ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ މާދަމާ

ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ ޕްރައިމަރީ މާދަމާ

4 hours ago - 14:10

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.


ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި، މި ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގައި ވޯޓްލުމުގެ ފުރުޞަތު އެ ދާއިރާގެ ޕީއެންސީ މެންބަރުންނަށް އޮންނައިރު، ވޯޓް ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހިތަދޫގެ އިތުރުން ވެރިރަށް މާލޭގައެވެ.


މި ޕްރައިމަރީގައި ޖުމލަ 727 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ކަމަށް އެ ޕާޓީން ބުނެއެވެ. ވޯޓްލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެންބަރުން ވޯޓްލާނީ ހިތަދޫގައި ބަހައްޓާފައިވާ ފޮށިތަކަށެވެ. އަދި މާލެއާއި އެހެނިހެން ރަށްރަށުގައި ތިބި އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓް ފޮށިތަކަށެވެ.


ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓަށް ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން އާއި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަޙްމަދު ސައީދެވެ.
ޕީއެންސީން ބުނީ މި އިންތިޚާބުގެ ހުރިހާ ކަމެއް ކުރިއަށްދާނީ ޕާޓީގެ އިންތިޚާބީ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އިންތިޚާބާ ގުޅޭ އިތުރު އުޞޫލުތައް އެ ކޮމެޓީން އާންމުކުރާނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.


އިލެކްޝަންސް ކޮމިޝަނުން ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހަށެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް ހަމަވާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow