
ފައިނު އެއަރޕޯޓު އެޅުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި
ރ. ފައިނުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް އެމްއޭސީއެލް އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީން އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި، ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓު އަދި ޑިޒައިން މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް އެމްސީއެލްއިން މައުލޫމާތުދެއްވިއެވެ.
މި މަޝްރޫޢަކީ ރ. އަތޮޅުގެ ދަތުރުފަތުރާއި، ފަތުރުވެރިކަން އަދި މުޅި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތަށް ތަރައްޤީކުރުމަށް ނިންމާފައިވާ އެއަރޕޯޓެކެވެ.
ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފައިނަށް ވަޑައިގެން ވަނީ މި އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއަރޕޯޓު އެޅުމަށް ހުރަސްއެޅޭ ގޮތަށް ހުރި ފެނާއި ނަރުދަމާ ނިޒާމުގެ ބައިތައް ބަދަލުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ފައިނު އެއަރޕޯޓަކީ އެ ދާއިރާގެ ރައްޔިތުންނާއި، މުޅި އަތޮޅުގެ އިޤްތިޞާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އެއަރޕޯޓެއް ކަމަށް ސަރުކާރުން ވިދާޅުވިއެވެ. މި އެއަރޕޯޓާއެކު ގިނަ ވަޒީފާތައް އުފެދި، އެ ސަރަހައްދަށް ގިނަ ރިޒޯޓުތަކެއް އައުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ރިޔާސީ އިންތިހާބުގެ ތެރޭގައި ސަރުކާރުން ވިދާޅުވިއެވެ.
ރ. އަތޮޅުގައި މިވަގުތު އެއާޕޯޓެއް އޮންނަނީ ހަމައެކަނި އިފުރުގަ އެވެ. ނިމިދިޔަ ސަރުކާރުން އެ އަތޮޅު އަލިފުށީގައި އެއާޕޯޓެއް އެޅުމަށް އިއުލާނުކޮށް މަސައްކަތް ވެސް ވަނީ ފަށާފައެވެ.
ރިއެކްޝަންސް






