އިންޑިއާ ސިފައިން ދިވެހި ކަނޑުގައި ފޭރެން ފެށީ؟

އިންޑިއާ ސިފައިން ދިވެހި ކަނޑުގައި ފޭރެން ފެށީ؟

އިންޑިއާ ސިފައިން ވަނީ ރާއްޖޭގެ މަސްދޯނިތަކަށް ހަތިޔާރާއެކު އަރައި ބިރު ދައްކާފަ. މިއީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާ ޚިލާފު އަމަލެއް.

7 months ago - 10:58
Feb 4, 2024 - 02:01
Advertisement

އިންޑިއާގެ އަސްކަރިޔާގެ ސިފައިން ދިވެހި މަސްދޯނިތަކަށް އަރާފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މަސްދޯނިތަކަށް މިދިޔަ ބުދަ ދުވަހު އިންޑިއާގެ އަސްކަރިއްޔާގެ ހަތިޔާރު އެޅި ސިފައިން އެރި މައްސަލައިގައި ދިވެހި ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އިންޑިއާ ސިފައިން އެ ދޯނިތަކަށް އަރާފައިވަނީ ރާއްޖޭގެ ކަމާގުޅުންހުރި އެއްވެސް އިދާރާއަކަށް އެންގުކަމާ ނުލާ ކަމަށެވެ.

ދިފާއީ ވުޒާރާއިން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގެ ތިން ދޯންޏަކަށް އަރައި ސުވާލުކޮށްފައިވާ މައްސަލައިގެ ތަފްސީލް ހޯދުމަށް ޚާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ.

ދިފާޢީ ވުޒާރާގެ ބަޔާނުގައި ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެ ސަރަހައްދަށް ވަދެ އދ.މަހިބަދޫ "އަސުރުމާ-3" ދޯނީގެ އިތުރުން އެހެން ދެ ދޯންޏަކަށް އަރާ ސުވާލުކޮށްފައިވާކަންވެސް މިހާތަނަށް ބެލިބެލުމުން ހާމަވެފައިވާކަމަށެވެ.

Advertisement

އެއީ މޮހޮރާ-3 އަދި ނިރު-7 ނަމަކަށް ކިޔާ ބޮޑުކަންނެލީގެ މަސްވެރިކަމުގައި އުޅޭ ދޯނިތަކެއްކަމަށްވެސް ބަޔާނުގައިވެއެވެ.

ދިފާޢީ ވުޒާރާގެ ބަޔާނުގައި ވިދާޅުވީ، "އަސުރުމާ-3" ދޯންޏަށް ބޭރުގެ އަސްކަރިއްޔާގެ ބަޔަކު އަރައިގެންއުޅޭކަމުގެ މަޢުލޫމާތު ދިފާޢީ ބާރަށް ލިބުމާއެކު ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅަށް ކޯސްޓް ގަރޑް އުޅަނދު އެ ސަރަޙައްދަށް ގޮސް މަސްވެރިންނާއި މަސްދޯނީގެ ސަލަމަތާއި ރައްކާތެރިކަން ކަށަރުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުންދިޔަ އިތުރު ދެ ދޯޏްނަށް އިންޑިއާ އަސްކަރިއްޔާއިން އެރިކަން އެނގިފައިވަނީ ކޯސްގަރޑް އެ ސަރަޙައްދަށް ދިއުމުންކަމަށްވެސް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.

އިންޑިއާ އަސްކަރިއްޔާއިން ހުއްދަނެތި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށްވަދެ ދިވެހި މަސްދޯނިތަކަށް ހަތިޔާރާއެކު އަރާފައިވާ މައްސަލައިގައި އާންމުން އަންނަނީ ނުރުހުންފާޅު ކުރަމުންނެވެ.

އެގޮތުން ސިޔާސީ ޕާޓީއެއްގެ ކުރީގެ ނައިބްރައީސް އަދި މިހާރު ސިޔާސީ ކަންކަމުން އެކަހެރިވެގެން ހުންނެވި ބޭފުޅަކު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ އިންޑިއާގެ އެއަމަލަކީ އިންޑިއާ ބޭނުންހާ ގޮތެއް ހެދުމަށް ދިވެހި ޚާރިޖީ ސިޔާސަތު ދީލާނުލާތީ ކުރަމުން އަންނަ ޖެއްސުމެއް ކަމަށެވެ.

މީގެ އިތުރުންވެސް މީސް މީޑިއާގައި ޚިޔާލު ފާޅު ކުރަމުން އަންނަ ފަރާތްތަކުން އަންނަނީ ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ބައިނަލްއަގުވާމީ ގާނޫނުތަކުން ރާއްޖެއަށް ލިބިދީފައިވާ ހިމާޔަތާއި ރައްކާތެރިކަމަށް އިންޑިއާ ސިފައިން އަރައިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން އިންޑިއާ އަސްކަރިއްޔާގެ އެ އަމަލަކީ ކަނޑުފޭރުން ކަމުގައިވެސް ބައެއް ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement