
އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރައްވައިފި
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ހެންވޭރު ހޯސްޓްސައިޑް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރައްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އުއްތަމަ ފަނޑިޔާރުކަމަށް، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުންނެވެ. މި ރަސްމިއްޔާތުގައި ޢަބްދުލްޣަނީ މުޙައްމަދަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ. އުއްތަމަ ފަނޑިޔާރުކަމުގެ ހުވައިކުރެއްވުމަށްފަހު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ 2000 ވަނަ އަހަރު އަލް-އަޒްހަރު ޔުނިވަރސިޓީން އެލް.އެލް.ބީ (އޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ފުރިހަމަކުރައްވައި، 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި މާސްޓަރސް އޮފް އިސްލާމިކް ޖުޑިޝިއަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި 2024 ވަނަ އަހަރު ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ ފުރިހަމަ ކުރައްވާފައެވެ. އަދި ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއިން އެ މަނިކުފާނު މިހާރު ގެންދަވަނީ ކިޔަވާ ވިދާޅުވަމުންނެވެ.
މި މަގާމާއި ޙަވާލުވެވަޑައިގަތުމާއި ހަމައަށް އެ މަނިކުފާނު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ. މީގެ އިތުރުން އިސްލާމިކް އުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސީނިއަރ ލެކްޗަރަރ ކަމާއި ވިލާ ކޮލެޖާއި ޒިކުރާ ކޮލެޖުގައި ގެންދެވީ ކިޔަވައިދެއްވަމުންނެވެ. އެ މަނިކުފާނުގެ ޚިދުމަތުގެ ދިގު ތާރީޚުގައި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި ސިވިލް ކޯޓުގެ ފަނޑިޔާރުކަމާއި ޖުޑިޝިއަލް ސާރވިސް ކޮމިޝަނުގެ މެންބަރުކަން ވަނީ އަދާކުރައްވާފައެވެ.
އުއްތަމަފަނޑިޔާރު ކަމުގެ މަގާމް ހުސްވީ އެމަގާމްގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާނު ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރެއްވުމުންނެވެ. އުއްތަމަ ފަނޑިޔާރުކަމަށް ހުޅުވާލެއްވުމުން ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. ނަމަވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވީ ޢަބްދުލްޣަނީ މުޙައްމަދު އެމަގާމަށް އައްޔަންކުރެއްވުމަށެވެ. ރައީސް މަޖިލިހަށް ފޮނުއްވީވެސ ޢަބްދުލްޣަނީގެ ނަންފުޅެވެ.
ރިއެކްޝަންސް






