ޤުރުއާން މުބާރާތްތަކުގެ ސަބަބުން އީމާންތެރިކަން ވަރުގަދަވެ، އަޚްލާޤީ ސިފަތައް އަށަގަނޭ: މެޑަމް ސާޖިދާ
ޤުރުއާން މުބާރާތްތަކަށް ތައްޔާރުވުމަކީ ތަޖުވީދުގެ ހަމަތަކުން ރީތިކޮށް ކިޔަވަން ދަސްވުމުގެ އިތުރުން، އީމާންތެރިކަން ވަރުގަދަވެ، ކެތްތެރިކަމާއި އަޚްލާޤީ ރަނގަޅު ސިފަތައް ނަފްސުގައި އަށަގަތުމަށް މަގުފަހިވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މުވައްޒަފުންގެ މެދުގައި ބޭއްވި ދެވަނަ ޤުރްއާން އަދި މަދަހަ މުބާރާތް 1447 ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ދިވެހި ކޮންމެ ހިތެއްގެ ވިންދަކަށް ވާންވާނީ ކީރިތި މާތް ކަލާމްފުޅަށް އޮތް ފުން ލޯތްބާއި މަތިވެރި ޤަދަރާއި އިޙްތިރާމް ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ މުބާރާތްތަކަށް ތައްޔާރުވާއިރު ލިބޭ އަމިއްލަ ތަޖުރިބާތަކާއި ހޭލުންތެރިކަމަކީ، ހަމައެކަނި ހުނަރު ދެއްކުމުގެ ބަދަލުގައި މުޅި އުމުރަށް ދެމިގެންދާނެ އަގުހުރި ފިލާވަޅުތަކެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ވެމްކޯގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންނަކީ ރާއްޖޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ރެއާއި ދުވާލު އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ، އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ހޯދައިދޭ ބައެއް ކަމަށެވެ. މި މުހިއްމު ޚިދުމަތުގެ އިތުރުން، މުވައްޒަފުންގެ މެދުގައި އިސްލާމީ އަޚުލާޤާއި ދީނީ ރޫޙު އާލާކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ކުރައްވާ މަސައްކަތްތަކަކީ ތަޢުރީފު ހައްގު ކަމެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މި މުބާރާތުން ފަޚުރުވެރި ވަނަތައް ހޯއްދެވި ފަރާތްތަކަށް ތަހުނިޔާ ދަންނަވައި، ވަނަ ނުލިބޭ ބައިވެރިން އަންނަ އަހަރު ކާމިޔާބީ ހޯދުމަށް އިތުރަށް މަސައްކަތް ކުރުމަށް އެކަމަނާ ވަނީ ހިތްވަރު ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވެމްކޯ މުވައްޒަފުންގެ ޤުރުއާން އަދި މަދަހަ މުބާރާތުން 1 ވަނަ ޙާޞިލްކޮށްފައިވާ މުވައްޒަފުންނަށް އިނާމާއި ޓްރޮފީ ޙަވާކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
ރިއެކްޝަންސް





