަހަރަކު އެވާހަތައް ދައްކައިފިއެވެ. އަޙްމަދުގެ ހިތްހަމަނުޖެހިގެން އެއްޗެއް ބުނާ ކޮންމެފަހަރަކު އާޝިޔާގެ އެންމެ ފަހު ޖުމްލައަކަށްވަނީ ވަރިއަށް އެދުމެވެ. ތަކުރާރުކޮށް އެތައްފަހަރަކު ވަރިކުރަން ބުނުމެވެ. އަޙްމަދުގެ އަނގައިން ވަރީގެ ލަފްޒު ނުނިކުންނާތީ އާޝިޔާ ބުނެއެވެ. "ކަލެއަކަށް މަ ވަރިކުރާކަށް ވެސް ނުކެރޭނެއެވެ. ކެރެންޏާ ނިކަން ވަރިކޮށްބަލާށެވެ!" އަޙްމަދަކީ އާޝިޔާ އާއި އާޝިޔާގެ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާ މީހަކަށްވާތީ، އާޝިޔާ ވަރިކުރާކަށް އަޙްމަދު ބޭނުމެއްނުވެއެވެ. ދަރިފުޅާމެދު އަޙްމަދު ދެކެނީ އެއީ އޭނާގެ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެހެންވެ އާޝިޔާގެ މި ހުރިހާ ކަމަކަށް އަޙްމަދު ކެތްތެރިވެގެން ހުންނަނީއެވެ. އަޙްމަދުއާއި އާޝިޔާގެ ދިރިއުޅުން އަދިވެސް އޮތީ ހަމަ މިގޮތަށެވެ. މިއީ އެކެއްގެ ވާހަކައެވެ. މިކަހަލަ ކިތައް ހާދިސާ މި ދިވެހިރާއްޖޭގައި އެބަހިންގާތޯއެވެ. މިފަދައިން ވޭން ތަޙައްމަލުކުރާ ކިތައް ފިރިހެނުން ދިވެހިންގެ ތެރޭގައި އުޅޭތޯއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow