މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލާއެކު ސަރުކާރުގެ މުހިންމު 4 ބިލެއްގެ ބަހުސް މާދަމާއަށް އެޖެންޑާކޮށްފި
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ހަތަރު ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް، މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބައްލަވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ މި ހަތަރު ބިލަކީ ގާނޫނީ އަދި އިޖުތިމާއީ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ބިލުތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ:
މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާ ބެހޭ ބިލު: ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދު ހުށަހެޅުއްވި ބިލު.
ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު: ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި ބިލު.
ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލު: ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި ބިލު.
ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު: ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހެޅުއްވި ބިލު.
މީގެ ތެރެއިން މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާ ބެހޭ ބިލަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި އިސްލާމީ ޝަރީއަތުގެ އަސްލުތަކުގެ އިތުރުން ބައިނަލްއަޤްވާމީ އުސޫލުތަކަށް ރިޢާޔަތްކޮށް، މަރުގެ އަދަބު ދިނުމާއި އެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރާނެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ހުށަހަޅާފައިވާ ބިލެކެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ބޭނުންކުރާނެ ހަމައެކަނި ގޮތަކީ ދަންޖެއްސުމެވެ. އަދި ދަންޖައްސައިގެން އަދަބު ތަންފީޒުކުރަން ވާނީ ކުށްވެރިޔާއަށް ވީހާވެސް ވޭން ކުޑަވާނެ، އަދި އަވަހަށް ފުރާނަ ދާނެ ފަދަ އިންސާނީ މިންގަނޑުތަކާ އެއްގޮތަށް، އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ އޮފިސަރުން މެދުވެރިކޮށެވެ.
އަދުލުއިންސާފު ގާއިމުކުރުމުގެ މަރުހަލާތަކަށް ބަލާއިރު، މި ބިލުގައި ވާގޮތުން މީހެއްގެ މައްޗަށް މަރުގެ އަދަބު ނިހާއީ ވާނީ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވުމަށްފަހު، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ހުކުމް ދެމެހެއްޓުމުންނެވެ. އަދި ދަށު ކޯޓަކުން މީހަކު މެރުމަށް ހުކުމް ކޮށްފިނަމަ، އެއްވެސް ފަރާތަކުން އިސްތިއުނާފު ނުކުރި ކަމުގައި ވިޔަސް، މަތީ މަރުހަލާގެ ކޯޓުތަކުން އޮޓޮމެޓިކުން އެ މައްސަލައެއް އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމަށް ވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން އިސްލާމީ ޝަރީއަތުގައި ޤިޞާޞް ހިފުމަށް ކަނޑައަޅާފައިވާ ހަމަތަކަށް ރިއާޔަތްކޮށް ބިލުގައި ބަޔާންކޮށްފައިވަނީ، ޤިޞާޞްގެ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ މަރުވި މީހާގެ 15 އަހަރު ފުރިފައިވާ ހުރިހާ ވާރިސުން ވެސް މަރުގެ އަދަބު ދިނުމަށް އިއްތިފާގުން އެއްބަސްވާނަމައެވެ. އަދި އަދަބު ތަންފީޒުކުރަން ފެށުމާ ހަމައަށް ވެސް، ވާރިސުންގެ ތެރެއިން އެކަކު ނަމަވެސް އެ ނިންމުން ބަދަލުކޮށް މައާފުދީފިނަމަ، މަރުގެ އަދަބު ބާތިލުވެ، އެހެން އަދަބެއް ކަނޑައެޅުމަށްޓަކައި އަލުން ފުރަތަމަ މަރުހަލާގެ ކޯޓަށް އެ މައްސަލަ ފޮނުވަން ޖެހޭނެ ކަމަށް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ރިއެކްޝަންސް

