ޝާހިދުގެ ބަންދު އިސްތިއުނާފު އަޑުއެހުން މިއަދަށް ތާވަލުކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދު މައްސަލައިގެ އިސްތިއުނާފު އަޑުއެހުން، މިއަދު މެންދުރުފަހު ހައިކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފިއެވެ.
ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، ދަށު ކޯޓުން ކަނޑައެޅި ބަންދުގެ އަމުރު ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތުން އެ ކޯޓަށް އިސްތިއުނާފީ މައްސަލަ ހުށަހަޅާފައިވަނީ މި ހިނގާ މަހުގެ 4 ވަނަ ދުވަހުއެވެ. މި މައްސަލަ ހުށަހެޅިތާ ހަފުތާއެއްހާ ދުވަސް ފަހުން މިއަދަށް ތާވަލުކޮށްފައިވީ ނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ޤާނޫނުގައިވާ ގޮތުގެ މަތިން އާންމުކޮށް ސިއްރުކޮށްގެން ހިންގާ ޝަރީއަތްތަކަކަށް ވާތީ، މި އަޑުއެހުމާ ގުޅޭ އިތުރު ތަފުސީލުތައް އަދި ހާމައެއް ނުވެއެވެ.
އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ފުލުހުން ތަހުގީގު ކުރަމުންދާ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށް، ދޫނިދޫ ބަންދުގެ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ މައްޗަށް ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.
މި ތުހުމަތުތަކާ ގުޅިގެން ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިއީ އޭނާގެ ޝަހުސިއްޔަތު ކަތިލައި ސިޔާސީ ގޮތުން އަގުވައްޓާލުމަށް ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ހަގީގަތާ ހިލާފު، ސާބިތު ނުހިފޭ މިފަދަ ވާހަކަތައް ނުފެތުރުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ރިއެކްޝަންސް





